ފަނޑިޔާރުންނާއި ބެހޭ ބިލު ވީ އެންމެ އަވަހަކަށް ނިންމުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް ތައްޔާރަށް އޮތް ކަމުގައި އެގްރޫޕްގެ ލީޑަރު ވިދާޅުވެއްޖެ

3 އޮގަސްޓް 2010

– ރާމިޒް –

ފަނޑިޔާރުންނާއި ބެހޭ ބިލު ވީ އެންމެ އަވަހަކަށް ނިންމުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕް ތައްޔާރަށް އޮތް ކަމަށާއި، އެކަން މަޖިލީހުގެ ރައީސަށާއި ޑީއާރުޕީއަށް ވެސް އަންގާފައިވާނޭ ކަމަށް އެގްރޫޕްގެ ލީޑަރު މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީގެ ހަރުގޭގައި އޮތް އެޕާޓީގެ އާންމު ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން މޫސަ ވިދާޅުވީ އެއްވެސް ހާލެއްގައި އެމްޑީޕީން ބޭނުންވަނީ ހަމައެކަނި މިވެރިކަން ދެމެހެއްޓުން ނޫންކަމަށާއި އެޕާޓީ އިން އެންމެ އިސްކަމެއްދީގެން ކުރަން ބޭނުންވާ ކަމަކީ މިގައުމުގައި ހަމަހަމަކަމާއި އަދުލު އިންސާފް ގާއިމްކޮށްދިނުންކަމަށެވެ.
“އަދުލު އިންސާފު ގާއިމު ނުކުރެވެންޏާ ޑިމޮކްރަސީގެ ބޭނުމެއްނެތް. ވަރަށް ކެރިހުރެގެން މިދަންނަވަނީ، ޤާނޫނު އަސާސީ ނަގަހައްޓަން، ޤާނޫން އަސާސީ ލާޒިމް ކުރޭ ދައުލަތުގެ މަތީވެރިޔާއަށް ވަރަށް ގިނަކަންތައްތަކެއް ކުރަން. އެހެން ކަމުން ޤާނޫން އަސާސީއާއި ޚިލާފަށް ކުރެވޭ ކޮންމެ ކަމަށް ދިވެހި ފުލުހުންނަށް ހުއްޓުވޭނެ. އެފަދަ ތަނަކަށް ވަދެވޭނެ، ވަންނާނަން، އެ އޮތީ ވަދެފަ” މޫސަ ވިދާޅުވިއެވެ.