ގައުމު ހަމަ މަގަށް އެޅުވުމަށް އެމްޑީޕީ އިން މިހާރު ކުރަމުންދާ މަސައްކަތަށް އައިޑީޕީ އިން އެއްބާރުލުންދޭނެ ކަމަށް އެޕާޓީ އިން ބުނެފި

2 އޮގަސްޓް 2010

ޖުޑިޝަލް ސަރވިސް ކޮމިޝަނާއި އެހެނިހެން ވެސް ދާއިރާތަކުން ޤާނޫނާއި ޤަވާއިދާ ޚިލާފަށް ކުރަމުންދާ އަމަލުތައް ހުއްޓުވުމަށް އެމްޑީޕީ އާ އެކު ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް ތިބި ކަމަށް އިސްލާމް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) އިން ބުނެފިއެވެ.
މެންބަރުންގެ އަދަދަށް ބަލާއިރު 5 ވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ އައިޑީޕީ އިން މިކަން ހާމަކުރީ ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އެޕާޓީގެ ޖަލްސާއެއްގައެވެ.
މި ޖަލްސާގައި އައިޑީޕީގެ ނައިބު ރައީސް ހަސަން މަނިކު ދެއްކެވި ވާހަކައިގައި ޖުޑިޝަލް ސަރވިސް ކޮމިޝަނުން ޤާނޫން އަސާސީއާއި ޚިލާފަށް ކުރަމުންދާ ކަންތައްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އަދި މިފަދަ ޢަމަލުތައް ހުއްޓުވުމަށް ، “ޕެޕަރ ސްޕްރޭއާ ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް” މަގުމައްޗަށް ނުކުންނަވަން ވެސް ތައްޔާރު ކަމުގައި އޭނާ ވިދާޅުވިއެވެ.
އައިޑީޕީ އިން ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޤާނޫނު އަސާސީ އާއި ޤާނޫނާއި ޤަވައިދުތަކާ ޚިލާފަށް ކުރަމުންދާ މަސައްކަތްތައް ކުށްވެރިކޮށް، އެކަންތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި ނޫސް ބަޔާނެއް ވެސް ނެރެފައެވެ.