ފަނޑިޔާރުންގެ ބިލު ފާސްކޮށްފި

10 އޮގަސްޓް 2010

– ރާމިޒް –

dsc_0009-450-x-301

ފަނޑިޔާރުންގެ ބިލު މަޖިލީހުން ހުށަހެޅި އިސްލާޙްތަކާއެކު ފާސްވެއްޖެއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން ފާސްކުރެވުނު ފަނޑިޔާރުންގެ ބިލުގައިވާގޮތުން އުއްތަމަ ފަނޑިޔާރާއެކު ސްޕްރީމް ކޯޓުގައި ތިބޭނީ ޖުމްލަ 7 ފަނޑިޔާރުންނެވެ. އަދި ސްޕްރީމް ކޯޓަށް ފަނޑިޔާރުން ކަނޑައަޅާނީ ޖުޑިޝަލް ސަރވިސް ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވާ ފަނޑިޔާރުންގެ ލިސްޓަކުން، ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ފަނޑިޔާރުންގެ ނަންފުޅުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ނެވެ.
މި ބިލުގައިވާ ގޮތުން ޝަރުތު ފުރިހަމަނުވާ ފަނޑިޔާރުންނަށް 7 އަހަރު ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އެމުއްދަތުގެ ފަހުން ޝަރުތުފުރިހަމަ ނުވާނަމަ އެފަނޑިޔާރުން ފަނޑިޔާރުކަމުން ވަކިކުރެވޭނެއެވެ.
ފަނޑިޔާރުންގެ ބިލު ފާސްވެފައިމިވަނީ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 73 މެންބަރުންގެ ތެރެއިން 71 މެންބަރުންގެ ބޮޑު އަޣްލަބިއްޔަތަކުންނެވެ.
އަދި މިއަދުގެ ޖަލްސާގައި މިބިލުގެ 15 ވަނަ މާއްދާގެ (ކ) އަށް ކޮމިޓީން ދެގޮތަކަށް ހުށަހަޅުއްވާފައިވާ ދެ އިސްލާޙްގެ ތެރެއިން، ފުރަތަމަ ހުށަހެޅުއްވި އިސްލާޙަށް ވޯޓަށް އައްސަވާ އެހުށަހެޅުން ފާސްވުމުން ދެވަނައަށް ހުށަހެޅިފައިވާ އިސްލާޙަށް ވޯޓަށް ވަނީ ނާއްސަވައެވެ. 15 ވަނަ މާއްދާގެ (ކ) އަށް މަޖިލީހުން ފާސްކުރެއްވި މިއިސްލާޙުގައިވަނީ، މި ޤާނޫނު ފާސްކުރާއިރު ފަނޑިޔާރުންގެ ގޮތުގައި މަސައްކަތްކުރާ ފަނޑިޔާރުންގެ ތެރެއިން މިމާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަނުވާ ފަނޑިޔާރުންނަށް އެޝަރުޠު ފުރިހަމަކުރުމަށް 7 އަހަރު ދުވަހުގެ މުއްދަތެއް ޖުޑިޝަލް ސަރވިސް ކޮމިޝަނުން ދޭންވާނެއެވެ. އެމުއްދަތު ނިމޭއިރު، އެއިން ފަނޑިޔާރެއްގައި، މިމާއްދާގެ (ނ)ގައިވާ ގޮތުގެ މަތިން ހުންނަންވާނެކަމަށް ބަޔާންކުރާ ޝަރުޠެއް ފުރިހަމަ ނުވާނަމަ، އޭނާއަކީ އެކަށީގެންވާ ޢިލްމު ލިބިގެންވާ ފަނޑިޔާރެއް ނޫންކަމަށް ކަނޑައެޅުމުގެ ފުރުޞަތު ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ލިބިގެންވެއެވެ. އަދި އެކޮމިޝަނުން އެހެން ކަނޑައަޅައިފިނަމަ، ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ) ގެ ދަށުން އޭނާ މަޤާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ.

މިއަދުގެ ހެނދުނުގެ ދަންފަޅީގައި ކުރިއަށް ގެންދެވުނު މަޖިލީހުގެ ޖަލްސާ މިހާރުވަނީ މެދުކަނޑުއްވާލައްވާފައެވެ. އެއީ މިއަދު ހެނދުނު މަޖިލީހުން ފާސްކުރައްވާފައިވާ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ބިލް، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވުމަށް ފޮނުއްވުމަށްޓަކައެވެ.

75 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ހެނދުނު ދަންފަޅީގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.

މިއަދު ހެނދުނު މެދުކަނޑާލެއްވި މަޖިލީހުގެ ޖަލްސާ ދެން ފައްޓަވާނެކަމަށް ރިޔާސަތުން އިޢުލާން ކުރެއްވީ، މިއަދުގެ މެންދުރުފަހު 14:30 ގައެވެ.