ޑރ. ޝަހީދުގެ އިތުބާރު ނެތް ކަމަށް ޑީއާރުޕީން ނެގި ވޯޓު ނާކާމިޔާބުވެ އެމަނިކުފާނާމެދު އިތުބާރު އޮތް ކަމަށް މަޖިލީހުން ނިންމައިފި

10 ނޮވެމްބަރ 2009
ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ޑިއާރުޕީ އާއި ޕީއޭ އިން މިއަދު ނެގި ވޯޓުގައި އެ ދެޕާޓީއަށް ނާކާމިޔާބުވެ، ޑރ. ޝަހީދުގެ މައްޗަށް އިތުބާރު އޮތްކަމަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ޑީއާރުޕީ އާއި ޕީއޭ އަށް ނިޞްބަތްވާ 35 މެންބަރަކު ސޮއިކޮށް އޮކްޓޫބަރު މަހުގެ 28 ވަނަ ދުވަހު މަޖިލީހަށް ވެއްދި މައްސަލަ މަޖިލީހަށް ވެއްދުމަށް ފަހު ޑީއާރުޕީން ބުނެފައިވަނީ ރަށުގައި ނޫޅުއްވުމުގެ ސަބަބުން ސޮއި ނުކުރައްވާ 2 ބޭފުޅަކު އެބަތިއްބެވި ކަމަށާއި އަމިއްލަ މެންބަރުންގެ ތެރެއިން 2 މެންބަރުންގެ ވޯޓާއި އެކު މިވޯޓު ކާމިޔާބު ކުރާނޭ ކަމުގައެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ޑރ. ޝަހީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ވޯޓު ދެއްވާފައިވަނީ 37 މެންބަރުންނެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 2 މެންބަރަކު ތިއްބެވި އިރު އެމްޑީޕީއަށް ނިޞްބަތްވާ މެންބަރުން މިވޯޓުގައި ބައިވެރިވެ ވަޑައިގެންފައެއް ނުވެއެވެ.