އެމްޑީޕީއިން ބޭނުންވަނީ ވަޒީފާ އަދާކުރާ މީހުން އަނބިދަރިންނާ ގާތުގަ އުޅެން: ޑރ. މުސްތޮފާ ލުތުފީ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވެރިކަމެއްގައި ބޭނުންވަނީ ވަޒީފާ އަދާކުރާ މީހުން ފަސޭހަކަމާއެކު އެމީހުންގެ އަނބިދަރީންނާއެކު ގާތުގަ އުޅެންކަމަށް ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވެއްޖެއެވެ. ހދ. ހަނިމާދޫގައި އިއްޔެ (22 އޮގަަސްޓް 2013) ގައި ‘ނެތޭ ވެވޭކަށް ބާޣީއަކަށް’ ޝިއާރުގެ ދަށުން ބޭއްވުނު ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނުވަނީ ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު ނުލިބޭ މައްސަލައަށް އަލިއަޅުވައިލައްވައިފައެވެ.

އެމްޑީޕީއިން ހުށައަޅައިފައިވާ މެނިފެސްޓޯގައި މަސައްކަތްތެރީންނަށް އެމީހުންގެ ހައްގުތައް ލިބުމާއެކު ވަޒީފާގެ ފުރުސަތު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އުފެއްދުމަށް ވަރަށް ބޮޑަށް ބަލާފާވާާނޭކަމަށް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވިއެވެ. މިގޮތުން ގެސްޓް ހައުސް ވިޔަފާރިއަކީ އޭގެ އެއްމިސާލުކަމަށާއި ދަރީން ބޮޑެތިވަމުން އަންނަ އިރު އެމީހުންގެ މަންމަ އާއި ބައްޕަ މާދުރުގައި ވަޒީފާގައި އުޅެން ޖެހިގެން ނުވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކުދިންނަށް ރަނގަޅު ތަރުބިއްޔަތު ލިބޭނީ ދެމީހުންގެ ފަރާތުން ބައިވެރިވުން ލިބިގެންކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން ކުރިއަށް އޮތް ޖީލު ބިނާކުރުމަށް އެއީ މުހިންމުކަމެއްކަން ފާހަގަކުރެއްވިއެވެ.

ޑރ. މުސްތޮފާ ލުތުފީގެ ވާހަކަފުޅުގައި އެމްޑީޕީއިން މިހާރު ކުރަމުންދާ މަސައްކަތަށް އަލިއަޅުވައިލައްވާފައެވެ. މިގޮތުން މިހާރު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވަމުންދާ ޓީމްތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވިއެވެ. އަދި އެޓީމްތަކުގެ މަސައްކަތުން އެއްދުވަހުން އަނެއްދުވަހަށް އެމްޑީޕީއަށްކުރާ ތާއީދު އިތުރުވަމުންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންތިޚާބުން ބަލިވާނޭކަން އިދިކޮޅު ފަރާތްތަކަށް ޔަގީންވާތީ މަސްނުބޭނެންޔާ ކަނޑު ނުބައިވާ ބީދައިން މިހާރު އިލެކްޝަންސް ކޮމިޝަން ގޯސްވެފައިވާކަމަށްވެސް ވިދާޅުވިއެވެ.

ބަޣާވާތަށް އަލިއަޅުވައިލަމުން ޑރ. މުސްތޮފާ ލުތުފީ ވިދާޅުވީ އެބަޣާވާތަށްފަހު ރައްޔިތުން ކައިރީ އެމްޑީޕީގެ ސަރުކާރާއި މެދު ދެކޭގޮތް އެހި ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުން ތިބީ ފުދިގެން ކަމަށާއި ދެން އަންނަ ސަރުކާރެއްގައި ބޭނުންވާ ކަންތައްތައް އޮޅުން ފިލުވި ކަމަށް އެމަނިކުފާނު ވިދާޅުިވިއެވެ. އަދި އެމްޑީޕީގެ ސިޔާސަތުތަކަކީ ރައްޔިތުން ބޭނުންވާގޮތަށް އެކަށައަޅައިފައިވާ، ހުރިހާ ބޭނުމެއް ފުދޭނެ ސިޔާސަތުތަކެއްކަމަށް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވިއެވެ. ދެންއަންނަ އެމްޑީޕީގެ ސަރުކާރަކީ ތަރައްގީއަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭނެ ސަރުކާރެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިދެއަހަރަކީ ސަރުކާރުން އެންމެ ބޮޑު ބަޖެޓެއް ފާސްކުރި ދެއަހަރު ކަމަށާއި އެހެންނަމަވެސް ހުރިހާ މަސައްކަތެއް އޮތީ ހުއްޓިފައިކަމަށް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވިއެވެ.