ރައިސް ނަޝީދުގެ ރަނިންގމޭޓް ޑރ. މުސްތޮފާ ލުތުފީ “ނެތޭ ވެވޭކަށް ބާޣީއަކަށް” ކެމްޕެއިން ދަތުރުފުޅުގައި ހދ އަތޮޅަށް މިއަދު ވަޑައިގަންނަވާނެ

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެނޑިޑޭޓު ރައީސް މުހައްމަދު ނަޝީދުގެ ރަނިންމޭޓު ޑރ. މުސްތޮފާ ލުތުފި ހދ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ކެމްޕއިން ދަތުރުފުޅެއްގައި މިއަދު (22 އޮގަސްޓް 2013) ފުރައިވަޑައިގަންނަވާނެއެވެ. މިކެމްޕެއިން ދަތުރުފުޅަކީ “ނެތޭ ވެވޭކަށް ބާޣީއަކަށް” ޝިއާރުގެ ދަށުން ކުރައްވާ ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި އެމަނިކުފާނާއެކު ހއ، އަދި ހދ އަތޮޅަށް ކަނޑައަޅައިފައިވާ ކޯރޑިނޭޓަރ ޝިފާ މުހައްމަދު ބައިވެރިވެވަޑައިގަންނަވާނެއެވެ. ހދ އަތޮޅުން މިފަހަރު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށި، ހަނިމާދޫ އަދި ހޯރަފުށްޓަށެވެ.

މި ދަތުރުފުޅުގައި ޒިޔާރަތް ކުރައްވަ ރަށްރަށުގައި ދޮރުންދޮރަށް ހިންގަވައި 7 ފެބްރުއަރީ 2012ގެ ބަޣާވާތުގެ ވާހަކަ އޮޅުންފިލުއްވައިދެއްވާ، ބަޣާވާތުގެ ސަބަބުން ރާއްޖެއަށާއި، ރައްޔިތުންނަށް ވަމުންދާ ގެއްލުންތައް އޮޅުންފިލުއްވައިދެއްވާނެއެވެ. އަދި ބަޣާވާތާ ގުޅެގޮތުން ތައްޔާރު ކޮށްފައިވާ ބިލްބޯޑްހަރުކުރުމާއި، ސީޑީއާއި ލުއިފޮތް ބެހުމާއި، ރައްޔިތުންނަށް ބަޣާވާތާ ގުޅެގޮތުންނާއި، އެމްޑީޕީގެ ސިޔާސަތުތައް އޮޅުންފިލުވައިދިނުމަށް ކަންމަތީ ބައްދަލުވުންތަކާއި، ހަރުގެ ޖަލްސާތައް ބާއްވަވައި ރައްޔިތުންނާއި ބައްދަލުކުރެއްވުންވެސް ކުރިއަށްދާނެއެވެ.

ޑރ. މުސްތޮފާ ލުތުފީގެ މިދަތުރުފުޅުގައި ރަަށްރަށުގައި ހަރަކާތްތެރިވަމުންދާ ޕާޓީގެ ކެމްޕެއިން އޮފިޝަލުންނާއި، ރަށްތަކުގައި ހަރަކާތްތެރިވަމުންދާ ޒުވާނުންނާއި ބައްދަލުކުރައްވާ މަސައްކަތް ކުރިއަށްދާގޮތް އޮޅުންފިލުއްވާނެއެވެ.އަދި މީގެ އިތުރުން 23 އޯގަސްޓް 2013 ވާ ހުކުރު ދުވަހުގެ ރޭ މާލޭގައި އެމްޑީޕީގެ މެނިފެސްޓޯ ލޯންޗްކުރާ ވަގުތާ އެކުއެކީ ހދ.ކުޅުދުށީގައި މެނިފެސްޓް ލޯންކޮށްދެއްވާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.