ބަޣާވާތަކުން ސަރުކާރު ވައްޓާލުމަށްފަހު އައި ކޯލިޝަން ސަރުކާރުން ރައީސް ނަޝީދު ވެރިކަމުގައި ކުރަމުން އައި ތަރައްޤީގެ ކަންތައްތައް ހުއްޓުވައިފި – ޑރ. މުސްތަފާ ލުތުފީ

BRskgf6CEAA9fum.jpg_large

ބަޣާވާތަކުން ސަރުކާރު ވައްޓާލުމަށްފަހު އައި ކޯލިޝަން ސަރުކާރުން ރައީސް ނަޝީދު ވެރިކަމުގައި ކުރަމުން އައި ތަރައްޤީގެ ކަންތައްތައް ހުއްޓުވައިފައިވާކަމަށް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވިއެވެ. މިސަބަބަށްޓަކައި ކޯލިޝަން ސަރުކާރު ދަނީ ރައްޔިތުން ކުރާ ޓެސްޓުން އެންމެ ފުލަށް ކަމުގައި ވިދާޅުވިއެވެ. އަދި 3 ރައީސުންގެ ވެރިކަން ރައްޔިތުންނަށް ޓެސްޓްކުރުމުގެ ފުރުސަތު ލިބިގެން ހިނގައްޖެ ކަމަށާއި، އެޓެސްޓުން ކުރި ހޯއްދަވަނީ ރައީސް ނަޝީދުކަމުގައި ރަނިންމޭޓް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވިއެވެ. އެހެންކަމުން ކޯލިޝަން ހަދައިގެން ވެރިކަން ހޯދަން އުޅޭ ބަޔަކަށް ވޯޓު ނުދިނުމަށް ޑރ. މުސްތޮފާ ލުތުފީ އިލްތިމާސްކުރެެއްވިއެވެ. އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދައްކަވައިފައިވަނީ ‘ނެތޭ ވެވޭކަށް ބާޣީއަަކަށް’ ޝިއާރުގެ ދަށުން ބާއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ގދ. ގައްދޫގައި 15 އޮގަސްޓް 2013ގައި ބޭއްވުނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މައުމޫނު ވެރިކަމުގައި ރާއްޖެއަށް އަންނަން ޖެހޭ ތަރައްގީ ނައިކަން ފާހަގަކުރައްވަމުން ޑރ. މުސްތޮފާ ލުތުފީ ވިދާޅުވެފައިވަނީ ރައްޔިތުން ރައީސް ނަޝީދު ވެރިކަމަށް އިންތިޚާބުކުރީ ނުވެހުރި ކަންތައްތައް ކުރުމަށްކަމަށެވެ. މިގޮތުން އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމާއި، ބޯހިޔާވަހިކަން ހޯދައިދިނުމާއި، ދަތުރުފަތުރުގެ ނިޒާމުން ރާއްޖޭގެ ރަށްތައް ގުޅުވާލުން ފަދަ ކަންތައްތައް ރައްޔިތުން ބޭނުންވެފައިވާކަމަށާއި އެކަންތައްތައް ރައީސް ނަޝީދު ކުރުމުއްދަތެއްގެ ތެރޭގައި ކުރައްވައިފައިވާ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް ސާބިތުކަމާއެކު ރައީސް ނަޝީދަށް ވޯޓު ދެއްވާނޭކަމަށް ޔަގީންކުރައްވާކަމަށް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވިއެވެ.

މައުމޫނުގެ ވެރިކަމުގައި ދިވެހިންނަށް ލިބެންޖެހޭ ހައްގުތަކާއި، ތާހިރު ދިރިއުޅުމާއި، މިނިވަންކަން ހޯދާއި ސަލާމަތްވުމަށް އިސްލާހީ މަސައްކަތްތައް އޭރު ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ފެށިކަމަށް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވިއެވެ. އެހެންނަމަވެސް ނަހަމަ ގޮތުގައި ބަޣާވާތެއްކޮށްގެން ސަރުކާރެއް ވައްޓާލުމަށް އޭރުވެސް މަސައްކަތްނުުކުރާކަމަށް ވިދާޅުވިއެވެ. އަދި މަސައްކަތްކުރީ އެއޮންނަ ރަނގަޅުގޮތުގައި ވެރިކަން ބަދަލުކުރަންކަން ޑރ. މުސްތޮފާ ލުތުފީ ފާހަގަކުރެއްވިއެވެ. އަދި އެކަން ކާމިޔާބުވެސް ކުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ހަޔާތަށް އަލިއަޅުވައިލައްވަމުން ޑރ. މުސްތޮފާ ލުތުފީ ވިދާޅުވެފައިވަނީ އެމަނިކުފާނަކީ ކުޑައިރުއްސުރެ އިންސާފަށާއި، ހަމަހަމަކަމަށް ލޯބިކުރައްވާ ބޭފުޅެއްކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވެލައްވަނީ އެމަނިކުފާނާއި އެއްހަމައެއްގައި އެހެންމީހުންެވެސް ބޭތިއްބުމަށްކަމަށް ޑރ. މުސްތޮފާ ލުތުފީ ވިދާޅުވިއެވެ. ރާއްޖޭގެ މިޖަޒީރާތަކަށް ބޭނުންވަނީ އެފަދަ ޑިމޮކްރެޓިކް ވެރިއެއްކަމަށާއި، ރައްޔިތުންނަށް ހެޔޮވެރިކަމެއް ކުރުމަށް ރައީސް ނަޝީދު އިންތިޚާބުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.