7 ސެޕްޓެމްބަރުގައި ތިނަދޫގެ ރައްޔިތުން ލާ ވޯޓަކީ ތިނަދޫގެ ރައްޔިތުންގެ ތަރައްޤީއާއި ގުޅިފައިވާ ވޯޓެއް ކަމަށާއި ރައީސް ނަޝީދު ފިޔަވައި ދެން ތިބި އެންމެންނަކީ 7 ފެބްރުއަރީގައި ތިނަދޫގެ ތަރައްޤީއަށް ކުރަމުން ގެންދިޔާ ހުރިހާ މަސައައްކަތެއް ހުއްޓުވާލި ބައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ މެންބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ގދ.ތިނަދޫގައި މިމަހު 21ވަނަ ދުވަހުގެ ރޭ ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި ރައީސް ނަޝީދުގެ ސަރުކާރުގައި ތިނަދޫގައި ރާއްޖޭގައި ބޭއްވޭ ފުރަތަމަ އިސްލާމީ ޤައުމުތަކުގެ ވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ނިިންމައި ވަނީ އެކަމަށް ރައްޔިތުންގެ ގާތުގައި ވައުދުވެ ލައްވައިފައެވެ. އަދި އެ ބައްދަލުވުމަށް ތައްޔާރު ވުމަށް 70 ކޮޓަރީގެ ހޮޓަލެއް އަޅައި، އެ މަސައްކަތްތަކުގެ ތެރެއިން ތިނަދޫގެ ތަރައްޤީއަށް 16 ކިލޯ މީޓަރުގެ މަގު ހަދައި ފެނާއި ނަރުދަމާގެ ދާއިމީ ނިޒާމެެެއް ގާއިމުކުރުމަށްވެސް ވައުދުވެލެއްވިކަން ފާހަގަކުރައްވަމުން 7 ފެބްރުއަރީގެ ބަޣާވާތުގެ ސަބަބުން ތިނަދޫގެ ރައްޔިތުން ތަރައްގީ އަށް ކުރި ހުރިހާ އުއްމީދުތަކަށް ފެން އެޅި ނިވިގެން ދިޔަކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ސަރުކާރަކީ އުއްމީދުތައް ގެނެސްދިން ސަރުކާރެއްކަމަށް ވިދާޅުވަމުން ރާއްޖޭގެ ދިގު ތާރީހުގައި ދާއިމީ ގޮތެއްގައި އުމުރުން ދޮށީ މީހުންނަށް ޕެންޝަނެއް ދޭން ފެއްޓީ އެ ސަރުކާރުންކަން ފާހަގަ ކުރެއްވިއެވެ. ހަމައެހެންމެ އެކަނި ވެރި މައިންނަށް ހަމްދަރުދީގެ ނަޒަރެއް ދެއްވައި އެލޮވެންސެއް ދޭން ފައްޓައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަަށް އެ އެހީއާއި ހިދުމަތްތައް ދޭން ފެއްޓީވެސް ހަމަ އެ ސަރުކާރުންކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ފްލެޓް އެޅުމަށް ވައުދުވުމުން “ފްލެޓް ދޮމްބެ” ޔޭ ކިޔާ މަލާމާތްކުރި ކަމަށާއި އެހެނަސް އެމްޑީޕީ ގެ ކޮންމެ މެންބަރެއްވެސް ތިމަންނަޔަކީ “ފްލެޓް ދޮމްބެެޔެއް” ކަމަށް ބުނާނެކަމަށާއި އެމްޑީޕީއަކީ ފްލެޓް އެޅުމަށް ވައުދުވާ، ފްލެޓް އެޅުމަށް ކެރޭ ފްލެޓް އަޅައިދޭނެ ޕާޓީއެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މަލާމާތެއްގެ ގޮތުގައި ދިން “ފްލެޓް ދޮމްބެ” މިނަމަކީ މިހާރު ރައްޔިތުންނަށް ހިދުމަތްކޮށްދިންކަން ސާބިތުކޮށްދޭ ލަގަބެއްކަމަށްވެސް އަމަނިކުފާނު ވިދާޅުވިއެވެ.
ޖަލްސާ ނިންމަވާލެއްވީ އެމްޑީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު އެއްބުރުން ހޮވައި އިންތިހާބުކޮށް ޑިމޮކްރެސީ އެއްބުރުން ގެންނާނެ ކަމުގެ ޔަގީންކަން އަރުވަމުންނެވެ.