59 ފަނޑިޔާރަކު ރޭ ހުވާކުރައްވައިފި

މިހިސާބުން އަދުލުވެރިކަން ގެއްލިގެން ދިޔައީ- ޝުޢައިބު

5 އޮގަސްޓް 2010

– ރާމިޒް –

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ދާއިމީކުރުމަށް ކަނޑައަޅާފައިވާ 59 ފަނޑިޔާރަކު ރޭ ހައިކޯޓްގައި ހުވާ ކުރައްވައިފިއެވެ. ރޭ އެކޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި އަލުން އައްޔަންކުރެއްވި ފަނޑިޔާރުންނަށް ހުވާ ލައިދެއްވީ ސްޕްރީމް ކޯޓްގެ ފަނޑިޔާރު ޢަބްދުﷲ އަރީފް އެވެ.

މިފަނޑިޔާރުންނަށް ރޭ ހުވާލައިދެއްވަން ފެއްޓެވުމުގެ ކުރިން ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު އައިޝަތު ވެލިޒިނީ މިރަސްމިއްޔާތުގައި ފަނޑިޔާރުންގެ ކުރިފުޅުމަތީގައި ފަނޑިޔާރުން ހުވާކުރެއްވުމުގެ ކަންތައް ޖޭއެސްސީން ހަމަޖައްސައިފައި ވަނީ އެ ކޮމިޝަންގެ ރައީސް މުޖުތާޒު ފަހުމީގެ މަސްލަހަތު ހިމެނޭ ގޮތަށް ކަމަށާއި އަދި އެކަމަކީ ޤާނޫނާއި ޤަވާއިދާ ޚިލާފަށް މުޖުތާޒު ފަހުމީ ކުރައްވަމުން ގެންދަވާ ކަމެއް ކަމަށްވިދާޅުވެ، ރައްޔިތުންގެ ހައްގަށްޓަކައި އެއްވެސް ބޭފުޅަކު ހުވާ ނުކުރެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ގެންދެވި އެވެ.

ނަމަވެސް ކުޑައިރުކޮޅެއް ފަހުން، ވެލެޒިނީ ބޭރަށް ނުކުމެވަޑައިގަތްތަނުން ފަނޑިޔާރުން ހުވާކުރުމުގެ ރަސްމިއްޔާތު ހިނގަމުންދިޔަ މާލަމް މީހުންނަށް ނުވަދެވޭ ގޮތަށް އެތެރެއިން ތަޅުލިއެވެ.

ފަނޑިޔާރުން ހުވާކުރައްވަމުން ދިޔަ ވަގުތު ބަޔަކު ހައިކޯޓް ދޮށުގައި މުޒާހަރާކޮށް ފަނޑިޔާރުންނާއި ދެކޮޅަށް އަޑުއުފުލާފައިވެއެވެ. މުޒާހަރާ ކުރަމުންދިޔަ މީހުން ފުލުހުންގެ މަސައްކަތުން ވަނީ ދުރަށް ޖައްސާފައެވެ.

ފަނޑިޔާރުންނަށް ހުވާލައިދެއްވި ރަސްމިއްޔާތުގައި އެބޭފުޅުންނަށް ފަތްކޮޅު ޙަވާލުކޮށް ދެއްވުމަށްފަހު، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ވިދާޅުވީ މިއީ ޝަރުޢީ ދާއިރާއަށް ”ވަރަށް ނާމާން ބިރުވެރި” ދުވަސްތަކެއް ކަމަށާއި، ފަނޑިޔާރުގެއާ މެދު ”ވަރަށް އިހާނެތިކޮށް” ކަންތައް ކުރަމުންދާ ކަމުގައެވެ.

ފަނޑިޔާރުން ހުވާކުރެއްވިއިރު، އެކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރު އައިޝަތު ވެލެޒިނީވަނީ، މިކަން ހުއްޓުވައިދިނުމަށް އަމުރެއްކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކޮމިޝަންގެ މެމްބަރެއްކަމަށްވާ އަބްދުﷲ ޝާހިދަށް ސިޓީފުޅެއް ފޮނުއްވާފައެވެ. މި ސިޓީގައި ވިދާޅުވެފައިވަނީ، ޤާނޫނުއަސާސީގެ 285 ވަނަ މާއްދާގައި ބުނާ މަސްއޫލިއްޔަތު ޖޭއެސްސީއަށް އަދާނުކުރެވި، އިހްމާލުވެފައިވާތީ އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބައްލަވައި ދެއްވުމަށާއި އަދި ވަކިގޮތަކަށް މިމައްސަލަ ރައްޔިތުންގެ މަޖިލީހުން ނިމެންދެން ފަނޑިޔާރުން ދާއިމީކުރުން ހުއްޓުވައި ދިނުމަށް އެދިވަޑައިގެންފައި ވެއެވެ.

ފަނޑިޔާރުން ރޭ ހުވާ ކުރެއްވި ހިސާބުން ފެށިގެން ރާއްޖެއިން އަދުލުވެރިކަން ގެއްލިގެން ދިޔައީކަމަށް، ޖުޑިޝަލް ސަރވިސް ކޮމިޝަން އަށް ރައްޔިތުންގެ ފަރާތުން ކަނޑައަޅުއްވާފައި ހުންނެވި މެންބަރު އައްޝައިޚު ޝުޢައިބު ޢަބްދުއްރަހްމާން ވަނީ ވިދާޅުވިއެވެ.
އެމެއެން ބީސީގެ ޓެލެވިޜަން މޯލްޑިވްސް އިން ފޮނުވި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝުޢައިބު ވިދާޅުވީ ރޭގައި ކަންތައްތައް ވެގެން އެދިއަގޮތުން ރާއްޖޭގައި އަދުލް އިންޞާފު ޤާއިމުކުރުމުގެ ހާލަތު މިހާރު އޮތްގޮތް ރަނގަޅަށް އެނގިގެން އެދިއައީ ކަމަށާއި،
ފަނޑިޔާރުން ދާއިމީ ކުރުމުގެ މިންގަނޑު ފާސްކުރެއްވި އިރު އެ މިންގަނޑަށް ތާއީދު ކުރެއްވިން ކަމަށާއި ނަމަވެސް ތާއީދުކުރެއްވީ އެމިންގަނޑގެ ދަށުން އައްޔަނުކުރެވޭ ފަނޑިޔާރުންނަކީ އުމުރަށް ދާއިމީ ކުރެވޭ ބަޔަކު ކަމުގައި ކަނޑައެޅުމަށް ނޫން ކަމަށެވެ. ޝަޢައިބުގެ ނިޔަތަކީ އިތުރު ތައުލިމާއި ތަމްރީނު ބޭނުންވާ ފަނޑިޔާރުން 5 އަހަރަށް ކަނޑައަޅައި އެ މުއްދަތުގައި ބޭނުންވާ ތައުލީމް އާއި ތަމްރީނު ދިނުމަށްފަހު ދާއިމީ ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ފަނޑިޔާރުން ހުވާކޮށްފައި މިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އަމަލުތަކާ މެދު ދިވެހި ސަރުކާރާއި، ބޭރު ދުނިޔެއިން ވެސް ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮށެވެ..