މާލޭގެ ހަތަރު ސަރަޙައްދެއް ރީޑިޒައިން ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތަފްޞީލު، ރައީސުލްޖުމްހޫރިއްޔާ މިއަދު ހާމަކުރައްވައިފި

5 އޮގަސްޓް 2010

– ރާމިޒް –

raees-333x280

މާލޭގެ ހަތަރު ސަރަޙައްދެއް ރީޑިޒައިން ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ތަފްޞީލު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ތަފްޞީލުތައް ހާމަކުރެއްވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ހަތަރު ސަރަޙައްދުގެ ތަފްޞީލު ދެއްވަމުން، އެއް ސަރަޙައްދަކީ ހުޅަނގު ދެކުނު ބަނދަރު ސަރަޙައްދު ކަމަށާއި، އެސަރަޙައްދު އަމާޒު ކުރެވެނީ، ގިނަ ބުރިތަކަށް ޢިމާރާތް ކުރެވިފައި ހުންނަ ޞިނާޢީ ބޭނުންތަކަށް ބޭނުންކުރާ، ޒަމާނާ އެކަށީގެންވާ ރަނގަޅު ޢިމާރާތެއް ހެދުމަށް ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ކާރު ޕާކް ކުރުމާއި، ލޮރީ ޕާކް ކުރުމާއި، ގުދަން ކުރުމާއި، ވަޑާންގެއާއި، ގަރާޖާއި، ވާރކްޝޮޕާ، މިބާވަތުގެ މަސައްކަތްތައް ހިންގާ އެކިތަންތަން އެސަރަޙައްދަށް ބަދަލުކުރެއްވުންވެސް ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެސަރަޙައްދުން ބިން ވިއްކެވުމަށް ނިންމަވާފައިވާ ނިންމެވުމަށް އިޝާރާތް ކުރައްވަމުން، ބިން ވިއްކެވުމަށް ނިންމެވި މައިގަނޑު ތިންސަބަބެއް، ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މާލޭގައި މިހާރު ބިމުގެ އަގު ވަރަށްބޮޑުވެފައި ވުމާއެކު، މާލޭގެ ބިމުގެ އަގު ހެޔޮކުރެއްވުމަށްޓަކައި ސަރުކާރުން ބިން ބާޒާރަށް ނެރުއްވުމަކީ ބޭނުންތެރި ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ބިމުގެ އަގު ތިރިކުރުމަށް މަސައްކަތް ކުރުމުގެ އިތުރުން، މާލޭގެ ބިން ވިއްކުމުގެ އެހެންވެސް އިޤްތިޞާދީ ބޭނުން އެބަހުރިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

މާލޭގެ އަނެއް ސަރަޙައްދުގެ ގޮތުގައި ސަރުކާރުން ފާހަގަކުރައްވާފައިވަނީ، މާލޭ މާރުކޭޓް ކަމަށާއި، އެސަރަޙައްދުގައި ގިނަ ބުރިތަކަކަށް މައްޗަށް ހެދޭ މާރުކޭޓެއް ހެއްދެވުމަށްވަނީ ނިންމަވާފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމައެއާއެކު، އެ ސަރަޙައްދަށް ބޭނުންވާނެ އެކިއެކި ޚިދްމަތްތައް ލިބޭނެގޮތަށް، އެ ސަރަޙައްދު ޕްލޭންކޮށް، އެ ސަރަޙައްދު ބިނާކުރުންވެސް ހިމެނޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ތިންވަނަ ސަރަޙައްދެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، ދަރުބާރުގެއިން ފެށިގެން ލޮނުޒިޔާރަތްކޮޅު މާލޭތިލައާ ހަމައަށް އޮތް ސަރަޙައްދެވެ. މުނިފޫހިފިލުވުމާއި، ކުޅިވަރާއި، ކަސްރަތާ، މިބާވަތުގެ ކަންކަމަށް އެ ސަރަޙައްދު އެކީގައި ކަނޑައަޅައި، އެފަދަ ޚިދްމަތްތައް ލިބޭނެ ގޮތަކަށް އެތަންވެސް ރީޑިޒައިން ކުރެއްވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ރީޑިޒައިން ކުރެއްވުމަށް ނިންމަވާފައިވާ މާލޭގެ ހަތަރުވަނަ ސަރަޙައްދަކީ، ސަރުކާރުގެ އޮފީސްތަކާއި، ރައްޔިތުންގެ މަޖިލީސްކުރާ ގެޔާއި އަދި މާލޭގެ ސަރުކާރުގެ އޮފީސް ސަރަޙައްދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހުރަވީ ބިލްޑިންގ ހުސްކޮށް، އެތަނުގައި ކާރު ޕާކްކުރާނެ ތަންތަނާއި، އެނޫންވެސް އެހެން ޖާގަ އޮންނާނެހެން ތަންތަން ހެދުމާއި، ކުރީގައި އެޓޮލްސް މިނިސްޓްރީ ހިންގަމުން ގެންދިޔަ ފާށަނާ ބިލްޑިންގ ތަޅާލައި، އެތަނުގައިވެސް އެހެނިހެން ޚިދްމަތްތަކަށް ޖާގަ ހުޅުވާލުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މުޅި މާލޭގެ ތަރައްޤީގެ ޕްލޭން ހިންގުނީމާ، މާލެއަށް ކިތަންމެ ތަނެއް ލުއިވެގެންދާނެ ކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، މި ޕްލޭންތަކުގެ ޢަމަލީ މަސައްކަތްތައް، މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވާކަން ހާމަކުރެއްވިއެވެ.