ފުވައްމުލަކު އަތޮޅުވެރިޔާގެ އެހީތެރިޔާ އާ ދެކޮޅަށް އަތޮޅުއޮފީސް ކުރިމަތީގައި އިއްޔެ މުޒާހަރާކޮށްފި

10 އޮގަސްޓް 2010

– ރާމިޒް –

copyrightimagephp

ފުވައްމުލަކު އަތޮޅުވެރިޔާގެ އެހީތެރިޔާ އަހުމަދު މުހައްމަދު (މީނާޒް) އަތޮޅު އޮފީހުން ބޭރުކުރުމަށާއި އޭނާ މަގާމުން ދުރުކުރުމަށް އެދި ފުވައްމުލަކު އަތޮޅު އޮފީސް ކުރިމަތީގައި ސަރުކާރަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ބަޔަކު އިއްޔެ މުޒާހަރާކޮށްފިއެވެ.
މައުލުމާތު ލިބިފައިވާ ގޮތުގައި ސަރުކާރަށް ތާޢީދުކުރާ ގިނަ އަދަދެއްގެ ބަޔަކު، އަތޮޅުވެރިޔާގެ އެހީތެރިޔާ އަހުމަދު މުހައްމަދު ބޭރުކުރުމަށް ގޮވާލައި މުޒާހަރާ ކުރަމުން މިދަނީ ތަފާތުއެކި ޕޯޑިއަމްތަކުގައި ވާހަކަދައްކަވަމުން އޭނާ ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އަޅުވަމުންދާތީ އެވެ.
އަތޮޅު އޮފީސް ކުރިމަތީގައި ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން މުޒާހަރާކުރަމުން ދަނިކޮށް އިދިކޮޅު އިއްތިހާދުގެ ބަޔަކު އެސަރަހައްދަށް އެއްވިއެވެ. ދެފަރާތުގެ ދެމެދުގައި މެގަ ފޯނާއި ލައުޑު ސްޕީކަރު ބޭނުންކޮށްގެން ބަހުގެ ހަމަލާތައް ބަދަލުކުރެވުނު ނަމަވެސް އެއްވެސް ސީރިއަސް ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށް ފުވައްމުލަކުން ވާހަކަދެއްވި މީހަކު ބުންޏެވެ.
މެންދުރު ކުރަން ފެށި މުޒާހަރާ ދިގުލައިގެން ގޮސް ހަވީރުވުމުން މުޒާހަރާގެ ބައިވެރިން ތަންކޮޅެއް މަދުވި ވަގުތު، އަޙުމަދު މުހައްމަދު އޮފީހުން ނިކުމެ ވަޑައިގެން ގެއަށްވަޑައިގަތުމުން އެސަރަހައްދުގައި ތިބި ޑީއާރުޕީ އަށް ނިސްބަތްވާ ބަޔަކުވަނީ އެމްޑީޕީ އަށް ނިސްބަތްވާ ބަޔަކާއި ދިމާލަށް ވަރަށް ހަޑިހުތުރު ބަހުން މުޚާތަބްކޮށްފައެވެ.
ފުވައްމުލަކު އަތޮޅުވެރިޔާގެ އެހީތެރިޔާ އަހުމަދު މުހައްމަދު ގެއަށް ވަޑައިގަތުމުގެ އިރުކޮޅެއްކުރިން އޮފީސް ދޮރުމަތީގައި ހުންނަވައި އޭނާއަށް ތާޢީދުކުރާ ބައިވެރިންނާ މުޚާތަބު ކުރައްވާ އޭނާ ވިދާޅުވީ ސަރުކާރާ އިދިކޮޅު ފަރާތްތަކުން އޭނާޔަށް ތާއީދުކޮށް ފާޅުކުރަމުންދާ ޝުއޫރުތަކަށް މަރުހަބާކިޔާކަމުގައެވެ. އަދި އެމީހުންގެ އެހީގައި ގެއަށް ދެވިދާނެކަމަށާއި ނަމަވެސް ގެއަށް ވަޑައިނުގެން މަޑުކުރައްވަނީ ގާނޫނު އަސާސީން އޭނާއަށް ލިބިދޭ މިނިވަންކަމާއި ހައްގު ލިބިގަތުމަށް ކަމުގައެވެ.
މިމުޒާހަރާއާއި ބެހޭގޮތުން ވާހަކަދައްކަވަމުން ފުވައްމުލަކު އަތޮޅު ކައުންސިލަރު ހަސަން ސައީދު ވިދާޅުވީ، 250 އެއްހާ މީހުން އަތޮޅު އޮފީސް ދޮށަށް އެއްވެ މުޒާހަރާކޮށްފައި ވަނީ ފުވައްމުލަކު އަތޮޅުވެރިޔާގެ އެހީތެރިޔާ އަހުމަދު މުހައްމަދު، ރައީސް ނަޝީދާ ބެހޭ ގޮތުން އެކި ޕޯޑިއަމް ތަކުގައި ސާބިތު ނުހިފޭ ދޮގު ވާހަކަތަކެއް ދައްކަވައި، އަދި އެމަނިކުފާނުގެ އިސްތަށިފުޅުގައި ވައްކަމުގެ ދޮގު އިލްޒާމް އަޅުވާ ވާހަކަ ދައްކަވަމުން ގެންދަވާތީ ކަމަށެވެ.
އަދި އޭނާ އެ މަގާމުގައި ހުންނަވައި އަޚްލާގީ ގޮތުން ދަށް ފެންވަރުގެ ވާހަކަ ދެއްކެވި ކަމުގެ ތުހުމަތުގައި ފިޔަވަޅު އަޅައިދިނުމަށް އެއްވި މީހުން އެދެފައިވާ ކަމަށް ވެސް ކައުންސިލަރު ވިދާޅުވި އެވެ.
ފުވައްމުލަކު އަތޮޅުވެރިޔާގެ އެހީތެރިޔާ އަޙުމަދު މުހައްމަދު އަކީ ދިވެހިޤައުމީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އޭނާ އަކީ ފުވައްމުލަކުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާތަކުގައި އެންމެ ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ އެއް ފަރާތެވެ.