އިރާދަކުރެއްވިއްޔާ ތިނަދޫ ގޮނޑިތަކާއި މަޑަވެލިދާއިރާގެ ގޮނޑި ކާމިޔާބުކުރެވޭނެ – ނާޒިމް

2 އޮގަސްޓް 2010

– ރާމިޒް –

ލޯކަލްކައުންސިލް އިންތިޚާބުތަކުގައި މަތިދެކުނު (ހުވަދޫ) ޕްރޮވިންސްގެ އެއްވެސް ކައުންސިލެއް ޑީއާރްޕީއަށް ކާމިޔާބުނުކުރެވޭނޭ ކަމަށާއި، އިރާދަކުރެއްވިއްޔާ ތިނަދޫގެ ކައުންސިލް ގޮނޑިތަކާއި މަޑަވެލިދާއިރާގެ ގޮނޑިތައް އެމްޑީޕީއަށް ކާމިޔާބުކުރެވޭނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
“އެމްޑީޕީގެ ފެކްޓްފައިންޑިން ޓީމުން ފާއިތުވި ހަފްތާގައި މި ޕްރޮވިންސަށް ކުރިދަތުރުގައި އަޅުގަނޑަށް މިކަމުގައި (ކައުންސިލް ގޮނޑިތައް ލިބޭނޭ ކަމުގެ) ވަރަށް ބޮޑުޔަގީންކަމެއް ލިބިފައިވޭ” ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި އެޕާޓީގެ އާންމު ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ އެމްޑީޕީއާއިއެކު މަސައްކަތްކުރުމަށް ގިނަޕާޓީތަކެއް އެބަތިބި ކަމަށާއި، މިހާރު މިއަދު ރައްޔިތުންގެ ހަޤީޤީ ތާއީދު އޮތީ އެމްޑީޕީއަށްކަން މިހާރު ފެންނަމުންދާ ކަމަށެވެ. އެމްޑީޕީ އިން އިތުރު އިންތިޚާބަކަށް ނުކުންނަން އުޅެނީ ފަހަރެއްގައިވެސް ވެރިކަން ހިފެހެއްޓޭނެ ބާރެއްނެތިގެން ނޫން ކަމަށް ނާޒިމް ރޭ ވިދާޅުވިއެވެ.