އެއްފަޅުތެރޭގައި އުފެދިފައިވާ ރަށްތައް ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތަކީ މުޙިއްމުކަމެއް ކަމުގައި ސަރުކާރުން ދެކިވަޑައިގަންނަވާ ކަމުގައި ސްޓޭޓް މިނިސްޓަރ އަޙުމަދު ޝަފީޤު ވިދާޅުވެއްޖެ

23 އޯގަސްޓް 2010

އެއްފަޅުތެރޭގައި އުފެދިފައިވާ ރަށްތައް ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތަކީ މުހިއްމުކަމެއް ކަމުގައި ސަރުކާރުން ދެކިވަޑައިގަންނަވާ ކަމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއަރޒް އަޙުމަދު ޝަފީޤު ވިދާޅުވެއްޖެއެވެ. އަހުމަދު ޝަފީޤު މިހެން ވިދާޅުވީ އެމްއެންބީސީ ވަންގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ރަށްތައްގުލާލުން މި މަޢުޟޫއުގެ މައްޗަށް ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
މިރޮނގުން ވާހަކަފުޅުދައްކަވަމުން ސްޓޭޓް މިނިސްޓަރ އަޙުމަދު ޝަފީޤު ވިދާޅުވީ ސަރުކާރަށް ލިބިފައިވާ ނުވަތަ ލިބެމުންދާ މަޢުލޫމާތުގެ މައްޗަށް ބުރަވެ އެއްޗެއް ދަންނަވާނަމަ ދެންނެވޭނީ ރާއްޖޭގެ ބައެއްރަށްތައް ކޯޒްވޭއަކުން ގުޅާލުމަކީ ކުރީސަރުކާރުގައި ވެސް އަދި މިކަމާއި ގުޅުންހުރި ކޮމެޓީތަކުގައި ވެސް ދެކެވިފައިވާ ވާހަކަތަކެއްކަމަށެވެ. ޚާއްޞަކޮށް މިހާރު، މިގޮތަށް ކޯޒްވޭއިން ގުޅެންހުރި ރަށްރަށް ވަރަށް އިސްކަމެއް ދެއްވައިގެން ގުޅާލުމަށްޓަކާ އީ.އައި.އޭ ހެދުމާއި އަދި މިކަން ކުރެވެންއޮތް އުޞޫލުތަކެއް ހޯދައިގެން ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ގުޅާލުމަކީ މުޙިއްމުކަމެއްކަމުގައި ސަރުކާރުން ދެކޭ ކަމަށް އަހުމަދު ޝަފީޤު ވިދާޅުވިއެވެ. މިގޮތަށް ގުލާލުމަށް ހަމަޖައްސަވާނީ ކިތައް ރަށް ކަމާއި އަދި އެއީ ކޮންމުއްދަތެއްކަން ދެންނެވެން އަދި ނެތްކަމުގައި ވެސް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއަރޒް އަޙުމަދު ޝަފީޤު ވިދާޅުވިއެވެ.