މި ޕާރޓީގެ ޕާރލަމެނޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދﷲ ޖާބިރު ހައްޔަރުކުރި މައްސަލަ ކުށްވެރިކުރުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ޕާރލަމެންޓްރީ ގްރޫޕްގެ ޑެޕިއުޑީ ލީޑަރ އަދި ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޢަބްދުﷲ ޖާބިރުގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ކޯޓުގެ ޗިޓަށް ޙާޟިރުވެވަޑައިނުގަތްކަމަށް ބުނެ އެމަނިކުފާނު ދިރިއުޅުއްވާ އެޕާރޓްމަންޓުން ރޭގެ ވަގުތެއްގައި ފުލުހުން އެމަނިކުފާނު ހައްޔަރުކުރި މައްސަލަ އެމް.ޑީ.ޕީ އިން ކުށްވެރިކުރަމެވެ.

ކޯޓުގެ ޗިޓަށް ޙާޟިރުވެވަޑައިނުގަތްކަމަށް ބުނެ ރޭގައި ފުލުހުން ޢަބްދުﷲ ޖާބިރު ހައްޔަރުކުރި އިރު އެމަނިކުފާނަށް ކޯޓުގެ ޗިޓް ރައްދުވާން ޖެހޭއިރު، އެގޮތުން ޗިޓު ރައްދުވެފައި ނުވާކަން ފާހަގަކުރަމެވެ. އަދި ކޯޓަށް މީހުން ޙާޟިރުކުރުމުގައި އެކި މީހުންނާ މެދު އެކިގޮތަށް ހަދައި، އެއްވެސް ހަމައެއް އުސޫލެއް ނެތްގޮތަށް ކޯޓުން އެކަން ކުރަމުންދާކަމީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ހާމަވާންހުރި ކަންކަމެވެ. އޭގެ އެއް މިސާލެއްގެ ގޮތުން ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެމްބަރ އަޙްމަދު ނާޒިމުގެ މައްސަލަ ފާހަގަކުރަމެވެ. އަޙްމަދު ނާޒިމަށް 12 ވަރަކަށް ފަހަރު ކޯޓުން ޗިޓް ފޮނުވައި އެކިގޮތްގޮތުން ކޯޓުން އަމަލުކުރުމަށްފަހު ވެސް އެމަނިކުފާނު ހައްޔަރުކޮށްގެން ކޯޓަށް ޙާޟިރުކޮށްފައި ނުވެއެވެ.

މި މައްސަލާގައި ޢަބްދުﷲ ޖާބިރާ މެދު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އަމަލުކުރަމުންދާގޮތުން މިމައްސަލައަކީ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ހުށަހަޅައިގެން އުޅޭ މައްސަލައެއްކަން އެނގެއެވެ. މިކަން ފެށިފައިވަނީ މިހާރުގެ ޑިފެންސް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި މުޙައްމަދު ނާޒިމާއި ހޯމް މިނިސްޓަރު ކަމުގެ މަޤާމުގައި ކުރިން ހުންނެވި ޑޮކްޓަރ މުޙައްމަދު ޖަމީލު އަޙުމަދުގެ މައްޗަށް ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނެތްކަމުގެ ވޯޓު ހުށަހެޅުނު ހިސާބުންނެވެ. އިތުބާރު ނެތްކަމުގެ ވޯޓެއް ހުށަހެޅިފައިވާ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރު ނުކުރެވޭނޭކަމަށް މަޖިލީހުގެ ޤަވާޢިދުގައި ސާފުކޮށް ބަޔާންކޮށްފައިވާހިނދު، ކާށިދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރ ޢަބްދުﷲ ޖާބިރާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ޙާމިދު ޢަބްދުލްޣަފޫރު އެ ޤަވާޢިދާ ވެސް ޚިލާފަށް ހައްޔަރުކޮށްފައިވާތީ، އެކަމަކީ އެ އިތުބާރު ނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި މިހާރު މިއޮތް ސަރުކާރުން ހިންގި އަމަލެއްކަމަށާއި، އަދި މިހާރު މިއޮތް ސަރުކާރުން ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ހިންގި ޖަރީމާއެއްކަން އޭރުވެސް ފާހަގަކުރެވިފައިވެއެވެ.

އަދި ހަމަ އެހެންމެ، ޕްރައިވެޓް ރަށެއް ކަމުގައިވާ ހޮނޑައިދޫއަށް ރޭގަނޑުގެ ދަންވަރުގެ ވަގުތުގައި ކަނޑުމަގުން ފުލުހުން އެރުމަކީ ކުރިން އަމަލުކުރަމުން ދިއަ ގޮތަކަށް ނުވާހިނދު، ރޭގަނޑުގެ ދަންވަރުގެ ވަގުތެއްގައި ފުލުހުން އެރަށަށް ކަނޑުމަގުން އަރައި ޢަބްދުﷲ ޖާބިރަށް ބޮޑެތި އަނިޔާކުރުމަށްފަހު ހައްޔަރުކޮށްފައިވާކަން ޕްލިސް އިންޓެގްރިޓީ ކޮމިޝަނުގެ ތަޙްޤީޤުން ވެސް އެނގެން އޮވެއެވެ. ނަމަވެސް ފުލުހުން ހިންގި މިފަދަ އެއްވެސް ޤާނޫނާ ޚިލާފު އަމަލަކާމެދު ނުވަތަ ލާއިންސާނީ އަނިޔާއާމެދު އެއްވެސް ފުލުހަކާމެދު ފިޔަވަޅެއް އަޅާފައިނުވާކަން ފާހަގަކުރަމެވެ. އެއާ ޚިލާފަށް ޢަބްދުﷲ ޖާބިރާމެދު އަމަލުކުރަމުންދާ ގޮތުން އެމަނިކުފާނުގެ މައްޗަށް ހުށަހެޅިގެން އުޅޭ މައްސަލައަކީ ޒާތީ ގޮތުންނާއި ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ހުށަހެޅިގެން އުޅޭ މައްސަލައެއްކަން ޤަބޫލުކުރެވެއެވެ. އަދި އެމަނިކުފާނު ކޯޓަށް ޙާޟިރުކުރަންކަމަށް ބުނެ މިހާރު ހައްޔަރުކޮށްފައި އެވަނީ ޤާނޫނާ ޚިލާފަށް ވަރަށް ނާއިންސާފުންކަމަށް އެމް.ޑީ.ޕީ އިން ދެކެމެވެ.

އެހެންކަމުން ޢަބްދުﷲ ޖާބިރު ވަގުތުން ބަންދުން ދޫކޮށްލުމަށާއި އެމަނިކުފާނުގެ މައްޗަށް ސިޔާސީގޮތުން އުފުލާފައިވާ ދަޢުވާ ހުއްޓާލުމަށާއި އެމަނިކުފާނަށް ކޮށްފައިވާ އަނިޔާއަށާއި ޤާނޫނާ ޚިލާފަށް ހައްޔަރުކުރި ކުރުމަށް އިންސާފު ހޯދައިދިނުމަށް މި ސަރުކާރަށާއި މުވައްސަސާތަކަށް މި ޕާރޓީން ގޮވާލަމެވެ.

11 ސެޕްޓެމްބަރ 2013

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް