ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު މަރާލާނެ ކަމުގެ އިންޒާރުދީ އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނަށް މޫނުނިވާކޮށްގެން ތިބި ބަޔަކު ދިން ހަމަލާ ކުށްވެރިކުރުން

05 ނޮވެމްބަރ 2009 (ބުރާސްފަތި)

ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދުގެ ޢާއިލާގެ ބޭފުޅުން އުޅުއްވާ ގެއެއް ކަމަށްވާ މ. ތިމަރަފުށީ ގެއަށް މިއަދު މެންދުރު މޫނުނިވާކޮށްގެން ތިބި ބަޔަކު ވަދެ ޑރ. ޝަހީދު މަރާލާނޭ ކަމަށް ބުނެ އެމަނިކުފާނުގެ އާއިލާގެ ބޭފުޅުންނާ މެދު މާރާމާރީ ހިންގައި އެގެއިން ވައްކަން ކޮށް، އަނިޔާވެރި އަމަލުތަކެއް ހިންގާފައިވާތީ އެކަމާ ހިތާމަކޮށް، މި ފިނޑި އަމަލު އެމްޑީޕީން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.
މިއަދު މެންދުރު 12.30 ހާއިރު މޫނު ނިވާކޮށްގެންތިބި 8 މީހުންގެ ގްރޫޕަކުން ވަނީ ޑރ. ޝަހީދުގެ މައިދައިތަ އުޅުއްވާ ގެއަށް ވަދެ ޑރ. ޝަހީދު މަރާލާނޭ ކަމަށް ބުނެ މަރުގެ އިންޒާރުދީ، އެގޭގައި އެވަގުތު ތިއްބެވި ޑރ. ޝަހީދުގެ އަނބިކަނބަލުންގެ މަންމައާއި ދޮންބައްޕަގެ އަނގަމަތީގައި ޓޭޕް އަޅައި އެ މުސްކުޅި ދެމަފިރިންގެ ގައިގައި ރަހުމްކުޑަ ގޮތަކަށް ތަޅައި އަނިޔާކޮށް، އެގެއިން ވައްކަން ކުރުމަށްފަހު ފިލާފައެވެ.
މި ޕާޓީން ދެކޭގޮތުގައި، ބޭރު ޤައުމުތަކުގެ ޚާރިޖިއްޔާއާއި ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންގެ ތެރެއިން ގިނަބައެއްގެ އިތުބާރާއި ތާޢީދު ލިބިފައިވާ، ޑރ. ޝަހީދު ފަދަ ބޭފުޅަކާ މެދު މިފަދަ ލާއިންސާނީ އަނިޔާވެރި ހަރުކަށި އަމަލުތައް ހިންގުމަށް، ގްރޫޕްތަކަށް ހިތްވަރު ލިބެނީ އެމަނިކުފާނުގެ އަގުވައްޓާލައި އާންމުންގެ ހިތުގައި އެމަނިކުފާނާއި ސަރުކާރާއި މެދު ނަފްރަތު އުފެއްދުމަށް ރައްޔިތުންގެ މަޖިލީހާއި، ތަފާތު ސިޔާސީ ފޯރަމް ތަކުގައި އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ދޮގު ވާހަކަ ތަކުގެ ސަބަބުންނެވެ.
ވީމާ ސަރުކާރުގެ އިސްވެރިންނާމެދު ރައްޔިތުންގެ ހިތުގައި ނަފްރަތު އުފައްދައި ދިވެހި ރައްޔިތުންގެ އަޣްލަބިއްޔަތުން ހޮވާފައިވާ ޤާނޫނީ ސަރުކާރު ވައްޓާލުމަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ދޮގުވާހަކަތައް ދެއްކުން މި ހިނދުން މިހިނދަށް ހުއްޓާލައި، ޑިމޮކްރެސީގެ ރިވެތި އުޞޫލާ ހަމަތަކުގެ މަތިން ޒިންމާދާރު ކަމާއެކު ސަރުކާރަށް ފާރަވެރިވުމަށް މިޕާޓީން އިދިކޮޅު ސިޔާސީ ފަރާތްތަކަށް ގޮވާލަމެވެ.
އަދި މި ލާއިންސާނީ ޢަމަލު ހިންގި ފަރާތްތައް ވީހާވެސް އަވަހަށް ހިފާހައްޔަރުކޮށް، މިމައްސަލައިގެ ތަޙްޤީޤް އަވަސްކުރުމަކީ ސިޔާސީ އިސްފަރާތްތަކާއި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ކަމަކަށް ވާތީ މި އަނިޔާވެރި އަމަލު ރާވައި، ހިންގިކަމަށް ތުހުމަތު ކުރެވޭ ފަރާތްތައް ވަގުތުން ހައްޔަރުކޮށް މިމައްސަލައިގެ ތަޙްޤީޤް އަވަސްކޮށްދެއްވުމަށް ދިވެހި ފުލުހުންގެ ބޭކަލުންނަށް މިޕާޓީން އިލްތިމާސް ކުރަމެވެ.