ރައީސުލްޖުމްހޫރިއްޔާ މި ފެށޭ ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވައިފި

6 އޮގަސްޓް 2010

– ރާމިޒް –

މި ފެށޭ ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރާއްޖޭގެ ރައްޔިތުންނަށް ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ފޮނުއްވިއެވެ.
އެމަނިކުފާނު ރާއްޖޭގެ ރައްޔިތުންނަށް ރަމަޟާން މަހުގެ ތަހުނިޔާ މިފޮނުއްވީ އެމަނިކުފާނު މިއަދު ހެނދުނު އެމްއެންބީސީގެ ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ދެއްވި 60 ވަނަ ރޭޑިއޯ ޚިޠާބުގައެވެ.
ރައީސްގެ ޚިޠާބުގައި، ރޯދަމަހު ބާޒާރުގައި ތަކެތީގެ އަގު އުފުލުނަ ނުދެއްވައި ހިފެހެއްޓެވުމަށް ސަރުކާރުން ވަރަށްބޮޑު މަސައްކަތެއް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ޚާއްސަކޮށް ރޯދަމަހުގައި ރައްޔިތުންގެ ހާލުއަހުވާލު އަޅުގަނޑުމެން އެންމެންވެސް، ބަލައި ހެދުން ވަރަށް މުހިންމު ކަމުގައި ވިދާޅުވިއެވެ.
“ކުރިމަތީގައި މިއޮތީ ބަރަކާތްތެރި ރޯދަމަސް. އެއީ, އަޅުގަނޑުމެންނަށް ވަރަށް މުހިންމު މަހެއް. އެނގިވަޑައިގަންނަވާނެ، ރޯދަމަހުގެ އެންމެބޮޑު އެއްބޭނުމަކީ، ނިކަމެތިންގެ ޙާލު ތިމާ އަމިއްލައަށް އިޙްސާސްކޮށް ދެނެގަތުން. ތިމާއަށްވުރެ ނުފުދޭ މީހުން، ތިމާއަށްވުރެ އާމްދަނީ މަދު މީހުންގެ ޙާލަތު ތިމާވެސް ދެނެގަންނަ މަސް. އަޅުކަމުގެ މަހެއް. އަޅުގަނޑުމެން މާތްރަސްކަލާނގެ ކިބައިން ގިނަގިނައިން ޙަމްދުކޮށް، އެކަލާނގެއަށް ޘަނާކިޔުމުގެ މަހެއް. އަޅުގަނޑުމެން ރާއްޖޭގައި ޒަމާނުއްސުރެ ފަށައިގެން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރަމުން އަންނަ މަހެއް. އަޅުގަނޑަށް ޔަޤީން، މިފެށޭ ރޯދަމަސްވެސް އަޅުގަނޑުމެންނާ ބައްދަލުކޮށް އަދި އަޅުގަނޑުމެންނާ ވަދާޢު ކިޔައިދާނީ، ހަމަ ކުރީގައިވެސް އަޅުގަނޑުމެން މިމައްސަރާ މިބައްދަލުކުރާ ޚާއްޞަ ގޮތަށް.” ރައީސް ވިދާޅުވިއެވެ.

.