މަޖިލިސްކުރާގެ ކައިރީގައި ކުރި މުޒާހަރާ ބެލެހެއްޓުމުގައި ފުލުހުންނަށް އަމަލުކުރެވުނީ މުޅިން ރަގަޅަކަށް ނޫން ކަމުގައި ރައީސް ވިދާޅުވެއްޖެ

13 އޮކްޓޫބަރ 2009
ރައީސްކަންކޮށްފައިވާ މީހަކަށް އިނާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭ ބިލުގެ 9 ވަނަ މާއްދާއާއި ދެކޮޅަށް އިއްޔެ މަޖިލިސްކުރާގޭދޮށުގައި ކުރި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކޮށްފައިވަނީ އެންމެ ރަގަޅަކަށް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގިނަ ބަޔަކު ހާޒިރުވި މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، “އަޅުގަނޑުގެ ނަޒަރުގައި ފުލުހުންނަށް މިއަދު އަމަލުކުރެވުނީކީ މުޅިން ރަގަޅަކަށް ނޫން. އެބޭފުޅުންނަށް ރިވެތި ގޮތުގައި މުޒާހަރާއެއް ބެލެހެއްޓެން ޖެހޭނެ. ފުލުހުންނަށް މުޒާހަރާ ރިވެތި ގޮތުގައި ނުބެލެހެއްޓުނީ އެބޭފުޅުން އެބޭފުޅުންގެ ވެރިންނަށް ތަބާ ނުވާތީކީ ނޫން. އަދި އެވެރިން އަޅުގަނޑަށް ތަބާނުވާތީކީ ވެސް ނޫން.”
ރައީސް އިތުރަށް ވިދާޅުވީ އެފަދަ މުޒާހަރާއެއް ހިނގަމުންދާ ވަގުތު ފުލުހުން ހާސްވެ ބިރުގަތުމުގެ ސަބަބުން ކަންތައްތައް ގޯސްވެގެންދަނީ ކަމުގައެވެ. އަދި އާންމުންނަށް ފުލުހުންގެ ސަފުތައް ފަހަނައަޅައި ކުރިޔަށް ދެވިގެން ނުވާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މުޥައްސަސާގެ ތެރެއަށް ގަދަކަމުން އާންމުން ވަދެގަތުމުގެ ފުރުޞަތު ދެވިގެން ނުވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑު ތަކުރާރުކޮށް ފުލުހުންނަށް ދަންނަވަމުން ދިޔައިން މަޖިލީހުގެ ގޭތެރެއަށް އާންމުންނަށް ވަދެވިގެން ނުވާނެއޭ. ހަމައެއާއެކުގައި އަޅުގަނޑު ތަކުރާރުކޮށް ދަންނަވަމުން ދިޔައިން އެއްވެސް ރައްޔިތަކަށް އަނިޔާވެރިވެގެން ނުވާނެއޭ.” ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ސުލްހަވެރި ގޮތުގައި މުޒާހަރާކުރެވި އަޑުއުފުލެން ޖެހޭނެ ކަމަށާއި، މުޒާހަރާ ރޫޅާލުމުގައި ފުލުހުންނަށް އަމަލުކުރެވިފައިވާ ގޮތް ފުލުހުންގެ މުޥައްސަސާއިން ތަޙުގީގުކުރައްވާނޭ ކަމުގައެވެ. ރައީސް ވިދާޅުވީ ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅުގައި އެމަނިކުފާނު ނުހުންނަވާނޭ ކަމަށާއި އިއްޔެގެ ހާދިސާ އެގޮތަށް ދިމާވީ ފުލުހުންގެ މައްޗަށް އެމަނިކުފާނުގެ އަމުރުފުޅު ނުހިންގެވޭތީ ނޫން ކަމަށާއި، ސިފައިންނާ ފުލުހުންގެ އިސްވެރިއެއްގެ ހައިސިއްޔަތުން އެ މުޥައްސަސާތަކަށް އެމަނިކުފާނު ހިންގަވަންޖެހޭ އަމުރުފުޅުތައް ބަރާބަރަށް ހިންގަވަމުން ގެންދަވާ ކަމުގައެވެ.
މިއަދުގެ ޖަލްސާގައި އުނިކޮށްފައިވާ ކުރީގެ ރައީސްގެ އިނާޔަތުގެ ބިލުގެ 9 ވަނަ މާއްދާ އާއި ބެހޭގޮތުން ވެސް ރައީސް ވާހަކަފުޅު ދެއްކެވިއެވެ. ރިޔާސަތުން ނުވަވަނަ މާއްދާ އުނިކޮށްފައިވަނީ އެމާއްދާ ބިލުގައި ހިމެނުމާ ދެކޮޅަށް 38 ވޯޓު ލިބިލައްވާނޭ ކަމަށް އުއްމީދުކުރައްވާ ކަމުގައި ރޭގެ ޖަލްސާގައި ރައީސް ވިދާޅުވެފައި ވަނިކޮށެވެ. މީގެ އިތުރުންވެސް ޖަލުގައި އިއްޔެ ހިނގި ހަމަނުޖެހުމަށް ވެސް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވިއެވެ. އެހަމަނުޖެހުމާ ގުޅިގެން ރައީސް ވިދާޅުވީ މިހާތަނަށް ސަރުކާރަށް ލިބިފައިވާ މައުލުމާތުތަކަށް ބައްލަވާއިރު، ޖަލުގައި ރޯކޮށްލި ހާދިސާ އަކީ ބަޔަކު ރާވައިގެން ހިންގާފައިވާ ހަރަކާތެއް ކަމަށް ބެލެވޭ ކަމުގައެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީއާއި، ޗެއަރޕާސަން އަލް އުސްތާޛާ މާރިޔާ އަހުމަދު ދީދީ ޕާޓީއަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި އެ ދެބޭފޫޅުންނަށް ރައީސް ވަރަށް ބޮޑަށް ތައުރީފް ކުރެއްވިއެވެ.