ޕާކިސްތާނަށް ކުރިމަތިވި ފެންބޮޑުވުމުގެ ހާދިސާއާ ގުޅިގެން، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް ހަމްދަރުދީ ފާޅުކުރައްވައިފި

25 އޯގަސްޓް 2010

21

ޕާކިސްތާނަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން، ވަރަށް ގިނަ ބަޔަކު މަރުވެ، އެތައް މިލިއަން ބަޔަކު ހާލުގައި ޖެހުމުގެ ސަބަބުން، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ، ޕާކިސްތާން ސަރުކާރަށާއި، ރައްޔިތުންނަށް ހަމްދަރުދީ ފާޅުކުރައްވައިފިއެވެ.

ރާއްޖޭގައި ހުންނަ ޕާކިސްތާން ހައިކޮމިޝަނަށް މިއަދު މެންދުރުފަހު، އިބްރާހީމް ޙުސައިން ޒަކީ، ޒިޔާރަތްކުރައްވައި، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަޚްތަރު ޢަލީ ސުލެހްރީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ޕާކިސްތާނަކީ ރާއްޖޭގެ ވަރަށް ޒަމާންވީ ގާތް ރަޙްމަތްތެރި ޤައުމެއްކަން ފާހަގަކުރައްވައި، ޕާކިސްތާނަށް ކުރިމަތިވެފައިވާ މި ހިތާމައިގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އެމަނިކުފާނު ބައިވެރިވެވަޑައިގެން ހަމްދަރުދީ ފޮނުއްވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖެއަށް ކުރިމަތިވި މިފަދަ ހިތާމަވެރި ކޮންމެ ދަނޑިވަޅެއްގައި ޕާކިސްތާނުގެ އެހީތެރިކަން ރާއްޖެއަށް ލިބިފައިވާ ކަމަށާއި، ޕާކިސްތާނަށް ކުރިމަތިވި މި ހިތާމައިގައި ވީ މިންވަރަކުން ޕާކިސްތާނަށް އެހީތެރިކަން ފޯރުއްވައިދެއްވުމަކީ، ދިވެހި ސަރުކާރާއި ރައްޔިތުން ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމުގައި ޒަކީ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު އަޚްތަރު ޢަލީ ސުލެހްރީ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ހުރިހާ ރައްޔިތުންގެ އެހީތެރިކަން މި ދަނޑިވަޅުގައި ޕާކިސްތާނަށް ލިބެމުންދާކަމުގައި ވިދާޅުވިއެވެ. އަދި 13 އޯގަސްޓްގައި ރައީސުލްޖުމްހޫރިއްޔާ ދެއްވި ހަފްތާގެ ރޭޑިއޯ ޚިޠާބުގައި ޕާކިސްތާނު ރައްޔިތުންނަށް އެހީތެރިކަން ފޯރުއްވައިދެއްވުމަށް ގޮވާލެއްވުމާއި، އެމަނިކުފާނު ޕާކިސްތާނުގެ ބޮޑުވަޒީރާ ފޯނުން ގުޅުއްވައި ހަމްދަރްދީ ފޮނުއްވުމަކީ ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު، ޕާކިސްތާނު ރައްޔިތުންނާ އެކުގައިވާކަން ހާމަކޮށްދޭ ކަމެއްކަމުގައި ވިދާޅުވިއެވެ.

މި ޒިޔާރަތުގައި، ޕާކިސްތާނުގެ ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީވުމަށް ހުޅުވާފައިވާ ޕްރައިމް މިނިސްޓަރޒް ފްލަޑް ރިލީފް ފަންޑަށް، ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީ އެހީފުޅެއް ދެއްވިއެވެ.