މެންބަރުންގެ ޚިޔާލު: އަޅުގަނޑުމެން އެމްޑީޕީއާ މެދު ފަޚުރުވެރިވަނީ، އެމްޑީޕީއަކީ ވަކި މީހެއްގެ ނުވަތަ ވަކިބައެއްގެ ވަށައިގެން އެނބުރޭ ޕާޓީއަކަށް ނުވާތީ އެވެ.

15 އޮގަސްޓް 2010

ލިޔުނީ: މުޙައްމަދު މުއާޒް (މޯލާ)

އެމްޑީޕީއޭ ބުނުމުން ހިތަށް ސިފަވަނީ ކޮންކަމެއް ހެއްޔެވެ؟ ވަކި މީހަކު ސިފަވޭ ހެއްޔެވެ. ހަމަ ޔަޤީނުންވެސް އަޅުގަނޑަކަށް ސިފައެއް ނުވެއެވެ. އެމްޑީޕީގެ ނަން އަޑުއިވުމުން އަޅުގަނޑަށް ސިފަވަނީ ރައީސް ނަޝީދެއް ނޫނެވެ. އެހެނަސް ޑީއާރުޕީ އޭ ބުނުމުން އެޕާޓީގެ ޒައީމް މައުމޫން، އައިޑީޕީއޭ ބުނުމުން އެޕާޓީގެ ކުރީގެ ރައީސް އުމަރު ނަސީރު، ޖުމްހޫރީ ޕާޓީއޭ ބުނުމުން ޤާސިމް، ޕީއޭގެ ނަން އިވުމުން ޔާމީން ސިފަވެއެވެ. އެމްޑީޕީއަކީ މިދެންނެވި ޕާޓީތައް ފަދައިން ވަކި މީހެއްގެ ވަށައިގެން އެނބުރޭ ޕާޓީއެއް ނޫންކަން މިކަމުން ވެސް ދޭހަވެއެވެ.
އެހެންކަމުން މިދެންނެވި ޙަޤީޤަތް ދެމެހެއްޓުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭ ކަމަށް އަޅުގަނޑަށް ފެނެއެވެ. އެހެން ނޫންނަމަ އަޅުގަނޑުމެންގެ ޕާޓީއަކީ ވެސް އެހެން ޕާޓީތައް ފިޔަވައި، ވަކި ބައެއްގެ ވަށައިގެން އެނބުރޭ ޕާޓީއަކަށް ވުން އޮންނާނީ ދާދިކައިރީގައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންތައްތަކަށް ބަލަމާ ހިންގަވާށެވެ. ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް 5 ކެންޑިޑޭޓުންނަށް ވުރެ ގިނައިން ވެސް ކުރިމަތިލާފައި ވާނެއެވެ. މިކެންޑިޑޭޓުންތައް ފޯމުހުށަހަޅާފައި ވާއިރު މިއިން ކޮންމެ ކެންޑިޑޭޓަކު ހޮވުނުކަމުގައިވީނަމަވެސް އެކެންޑިޑޭޓަކީ އަޅުގަނޑުމެން މިއެދޭ ބަދަލު ގެނައުމުގެ ޤާބިލުކަން އެކެންޑިޑޭޓެއްގެ ކިބައިގައި ހުންނާނެ ކެންޑިޑޭޓުންކަން ޔަޤީނެވެ. އަދި ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަކީ ޕާޓީގެ ތެރެއިން ބޮޑު ތާޢީދެއްއޮތް، ގިނަޢަދަދަކަށް ވޯޓު ހޯދާނެ ކެންޑިޑޭޓުންނަށް ވާއިރު މިއިން އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލެވޭނޭ ގޮތް ހެދުމަކީ ރަގަޅުކަމެއް ކަމަކަށް އަޅުގަނޑުގެ ސިކުނޑިއަކަށް ޤަބޫލެއްނުކުރެވެއެވެ. ސަބަބަކީ އެއްވެސް އަސާސެއްނެތި ވަކި ކެންޑިޑޭޓަކު ނުވަތަ ވަކި ކެންޑިޑޭޓުންތަކެއް ކުރިމަތި ނުލުމަށް ޕާޓީގެ އެއްވެސް ހިސާބަކުން ނިންމަންޖެހޭނީ ޤައުމީ މަޖިލީހުން ޕާޓީގެ ކެންޑިޑޭޓުންނަށް ޓިކެޓުދިނުމަށް ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ޕާޓީގެ ޓިކެޓަށް ކުރިމަތިލާފައިވާ ހުރިހާ ފަރާތްތަކަކީވެސް ޕާޓީތެރެއިން ވަރަށް ތާޢީދު އޮތް ފަރާތްތަކަކަށްވާތީވެ އެކެންޑިޑޭޓެއްގެ ނުރުހުމުގައި ނަން އަނބުރާ ގެންނަން ބުނުމަކީ އެކެންޑިޑޭޓެއްގެ ހައްޤަށް އަރައިގަތުމުގެ އިތުރުން ޕާޓީތެރޭގައި ހިންހަމަނުޖެހުމުގެ ރޯޅިއެއްފެތުރި ބައިބައިވާން މާބޮޑަށް މަގުތަނަވަސްވާނޭކަމެއް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ. އަޅުގަނޑުގެ މި ވިސްނުމާ އެހެން ބައެއް ފަރާތްތަކުގެ ވިސްނުން ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ. އަޅުގަނޑުގެ ނަޒަރުގައި، ޑިމޮކްރަސީގެ ރީތި އުސޫލަކީ އަދި އެމް.ޑީ.ޕީން މިހާތަނަށް ކަންކުރަމުން އައި ހަރުދަނާ ސިޔާސަތަކީ ޕާޓީގެ ޓިކެޓު ދިނުމުގައި ވެސް މެންބަރުންގެ ކައިރިން އެހުމެވެ. ޕާޓީގެ ހުރިހާ ބާރެއް ފެށިގެން އަންނަނީ ޕާޓީގެ މެންބަރުންގެ ކިބައިން ކަމަށްވާތީވެ ޓިކެޓު ދިނުންފަދަ މުހިންމު ކަންކަމުގައި ހަރުދަނާ އުސޫލެއް ޤާއިމްވެފައިއޮތުން މުހިއްމެވެ. ޑީ.އާރު.ޕީއިން އެޕާޓީއަށް ފަންޑްކޮށްދޭ ފަރާތްތަކުގެ މޫނަށްބަލާފައި ޓިކެޓްދޭ އުސޫލުން ޓިކެޓް ދޭ ޕާޓީއަކަށް އަޅުގަނޑުމެންގެ މި ޕާޓީ ވެގެން ނުވާނެއެވެ. އަދި ވެދާނެ ކަމަށް އަޅުގަނޑު އުއްމީދެއް ވެސް ނުކުރަމެވެ. ޑީއާރުޕީގެ ވިސްނުމުގައި ޑީއާރުޕީ ތެރެއިން އައިބަޔަކަށް އެވިސްނުމާއި އެފިކުރު ހުރިކަމުގައިވީނަމަވެސް މިޕާޓީދެމިއޮންނާނީ މިޕާޓީގެ މެންބަރުންގެ ވިސްނުމާއި މިޕާޓީގެ ފިކުރުގެ މަށްޗަށް ބިނާކޮށްކަން ޔަގީނެވެ.
ކައުންސިލް އިންތިޚާބުގައި ޕާޓީގެ ޓިކެޓް ހޯދުމުގައި ވާދަވެރިކަމެއް އުފެދިފައިވުމަކީ މައްސަލައެއް ނޫނެވެ. ސިޔާސީ ޕާޓީގެ ނިޒާމަކީ ވާދަވެރި ސިޔާސީ ހަރަކާތްތަކުގެ ތެރެއިން މަގާމުތަކަށް މީހުން އިންތިޚާބުކުރުމުގެ މައްޗަށް އެކުލަވާލެވިފައިވާ ނިޒާމެކެވެ. ޒާތީފިކުރާއި ވަތަނީ ފިކުރުން އެއްކިބާވެ ކަނޑައަޅާ އެޖެންޑާއެއްގެ މައްޗަށް އެކުލެވޭ ނިޒާމަކަށްވާއިރު ޕާޓީގެ ޓިކެޓް ދިނުމުގައި ޕްރައިމަރީއަކަށް ދިއުން ބުއްދިވެރިކަމަށް އަޅުގަނޑުދެކެމެވެ. ޕްރައިމަރީގައި ޕާޓީގެ މެންބަރުން ވޯޓުދޭނީ ކެންޑިޑޭޓުންގެ ވިސްނުމާއި ފިކުރު ހުރިގޮތަކަށްބަލައި ކެންޑިޑޭޓުން ހުށަހަޅާ ކަންތައްތަކުގެ މައްޗަށެވެ. ކެންޑިޑޭޓުންގެ ސިފައަށާއި އެމީހެއްގެ ނަސްލަށް ބަލައިގެން ވޯޓުދޭނޭކަމަށް ހީކުރުމަކީ އަޅުގަނޑުމެން މިއެދޭ ޑިމޮކްރެޓިކް ބަދަލާއި މުޅިން ޚިލާފު ކަމެކެވެ.
ބައްލަވާށެވެ. ޕާޓީގެ މުސަތަޤްބަލު ކަނޑައެޅުމާއި އެންމެ ބޮޑަށް ގުޅިފައިވާ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ޓިކެޓް ދިނީ އެންމެ ތާއީދު އޮތް މީހާ ކަމަށް ހީވާ މީހާއަށް ހެއްޔެވެ. އަންނިއަކަށް ތާއީދެއްނެތޭ ނޮހޮވެނެޔޭ މީޑިޔާތަކުގަޔާއި، ދޭދޭ މީހުންގެ ތެރޭގައިދެކެވޭ ވާހަކަތަކާއި ހޮޅުއަށީގައި ދެކެވެމުން ދިޔަ ވާހަކަތަކަށް ބެލުމެއްނެތި ޕާޓީން ނިންމީ ޕްރައިމަރީއެއް ބާއްވައި މެންބަރުން ދެކެނީ ކިހިނެއްތޯ ބަލައިގެން ޓިކެޓް ދިނުމަށެވެ. މިޕްރައިމަރީސްގައި މެޖޯރިޓީ ހޯދީ އަންނި ނޫންތޯއެވެ. އަދި އަންނި ނޮހޮވިއްޖެނަމަ ޕާޓީ ބައިބައިވެދާނެތީ ޕްރައިމަރީއެއް ނުބާއްވައި ވަކި ބޭފުޅަކު ރިޔާސީ ކެންޑިޑޭޓަކަށް ނެގުމުގެ ވިސްނުމެއް އެމް.ޑީ.ޕީން އެއްވެސް އިރެއްގައި ގެންގުޅުނުތޯއެވެ. ޑިމޮކްރަސީ ގަބޫލުނުކުރާމީހުން މެންބަރުންގެ މެޖޯރިޓީއަކަށް ތަބާނުވާނެކަން އެއީ ކަނޑައެޅިގެން އެނގޭ ކަމެކެވެ.
ގަބޫލުފުޅުކުރައްވާށެވެ. ކޮންމެ އިންތިޚާބެއްވިޔަސް ޕާޓީގެ ޓިކެޓް ދޭންވާނީ ޕާޓީގެ މެންބަރުން އެދޭ ފަރާތްތަކަށެވެ. މީނޫންގޮތަކަށް ވަކިބަޔަކު އެދޭގޮތަށް ވަކިބަޔަކަށް ޓިކެޓްދީ ވަކިބަޔަކު އެބަޔެއްގެ ނުރުހުމުގައި އެކަހެރިކޮށްފިނަމަ ޕާޓީ ބައިބައިވެ އިންތިޚާބުގައި ޕާޓީއަށް އެންމެ ގޮނޑިއެއްވެސް ނުލިބި ހިނގައިދާނެއެވެ. މިއީ ޕްރައިމަރީސްއެއްގައި ބަލިވާ މީހަކު ދުރަށް ޖެހިލުމަށްވުރެ އެކަމުގެ ނޭދެވޭ އަސަރު މާބޮޑަށް ކުރާނެކަމެކެވެ.
ޤަބޫލުކުރެވުނަސް ޤަބޫލު ނުކުރެވުނަސް އެމް.ޑީ.ޕީ ގެ ކޮންމެ މެންބަރަކަށްވެސް ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްޤުލިބިގެންވާއިރު އެހައްޤާއި ދެކޮޅަށް ވަކާލާތުކުރުމަކީ ޕާޓީގެ އަސާސްތަކާއި މުޅިން ޚިލާފް ކަމެކެވެ. އެހެންކަމަށްވުމާއެކު ކައުންސިލް އިންތިޚާބުގައި ޕާޓީގެ ޓިކެޓު ދިނުމުގައި މެންބަރުންގެ ތެރޭގައި ބޭއްވޭ ޕްރައިމަރީސްއަކަށް ގޮވާލުމަކީ މިޕާޓީގެ މުސްތަޤްބަލަށާއި ޕާޓީ، ޕާޓީއެއްގެ ގޮތުގައި އެއް ވިސްނުމަކަށް ބައްޓަންކުރުމާއި ޑިމޮކްރެޓިކް ވެއްޓެއް ޤާއިމްކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވީހިނދު އިންތިޚާބާއި ބެހޭ ކޮމެޓީން މިކަންތައްތަކަށް ރިޢާޔަތްކުރުން ބުއްދިވެރިކަމަށް ފެނެއެވެ.
އަޅުގަނޑުމެން އެމްޑީޕީއާ މެދު ފަޚުރުވެރިވަނީ، އެމްޑީޕީއަކީ ވަކި މީހެއްގެ ނުވަތަ ވަކިބައެއްގެ ވަށައިގެން އެނބުރޭ ޕާޓީއަކަށް ނުވާތީ އެވެ.
އަޅުގަނޑު އެދެނީ އެމް.ޑީ.ޕީ އަކީ ޕާޓީގެ ވިސްނުމާއި ފިކުރުގެ މައްޗަށް އެކުލެވޭ ޑިމޮކްރެޓިކް ޕާޓީއެއްގެ ގޮތުގައި ދެމިއޮވެ މިއަށްވުރެ އަދި މާބާއްޖަވެރިކަމެއް ޕާޓީއަށާއި މިޕާޓީގެ ލޮބުވެތި މެންބަރުންނަށް ލިބުމެވެ.