ޝަހީދުންގެ ޒިކުރާ އާކުރުމުގެ ނަމުގައި ޑީއާރުޕީން ސިޔާސީ މަޤްޞަދެއް ޙާޞިލްކުރުމަށް މަސައްކަތް ކޮށްފައި ވާތީ އެކަން އެމްޑީޕީން ކުށްވެރި ކުރުން

3 ނޮވެމްބަރު 1988 ގައި ޝަހީދުވެދިޔަ ދިވެހިންގެ ޒިކުރާ އާކުރުމުގެ ނަމުގައި، އެ މާތް ޝަހީދުންގެ ހުރުމަތްކެނޑޭ ގޮތަށް، ސިޔާސީ މަޤްޞަދެއް ޙާޞިލްކުރުމަށް، ޑީއާރުޕީ އިން ރޭ މަގުމައްޗަށް ނިކުމެ ހިންގާފައިވާ ޙަރަކާތްތައް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ދެކޭ ގޮތުގައި، ދިވެހި ލޮބުވެތި ރައްޔިތުންގެ ތެރެއިން 3 ނޮވެމްބަރުގެ ހާދިސާގައި ޝަހީދުވެފައިވާ ބޭފުޅުންގެ ޒިކުރާ އާކުރާން ޖެހިފައިވާ މި ދަނޑިވަޅުގައި، އެބޭފުޅުންގެ ޒިކުރާ އާކުރުމުގެ ނަމުގައި ޑީއާރުޕީން މަގުމައްޗަށް ނިކުމެ، ރޭ މާލޭގައި ހިންގާފައިވާ ހަރަކާތްތަކަކީ ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވައްދައި، އާންމު ރައްޔިތުންނަށް ޙަޤީޤަތް އޮޅުވާލައި، ދިވެހި ރައްޔިތުންގެ ފުރިހަމަ ތާޢީދާ އެކު އުފެދިފައިވާ ޤާނޫނީ ސަރުކާރާއި ރައްޔިތުން ޖައްސައި، ރައްޔިތުންގެ ހިތްތަކުގައި އަދުގެ އޯގާތެރި ސަރުކާރާއި މެދު ނަފްރަތު އުފެއްދުމަށް ހިންގާފައިވާ ކެހިވެރި ޢަމަލު ތަކެކެވެ. އަދި މިއީ އެދުވަހުގެ ހަމަލާގައި ޝަހީދު ވެފައިވާ ލޮބުވެތި ދިވެހި ދަރީންގެ ހުރުމަތް ކަނޑާލުމަށް ޑީއާރުޕީއިން ހިންގާފައިވާ ލާ އިންސާނީ ޢަމަލެއް ކަމުގައި މިޕާޓީން ދެކެމެވެ.
3 ނޮވެމްބަރު 1988 ގައި ޝަހީދުވެ ދިޔަ އަގުހުރި ދިވެހި ދަރީންގެ ޒިކުރާ އާކުރުމަކީ ދިވެހި ކޮންމެ ރައްޔިތެއްގެ މެ ވާޖިބެކެވެ. އަދި މި ޒިކުރާ އާކުރާން ޖެހޭނީ ސިޔާސީ ފިކުރުން އެއްކިބާވެ، ޤައުމީ މަޞްލަޙަތަށް އިސްކަންދީ، އެ މާތް ޝަހީދުންގެ ޙުރުމަތް ނުގެއްލޭ ގޮތަށެވެ. އެމްޑީޕީން އެދެނީ މި ހަމަލާގައި ޝަހީދުވެދިޔަ އެންމެހާ ދިވެހީންގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުމެވެ.