‘އާ ބާރެއް އެއްބުރުން’ ކެމްޕެއިން ޓީމް އދ،ފ،މ އަތޮޅުގައި

ރިޔާސީ އިންތިޚާބަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދަށް ތާއީދު ހޯދުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދﷲ ޝާހިދު އިސްވެހުންނަވައި ‘އާ ބާާރެއް އެއްބުރުން’ ގެ ނަމުގައި ކެމްޕެއިން ދަތުރެއް އދ، ފ، އަދި މ އަތޮޅަށް މިއަދު ފައްޓަވައިފައެވެ. އެމަނިކުފާނާއެކު ޕާޓީގެ ގައުމީ މަޖިލީހުގެ ބަައެއް މެންބަރުންނާއި، ޕަރލިމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން އަދި އަތޮޅު ކޯރޑިނޭޓަރުން ބައިވެރިވެވަޑައިގަންނަވައެވެ.

މިއަދު (24 އޮގަސްޓް 2013)ގައި ކެމްޕެއިން ޓީމުން ވަނީ އދ އަތޮޅުން އޮމަދޫ، ހަންޏާމީދޫ، ކުނބުރުދޫ، މަހިބަދޫ، މަންދޫއަށް ވަޑައިގެންފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މާލޭގައި ބޭއްވުނު މެނިފެސްޓޯ ޕެރޭޑް އަދި ޖަލްސާގައި ބައިވެރިވަޑައިގަތުމަށްފަހު ކެމްޕެއިން ޓީމް އައި ގުޅިވަޑައިގެންފައިވަނީ މިރޭގެ ވަގުތެއްގައެވެ. 25 އަދި 26 އޮގަސްޓް ގައި ‘އާ ބާރެއް އެއްބުރުން’ ކެމްޕެއިން ޓީމް އިން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނިލަންދޫ، މުލި، ދިއްގަރު އަދި މަޑުއްވަރީއަށެވެ.

ކެމްޕެއިން ޓީމުން ހަރަކާތްތެރިވާ ރަށްރަށުގައި ދޮރުން ދޮރަށް ހިނގާ މިއަދު ނެރެވިގެންދިޔަ އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ކަންތައްތައ އޮޅުންފިލުވައިދެއްވާނެއެވެ. އަދި ކަންމަތީ ބައްދަލުވުންތަކާއި ހަރުގެ ޖަލްސާތައް ބާއްވަވައި ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ކެމްޕެއިން ދަތުރު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގަންނަވާނީ 26 އޮގަސްޓްގައެވެ.