އޮގަސްޓް 28 ވަނަ ދުވަހު އެމްޑީޕީގެ ދާއިރާ އިންތިޚާބު ބާއްވަނީ

3 އޮގަސްޓް 2010

– ރާމިޒް –

އެމްޑީޕީގެ ދާއިރާ އިންތިޚާބު 28 އޮގަސްޓް 2010 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް އެޕާޓީ އިން ހަމަޖައްސައިފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބާއްވާގޮތަށް ހަމަޖެހިފައިވާ މިއިންތިޚާބު ގައި ވާދަކުރުމުގެ ފުރުސަތު އެމްޑީޕީގެ މެންބަރުންނަށް 10 އޮގަސްޓާ ހަމަޔަށް ވަނީ ހުޅުވާލެވިފައެވެ. މާލޭގެ އެމްޑީޕީ މެންބަރުންނާއި، މާލޭ ގައި ދިރިއުޅޭ އަތޮޅުތަކުގެ އެމްޑީޕީ މެންބަރުން ވޯޓުލުން އޮންނާނީ އެމްޑީޕީ ހަރުގޭގައި ކަމަށްވެސް އެޕާޓީ އިން ބުނެއެވެ.
މިގޮތުން ދާއިރާތަކުން އިންތިޚާބުކުރުމަށް ހަމަޖެހިފައިވާ މަޤާމްތަކަކީ ދާއިރާގެ ރައީސް، ދާއިރާގެ ނާއިބްރައީސް، ސެކްރެޓަރީ، ސެކްރެޓަރީގެ ނާއިބް އަދި އިންތިޒާމް ސެކްރެޓަރީ އެވެ.
އެހެން ނަމަވެސް މިވަގުތު ރައްޔިތުންގެ މަޖިލިސް ތަމްސީލްކުރާ އެމްޑީޕީގެ މެންބަރުންނަކީ އެބޭފުޅެއްގެ ދާއިރާގެ ރައީސް ކަމުގައި އައްޔަންކުރުމަށް ރޭ ބޭއްވި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފައިވާތީ އެދާއިރާތަކުގައި ހިމެނޭ ރަށްރަށުގައި އިންތިޚާބު ބާއްވާނީ ދާއިރާ ރައީސް ނޫން އެހެން މަޤާމްތަކަށް މީހުން އިންތިޚާބުކުރުމަށެވެ.
ދާއިރާ ހިންގާކޮމެޓީތަކުގެ ހުސްވެފައިވާ މަޤާމްތައް އެނގޭނޭ ލިސްޓެއް އެމްޑީޕީގެ ސެކްރެޓޭރިއެޓުންނާއި އެމްޑީޕީގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށް އެޕާޓީއިން ބުނެއެވެ.