އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާމީހުން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

23 އޯގަސްޓް 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓުނެގުން އޮންނާނީ އިލެކްޓްރޯނިކްކޮށް ހަމައެކަނި އެސްއެމްއެސް އިން ވޯޓުލެވޭ ގޮތަށް ކަމަށާއި، މި އިންތިޚާބު ބާއްވާ ދުވަހު އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާނަމަ، އެމީހަކު ވޯޓުލާން ބޭނުންވާ ފޯން ނަންބަރު އެމްޑީޕީ އޮފީހުގައި ރަޖިސްޓްރީކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ. އަދި މާލޭގައި ދިރިއުޅުއްވާ އެހެން ރަށްރަށުގެ ނުވަތަ ދާއިރާތަކުގެ ބޭފުޅުން ވޯޓުލުމުގެ ކުރިން ރަޖިސްޓްރީކުރަން ނުޖެހޭނެކަމަށާއި، އެ މީހެއް ނިސްބަތްވާ ދާއިރާއެއްގެ ކެނޑިޑޭޓުންނަށް ވޯޓުލެވޭނެ އިންތިޒާމް އެމްޑީޕީ ހަރުގޭގައި ހަމަޖެހިގެން ދާނެކަމަށްވެސް އެޕާޓީން ބުނެއެވެ.

އެމްޑީޕީން މިއަދު ނެރުނު އިޢުލާނެއްގައިވާ ގޮތުން، ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ވޯޓިންގ ސްޓޭޝަނެއް ޤާއިމްކޮށް، އެރަށެއްގެ އެމްޑީޕީ މެންބަރުންގެ ވޯޓު އެސްއެމްއެސް ކުރާނޭ ވަކި ޚާއްޞަ ފޯން ނަންބަރެއް ކަނޑައެޅޭނެ އެވެ. އަދި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ފޯން ނަންބަރު ރަޖިސްޓްރީކޮށްފައިވާ އެއްވެސް ފަރާތަކަށް ވޯޓިންގ ސްޓޭޝަނެއްގެ ފޯންނަންބަރަކުން ވޯޓު އެސް އެމްއެސް އެއް ނުކުރެވޭނެކަމަށާއި، ވޯޓުލުމަށް ރަޖިސްޓްރީކުރާ ފޯން ނަންބަރަކީ ކޮންމެހެން އެމީހެއްގެ އަމިއްލަ ނަމުގައި ރަޖިސްޓްރީ ވެފައިވާ ފޯން ނަންބަރަކަށްވާން ނުޖެހޭ ކަމުގައި އެ އޮފީހުން ބުނެއެވެ.

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބު 2010 ގައި އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ވުމަށް އެމީހެއްގެ ފުރިހަމަ ނަމާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑް ނަންބަރު، މަންމަގެ ނަން، ދާއިމީ އެޑްރެސް، މިހާރު ދިރިއުޅޭ އެޑްރެސް، އިންތިޚާބީ ދާއިރާ އަދި ވޯޓުލާ ފޯން ނަންބަރު، ފެކްސް ނުވަތަ އީމެއިލްގެ ޒަރީޢާއިން 29 އޯގަސްޓް 2010 ވާ އާދީއްތަ ދުވަހުގެ ހަވީރު 4.00 ގެ ކުރިން އެމްޑީޕީ އޮފީހަށް ފޮނުވުމަށް އެއޮފީހުން ވަނީ އެދިފައެވެ. މެއިލް އެޑްރެހަކީ register@mdp.org.mv އަށެވެ.
އެމްޑީޕީ އޮފީހުގެ ފެކްސް ނަންބަރަކީ 3322960 އެވެ.

އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގައި ވޯޓުދެވޭނީ 31 އޮގަސްޓް 2010 ގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކް އެކަނިކަމަށް އެމްޑީޕީ އޮފީހުން މަޢުލޫމާތުދެއެވެ.