ނިއުސްވީކް އިން ހޮވި ވާރލްޑްސް 10 ބެސްޓް ލީޑަރސްގެ ލިސްޓްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހިމެނިވަޑައިގެންފި

18 އޯގަސްޓް 2010

ރާމިޒް –

b578f2a52a0229873fefc2a4b06377fa

“ނިއުސްވީކް” މަޖައްލާއިން ހޮވި “ވާރލްޑްސް 10 ބެސްޓް ލީޑަރސް” ގެ ލިސްޓްގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހިމެނިވަޑައިގެންފިއެވެ. މި ލިސްޓްގައި ރައީސުލްޖުމްހޫރިއްޔާ ހިމެނިވަޑައިގެންފައިވަނީ ދެ ވަނައިގައެވެ.
ދުނިޔޭގެ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާއި، އެކަމުގެ ސަބަބުން ރާއްޖެއާއި ރާއްޖެ ފަދަ ކުދި ޤައުމުތަކަށް ކުރިމަތިވެފައިވާ ނުރައްކާތައް ދުނިޔެއަށް ހާމަކުރައްވައި، މިކަން ޙައްލު ކުރުމަށް މުޅި ދުނިޔެއިން މަސައްކަތް ކުރުމަށް ބާރުއެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާފައިވާ މަސައްކަތްޕުޅުތައް ނިއުސްވީކުގެ މިހަފްތާގެ ޢަދަދުގައި ފާހަގަކޮށްފައިވެއެވެ. އަދި އެމަނިކުފާނަކީ “ގްރީން ގޫރޫ”އެއް އަދި ތިމާވެށި ޙިމާޔަތް ކުރުމަށް މަސައްކަތް ކުރާ މީހުންގެ މެދުގައި ބަޠަލެއްގެ ގޮތުގައިކަންވެސް ފާހަގަކޮށްފައިވެއެވެ.
“މިދިޔަ އަހަރު ބޭއްވުނު އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގެ ކުރިން، މޫދު އަޑީގައި ބޭއްވެވި ކެބިނެޓްގެ ބައްދަލުވުމުން ރައީސް ނަޝީދު ދުނިޔޭގެ ސަމާލުކަން ހޯއްދެވިއެވެ. ކޯޕަންހޭގަންގައި، ރާއްޖެއަކީ ދުނިޔޭގެ ފުރަތަމަ ކާބަން ނިއުޓްރަލް ޤައުމަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެން، ދުނިޔޭގެ މުއްސަނދި ޤައުމުތައް ލަދު ގަންނަވާލެއްވިއެވެ. 2010ވަނަ އަހަރުގެ ޗެމްޕިއަންސް އޮފް ދި އާރތް ގެ ގޮތުގައި އ.ދ.އިން ހޮވި ހަ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނު ހޮވާފައިވެއެވެ.” ނިއުސްވީކް މަޖައްލާގެ އޮންލައިން އެޑިޝަންގައި ލިޔެފައިވެއެވެ.
ނިއުސްވީކްގެ އޮންލައިން އެޑިޝަންގައި، ރައީސުލްޖުމްހޫރިއްޔާއާ ބެހޭގޮތުން ހިމަނާފައިވާ ލިޔުމާއެކު، މިދިޔަ އަހަރު އ.ދ.ގެ ޢާންމު މަޖިލީހުގެ ޖަލްސާގައި އެމަނިކުފާނު ކުރެއްވި ތަޤްރީރުގެ ވީޑިއޯއެއްވެސް ހިމަނާފައިވެއެވެ. މި ތަޤްރީރުގައި، ދުނިޔެ ހޫނުވުމަށް މެދުވެރިވާ ވިހަ ގޭސް ޖައްވަށް ދޫކުރުން ވަރަށް ބޮޑުތަނުން މަދު ކުރުމަށް ދުނިޔޭގެ ވެރިންނަށް ރައީސުލްޖުމްހޫރިއްޔާވަނީ ގޮވާލައްވާފައެވެ.
ނިއުސްވީކުން ހޮވި ދުނިޔޭގެ އެންމެ މޮޅު ވެރިންގެ ލިސްޓްގެ އެއްވަނައަށް ހޮވާފައިވަނީ އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރު ޑޭވިޑް ކެމަރަންއެވެ. މި ލިސްޓްގައި ހިމެނިވަޑައިގަންނަވާ އެހެން ވެރިންގެ ތެރޭގައި ފްރާންސްގެ ރައީސް ނިކޮލަސް ސަރްކޯޒީއާއި، އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންހްއާއި، ބްރެޒިލްގެ ރައީސް ލޫލާ ޑަ ސިލްވާއާއި، ދެކުނު ކޮރެއާގެ ރައީސް ލީ ހިމެނިވަޑައިގަންނަވައެވެ.
ނިއުސްވީކަކީ ދުނިޔޭގެ އެންމެ މަޤްބޫލު އެއް ސިޔާސީ މަޖައްލާއެވެ. ހަފްތާއަކު، މި މަޖައްލާގެ 1.5 މިލިއަނަށް ވުރެ ގިނަ ކޮޕީ ވިކެއެވެ.
2009ވަނަ އަހަރު، “ނިއުސްވީކް”ގެ އެންމެ ވާދަވެރި މަޖައްލާކަމުގައިވާ “ޓައިމް” މަޖައްލާއިން ވަނީ އެ އެމަޖައްލާގެ “ހީރޯ އޮފް ދި އެންވަޔަރަންމަންޓް”ގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހޮވާފައެވެ.
ރައީސް ނަޝީދަކީ ދުނިޔޭގައި ވަރަށް މަޤްބޫލު ޝަޚްސިއްޔަތެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި މިހާތަނަށް އެމަނިކުފާނު ވަނީ ބައިނަލްއަޤްވާމީ ފަޚްރުވެރި އެވޯޑްތަކެއް ހާސިލްކުރައްވާފައެވެ. އެގޮތުން އަނާލިންދް ޕްރައިސް، ޓައިމްސް މެގަޒިންގެ ހީރޯ އޮފް ދަ އެންވެއަރަމަންޓް އަދި އދ. ގެ ޗެންޕިއަންސް އޮފް ދަ އާރތް އެވޯރޑް ފާހަގަކުރެވެއެވެ.
ރައީސް ނަޝީދު މަޤްބޫލު ލީޑަރަކަށްވެފައިވަނީ އެމަނިކުފާނުގެ ދުރުވިސްނިވަޑައިގަތުމާއި ޙިކުމަތްތެރި ސިޔާސަތުތަކުގެ ސަބަބުންނެވެ.