ރިޔާސީ އިންތިޚާބުގައި އެމް.ޑީ.ޕީގެ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ހޯއްދެވި ބޮޑު ކާމިޔާބީއަށްޓަކައި އެމަނިކުފާނަށް މި ޕާރޓީން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން

noosbayan

2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އިއްޔެ ދިވެހި ރާއްޖޭގެ ރައްޔިތުން ލެއްވި ވޯޓުން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އަނެއް ތިން ކެންޑިޑޭޓުންގެ މައްޗަށް ހޯއްދެވި ބޮޑު ކާމިޔާބީއަށްޓަކައި ރައީސް މުޙައްމަދު ނަޝީދަށް މި ޕާރޓީން ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ.

އިއްޔެގެ ވޯޓުން ރައީސް މުޙައްމަދު ނަޝީދު ވަނީ ނުވަދިހަ ފަސްހާހަށްވުރެ ގިނަ ވޯޓު ހޯއްދަވާފައިކަމާއި، އަދި މި އަދަދަކީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ހުރިހާ ބާރުވެރިކަމަކާއެކު ވެރިކަމުގައި ހުންނަވައިގެން ހޯއްދެވި ވޯޓުގެ އަދަދަށްވުރެ އެތައް ހާސް ގިނަ އަދަދެއްކަން އުފަލާއެކު ފާހަގަކުރަމެވެ.

މިފަހަރުގެ އިންތިޚާބުގައި ވެސް ރައީސް މުޙައްމަދު ނަޝީދާ ވާދަކުރައްވާފައިވަނީ މިހާރުގެ ވެރިކަމުގައި ތިއްބެވި ތިން ކެންޑިޑޭޓުންކަމާއި، އޭގެތެރެއިން ޚާއްޞަކޮށް މިހާރު ވެރިކަމަށް އަރާވަޑައިގެން ހުންނެވި ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު ހިމެނިވަޑައިގަންނަވާކަމާއި އަދި އެ ހުރިހާ ކެންޑިޑޭޓުންގެ މައްޗަށް އާދަޔާ ޚިލާފު ބޮޑު ކާމިޔާބީއެއް ރައީސް މުޙައްމަދު ނަޝީދު ހޯއްދަވާފައިވާކަން ފާހަގަކުރަމެވެ. އަދި ނުހަނު ހައިރާންކުރުވައި މުޅި ދުނިޔޭގެ ރެކޯރޑަކަށް ވެދިޔަ ގޮތަށް ވެރިކަމުގައި ހުންނަވައިގެން ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކު އިންތިޚާބުގެ ވޯޓުގެ އެންމެ 5% ވޯޓުގެ މިންވަރަށް ވޯޓު ހޯއްދަވައި ލަދުވެތިގޮތަކަށް ބަލިވެވަޑައިގަންފައިވާކަން ފާހަގަކުރަމެވެ. މިކަމުން ވެސް އެގި ހާމަވަނީ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރު ވައްޓާލާފައިވަނީ ބަޣާވާތަކުން ކަމާއި އަދި އެސަރުކާރަކީ އޭރުވެސް ރައްޔިތުންގެ މެދުގައި މަޤުބޫލު ސަރުކާރެއްކަމެވެ.

އަދި ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުގެ ސައްޙަކަން މުޅިން ގެއްލިފައިވާކަމާއި ރައްޔިތުންގެ އެއްވެސް އިތުބާރެއް ނެތްކަން ރައްޔިތުން އެވަނީ ވޯޓުން ހާމަކޮށްދެއްވާފައިކަން ފާހަގަކުރަމެވެ. އެހެންކަމުން އެގޮތުން ބެލިކަމުގައި ވީނަމަވެސް އޭނާ ރާއްޖޭގެ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރެއްވުމަށް ހުންނެވުމުގެ އެއްވެސް ޙައްޤެއް ނެތްކަމަށް ވާތީ މިހާރުން މިހާރަށް ވެރިކަމުން ފައިބައިވަޑައިގަތުމަށް މި ޕާރޓީން ގޮވާލަމެވެ.

އަދި މި ފުރުސަތުގައި އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓަށް ތާޢީދު ކުރައްވައި ވޯޓުދެއްވި އެންމެހައި ފަރާތްތަކަށް އިޚްލާސްތެރިކަމާއެކު ޝުކުރާއި މުބާރިކްބާދީ އަރިސްކުރަމެވެ. އަދި ރިޔާސީ އިންތިޚާބުގެ ކުރިއަށް އޮތް ބުރުގައި ވެސް އެގޮތުގައި ސާބިތުކަމާއެކު މި ޕާރޓީއަށާއި މި ޕާރޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވައި ރައީސް މުޙައްމަދު ނަޝީދު ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް ހޮއްވަވައިދެއްވުމަށް މި ޕާރޓީން އެދި ދަންނަވަމެވެ.

8 ސެޕްޓެމްބަރ 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރޭޓެރިއޭޓް