އެމްޑީޕީއަށް ތާއީދުކުރައްވާ ޕާޓީއާ ގުޅިވަޑައިގަންނަވާ ފަރާތްތަކަށް މަރުހަބާ!

ދެވަނަ ބުރުގެ ކެމްޕެއިން ‘ބާރަށް ކުރިއަށް’ ފޯރިއާއެކު ކުރިއަށް ދާއިރު ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ކެނޑިޑޭޑް ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ ގިނަ އަދަދެއްގެ ބޭފުޅުން އަންނަނީ އެމްޑީޕީއާއި ގުޅިވަޑައިގަންނަވަމުންނެވެ. މިހުރިހާ ފަރާތްތަކަށް އެމްޑީޕީއިން އިޚުލާސްތެރިކަމާއެކު މަރުހަބާ ދަންނަވަމެވެ. މިއަދު ރައްޔިތުން ނިންމައިގެން ތިބި ގޮތް ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އެންމެނަށް ޔަގީންވާއިރު އެމްޑީޕީއާއި ގުޅިވަޑައިގަންނަވާ ފަރާތްތަކާއިއެކު އިންތިޚާބު ދެވަނަ ބުރުން ކާމިޔާބުކުރުމަށް އިތުރު ހިތްވަރަކާއި ބާރެއް ލިބިގެންދާނެއެވެ.

ދެވަނަ ބުރުގެ ވޯޓުލުމާ ދެމެދު މި އޮތް ދުވަސްތަކުގައި އެމްޑީޕީގެ ސިޔާސަތުތައް ވިހާވެސް ގިނަ ރައްޔިތުންނަށް އަންގައިދިނުމަކީ މުހިންމުކަމެއްކަމުން އަލަށް އެމްޑީޕީއަށް ތާއިދު ކުރައްވަން ނިންމެވި ފަރާތްތަކާއި ގުޅިގެން ކުރެވޭ މަސައްކަތުން ދިވެހިރާއްޖެ ތަރައްޤީއާއި ދިމާއަށް ގެންދެވޭނެ ކަމާމެދު ޝައްކެއްނެތެވެ. ރައްޔިތުންގެ ފަރާތުން އިންތިޚާބުވެގެން އަންނަ ސަރުކާރެއްގެ މުހިންމުކަން އެމްޑީޕީއިން އަބަދުވެސް ފާހަގަކުރަމުން އަންނަ އިރު ދެވަނަ ބުރުގެ ވޯޓާއެކު ރައްޔިތުންގެ ވެރިކަމެއް އަލުން ގާއިމްވެގެންދާނެއެވެ.

މިހާރުވެސް އެމްޑީޕީގެ ކެމްޕެއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްދާއިރު ހީވާގި ކަމާއެކު ރައީސް ނަޝީދަށް ތާއީދު ހޯއްދެވުމަށްޓަކަައި އެކުރައްވާ މަސައްކަތަށް ސާބަސްދަންނަވަމެވެ. އަދި ކުރިއަށް އޮތްތަނުގައި އަލަށް ގުޅިވަޑައިގެންނަވަމުން ގެންދަވާ ބޭފުޅުން އެމްޑީޕީގެ ކެމްޕެއިން ޓީމުތަކާއިއެކު އާ ބާރަކާއެކު މަސައްކަތް ކުރައްވާނެކަން ޔަގީންކުރަމެވެ.

ރައީސް ނަޝީދަށް 7 ސެޕްޓެމްބަރ 2013 ގައި ބޭއްވުނު ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ދިވެހި ރައްޔިތުންގެ 45.5 ޕަސެންޓްގެ ތާއީދު ވަނީ ލިބިވަޑައިގެންފައެވެ. ވީމާ މިނަތީޖާއިން އެމްޑީޕީއަކީ މިއަދުވެސް ރާއްޖޭގެ ކުރިމަގު ބައްޓަންކުރުމަށް ރައްޔިތުން އިތުބާރުކޮށްގެން ތިބި ޕާޓީކަމުގެ ޔަގީންކަން ލިބިގެންދިޔައެވެ.