ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ވަފުދެއް ޗައިނާއަށް ޒިޔާރަތް ކުރައްވައިފި

މިހިނގާ އޮކްޓޯބަރ މަހުގެ 13 އިން 17 އަށް ޗައިނާގެ ކޮމިއުނިސްޓް ޕާރޓީގެ ރަސްމީ ދަޢުވަތަކަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ވަފުދެއް ޗައިނާއަށް ޒިޔާރަތް ކުރައްވައިފިއެވެ.
ޗައިނާއަށް ވަޑައިގެންނެވި އެމް.ޑީ.ޕީގެ ވަފުދުގައި ހިމެނިވަޑައިގަންނަވަނީ ޕޮލިޓިކަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް، އަލްފާޟިލް ހަސަން އަފީފާއި، ސްޓޭޓް މިނިސްޓަރ ފޮރ ހޯމް އެފެއަރޒް، އަލްފާޟިލް އަޙުމަދު ޢާދިލާއި މާލޭ މުނިސިޕަލްޓީގެ ރައީސް، އަލްފާޟިލް އާދަމް މަނިކެވެ.
މި ދަތުރުފުޅުގައި ކޮމިއުނިސްޓް ޕާރޓީ އޮފް ޗައިނާ (ސީ.ޕީ.ސީ.) ގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު އަދި ޗައިނީޒް ޕީޕްލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސް ގެ ވައިސް ޗެއަރމަން ހިޒް އެކްސަލަންސީ މރ. ވަންގ ގަންގ އާއި ސީ.ޕީ.ސީ. ތިއަންޖިން މުނިސިޕަލް ކޮމިޓީގެ ޕާރޓީ ސެކްރެޓަރީ، ހިޒް އެކްސަލަންސީ މރ. ޖާންގ ގައޮލީ އާއި ސީ.ޕީ.ސީ. ސެންޓްރަލް ކޮމިޓީގެ އިންޓަރނޭޝަނަލް ޑިޕާރޓްމަންޓުގެ އެސިސްޓަންޓް މިނިސްޓަރ، ހިޒް އެކްސްލަންސީ މރ. ގުއާ ޔަޖޮއު އާ ވަފުދުގެ ބޭފުޅުން ބައްދަލު ކުރެއްވިއެވެ.
ބައްދަލުވުންތަކުގައި ރާއްޖޭގެ ވަފުދުގެ އިސްވެރިޔަކަށް ހުންނެވި އެމްޑީޕީގެ ތ. ދާއިރާގެ ރައީސް ޙަސަން އަފީފު ދެއްކެވި ވާހަކަފުޅުތަކުގައި ރާއްޖޭގެ އިޤްތިޞާދަށް ދިމާވެފައިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތާއި އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ބައިނަލް އަޤްވާމީ އިޤްތިޞާދުގައި ޗައިނާގެ ދައުރުގެ މުހިންމުކަމުގެ މައްޗަށާއި ދުނިޔެއަށް ދިމާވެފައިމިވާ އިޤްތިޞާދީ ހީނަރުކަމުގައި ޗައިނާ އިން އަޅަމުންގެންދާ ހަރުދަނާ ފިޔަވަޅުތަކަށް ތަޢުރީފް ކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ތަފާތު ގޮތްގޮތުން ޗައިނާ ސަރުކާރުން ވެދެއްވާ އެހީފުޅުތައް ފާހަގަ ކުރައްވައި ޝުކުރުއަދާ ކުރެއްވިއެވެ. އަދި ކުރިއަށް އޮތްތާގައި ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ދިވެހިރާއްޖޭގެ ތަރައްޤީއަށް މުހިންމު ދާއިރާތަކުން، ޚާއްޞަގޮތެއްގައި ދަތުރުފަތުރާއި ގެދޮރު ޢިމާރާތްކުރުމުގައި ޗައިނާއާއި ދިވެހިރާއްޖެއާ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.
މިބައްދަލުވުންތަކުގެ އިތުރުން މި ވަފުދުގެ ބޭފުޅުން ޗައިނާގެ އެއް މުނިސިޕަލްޓީއެއް ކަމުގައިވާ ތިއަންޖިންއަށް އެއް ދުވަހުގެ ޒިޔާރަތެއް ކުރައްވައި ތިއަންޖިންގެ އިޤްތިޞާދީ ކުރިއެރުން ދައްކުވައިދޭ ތަންތަން ބައްލަވާލެއްވިއެވެ. މިގޮތުން ތިއަންޖިން ޕްލޭންކޮށް ކުރިއަރުވަމުންދާ ގޮތް ދައްކުވައިދޭ އަރބަން ޕްލޭނިންގ އެގްޒިބިޝަން ހޯލަކަށާއި، ޗައިނާއާ ސިންގަޕޫރުގެ ސަރުކާރު ގުޅިގެން ފައްޓަވާފައިވާ މަޝްރޫޢެއްގެ ދަށުން ތަރައްޤީކުރެވޭ ތިމާވެއްޓާ ރައްޓެހި ‘ސީނޯ-ސިންގަޕޯރ އިކޯ ސިޓީ’ އާއި ޗައިނާގެ އުތުރުގައި އޮތް އެންމެ ބޮޑު ބަނދަރު ކަމުގައިވާ ތިއަންޖިން ބަނދަރަށާއި، ކުނިނައްތާލައި އެއިން ކަރަންޓު އުފައްދާ “ވޭސްޓް ޑިސްޕޯޒަލް ޕްލާންޓް’ އަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މަސައްކަތް ހިނގާ ގޮތް ބައްލަވާލެއްވިއެވެ.