މިރޭ ބާރައިގެކުރިން އުއްތަމަ ފަނޑިޔާރު އައްޔަންކޮށް، ސްޕްރީމްކޯޓް އުފެއްދޭނެ ކަމަށް މޫސާ ވިދާޅުވެއްޖެ

10 އޮގަސްޓް 2010

– ރާމިޒް –

reeko-moosa-450-x-301

ފަނޑިޔާރުންގެ ބިލުގެ މަސައްކަތް މިއަދު ނިންމުމަށްފަހު، ގާނޫނުއަސާސީގައި ބުނާ ސްޕްރީމްކޯޓު ގާއިމްކުރުމުގެ މަސައްކަތް ނިންމާލައި، މިރޭ ބާރައިގެ ކުރިން ގާނޫނީ ސްޕްރީމްކޯޓާއި، އުއްތަމަ ފަނޑިޔާރަކު އައްޔަންކުރެވިގެންދާނެ ކަމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އިންތިޤާލީ މަރުހަލާ ނިމުނުއިރު، އެމަރުހަލާގައި ނުކުރެވި ހުރި މުހިއްމު ކަންތައްތަކުގެ ތެރެއިން ފަނޑިޔާރުންގެ ބިލު ނިންމުމާއި، ސްޕްރީމް ކޯޓު އުފެއްދުމާ ދެކަމުގެ ތެރެއިން ކުރިން ކުރިޔަށް ގެންދާނެ ކަމަކާ ބެހޭގޮތުން މައި ދެ ޕާޓީގެ މެދުގައި ޚިޔާލު ތަފާތުވުމަށްފަހު، މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވުމާއި ގުޅިގެން ގާނޫނީ ހުސްކަމަކަށް ގައުމު ގޮސްފައިވާތީ، މަޖިލީހުގައި އަޣްލަބިއްޔަތު އޮތް ޑީއާރުޕީއަށް ދޫދީގެން، ޑީއާރުޕީން ބޭނުންވާ ގޮތަށް ފުރަތަމަ ފަނޑިޔާރުންގެ ބިލު ނިންމާ ގޮތަށް މިއަދާއި މިރޭ މަޖިލީހުގެ މަސައްކަތްތައް ނިންމުމަށްފަހު، މިރޭގެ ބާރައިގެ ކުރިން ސްޕްރީމްކޯޓް އުފައްދާ، އުއްތަމަ ފަނޑިޔާރަކު އައްޔަންކުރެއްވުމުގެ މަސައްކަތްކުރައްވާނެ ކަމަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށާގޮތަށް ހަމަޖެހިފައިވަނީ ހެނދުނު 10 ޖަހާއިރުއެވެ. އެމްޑީޕީ އިން ޑީއާރުޕީއަށް ދޫދީ، މިއަދުގެ ޖަލްސާ ބޭއްވުމަށް މަގުފަހިކޮށްދީފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ނުގެންދެވިއްޖެނަމަ މަގުމައްޗަށް ނުކުންނާނެކަމަށް އިދިކޮޅު ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރ އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.