މުޒާހަރާ ޤާނޫނު އަސާސީ އިން 3 ބާރު ވަކިކޮށް އެކުލަވާ ލެވުނީ ވެސް މުޒާހަރާގެ ތެރެއިން – މާރިޔާ

* މާރިޔާ ވަނީ އިސްލާހަށް މަސައްކަތްކުރި ހުރިހާ ފަރާތަކަށް އޮގަސްޓް 12، 13 ގެ ތަހުނިޔާ ވިދާޅުވެފަ

12 އޮގަސްޓް 2010

– ރާމިޒް –

mari-hep

އާ ޤާނޫނު އަސާސީ (މުޒާހަރާ ޤާނޫނު އަސާސީ)ން ވަކިކުރެވިފައި އޮންނަންޖެހޭނޭ ކަމަށް ބުނާ ދައުލަތުގެ 3 ބާރު، ވަކިކުރެވުނީ ވެސް މުޒާހަރާގެ ތެރެއިން ކަމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ(ގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އޮގަސްޓް 12، 13 އިގެ މުނާސަބަތުގައި އެމްޑީޕީގެ މީޑިއާ ޔުނިޓަށް މަޢުލޫމާތު ދެއްވަމުން މާރިޔާ ވިދާޅުވީ ” އޮގަސްޓް 12، 13 މިއަދު ކުލަގަދަކޮށް ފާހަގަނުކުރި ނަމަވެސް، އެއީ ހަނދާނުން ފޮހެލަން ދަތި ދުވަސްތަކެއް. އެއީ އެކެއް އަނެކެއްގެ ކިބައިން ހިއްވަރު ލިބިގަނެ، ބިރު ފަހަނައަޅާ ދާން ދަސްވި ދުވަސް.”
މިހާރުގެ ޗެއަރޕާސަން އިތުރަށް ވިދާޅުވީ ” އަޅުގަނޑުމެންގެ އޭރުގެ ޗެއަރޕާސަން އަދި މިހާރުގެ ރައީސް ވިދާޅުވާ މުޒާހަރާ ޤާނޫނު އަސާސީ ކަމަށްވާ މިހާރު އެކުލަވާލެވިފައި މިއޮތް ފެހި ޤާނޫނު އަސާސީގައި ވަކިކުރެވިފައި އޮންނަންޖެހޭނޭ ކަމަށް ބުނާ ދައުލަތުގެ 3 ބާރު، މި ވަކިކުރެވުނީވެސް މުޒާހަރާތަކުގެތެރެއިން.” ކަމަށެވެ.
މާރިޔާ އިތުރަށް ވިދާޅުވީ ކަޅުހުކުރުގެ ނަމުން މަޝްހޫރުވެފައިވާ އޮގަސްޓް 12، 13 ގެ މަތިވެރި ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުން، އެކުރެއްވި ހިއްވަރު ހަނދާންކޮށް، އެދެއްކެވި ފުރިހަމަ ނަމޫނާއަށްޓަކައި އެހުރިހާ ފަރާތްތަކަށް އެމްޑީޕީގެ ނަމުގައި ތަހުނިޔާ ވިދާޅުވާ ކަމަށާއި، އެ ދުވަހަކީ އެމްޑީޕީއަށް ވެސް އަދި ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚްގައި ވެސް ވަރަށް މުހިއްމު ދުވަހެއް ކަމަށެވެ.
2004 ގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މުޒާހަރާ ބޭއްވި ދުވަހެވެ. އޭރުގެ ރައީސް މައުމޫނުގެ އިސްތިއުފާއަށާއި ސިފައިންގެ ހައްޔަރުގައި ތިބި އިސްލާހަށް މަސައްކަތްކުރާ ބަޔަކު ދޫކުރުމަށް ގޮވާލައި، ޖުމްހޫރީ މައިދާނުގައި ބޭއްވި މި މުޒާހަރާއަކީ އެއްވެސް ވަރަކަށް ދުރާލާ ޕްލޭންކުރެވިގެން ބޭއްވި މުޒާހަރާއަކަށް ނުވި ނަމަވެސް، މި މުޒާހަރާ ވެފައިވަނީ އޭރުގެ ސަރުކާރުގެ އަނިޔާވެރިކަން ދިވެހީންނަށް އިތުރަށް ފާޅުވެގެން ދިޔުމަށް މެދުވެރިވި ސަބަބަކަށެވެ. އޮގަސްޓް 12 ވަނަ ދުވަހު ހަވީރު ފެށި މިމުޒާހަރާގެ ބައިވެރިން ގިނަވަމުން، މުޒާހަރާ ބޮޑުވަމުން ގޮސް، އޮގަސްޓް 13 ވަނަ ދުވަހު މިމުޒާހަރާ ނިންމާލީ ސިފައިން ކަރުނަގޭހާއި މުގުރުން ސުލްހަވެރިކަމާއެކު ޝުޢޫރުފާޅުކުރަމުން ދިޔަ ދިވެހިރައްޔިތުންނާ، ކުރިމަތިލައި އެތައް ބަޔަކަށް އަނިޔާވާން ފެށުމާގުޅިގެންނެވެ.