މަޖީލީހުގެ ރައީސް އަބްދުﷲ ޝާހިދު ބައެއް އަތޮޅުތަކަށް ކުރައްވާ “އާ ބާރެއް އެއް ބުރުން” ދަތުރުފުޅުގައި މިއަދު ފުރާ ވަޑައިގަންނަވާނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުގެ މެމްބަރު އަބްދުﷲ ޝާހިދް “އާބާރެއް އެއްބުރުން” ދަތުރުފުޅުގައި މިއަދު (14 އޯގަސްޓް 2013) ފުރާވަޑައިގަންނަވާނެއެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ބ.އަތޮޅާއި، ރ.އަތޮޅާއި، ށ.އަތޮޅާއު ހދ އަދި ހއ. އަތޮޅަށްވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަައެވެ.

ބ.ދަރަވަންދޫއިން ފެށުމަށް ހަމަޖެހިފައިވާ މިދަތުރުފުޅުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ސިޔާސަތުތަކާއި ވައުދު ތަކަށް ރައްޔިތުން ހޭލުންތެރިވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވޭނެއެވެ. އެއަތޮޅު އޭދަފުއްޓާއި ރ.އަތޮޅުގެ 7 ރަށަކަށްވެސް (މީދޫ، މާކުރަދު، ހުޅުދުއްފާރު، އުނގޫފާރު، އިނގުރައިދޫ، ދުވާފަރު އަދި އަލިފުށި) ވަޑައިގަތުމަށްވެސް ހަމަޖެހިފައިވާއިރު އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދަށް ވޯޓް ލާންވީ ސަބަބުތަކާއި އެހެން ކެންޑިޑޭޓުންނަށް ވުރެ ރައީސް ނަޝީދު މިޤައުމުގެ ވެރިކަމަށް އެކަށީގެންވަނީ ކީއްވެގެންކަންވެސް އޮޅުންފިލުވައިދެއްވާނެއެވެ.

ބ.އަތޮޅާއި ރ.އަތޮޅަށްފަހު ށ.އަތޮޅު ފޮނަދޫއަށާއި ފޭދޫއަށް ވަޑައިގަތުމަށް ވަނީ ތާވަލް ކުރެވިފައެވެ. މިދަތުރުގައި ދޮރުން ދޮރަށް ހިންގަވައި ރައްޔިތުންގެ ހާލު އަހުވާލު ބައްލަވައި ކަންމަތީ ޖަލްސާތައް ބޭއްވުމަށް ހަަމަޖެހިފައިވާކަންވެސް ފާހަގަކޮށްލަމެވެ. ހަމަ އެހެންމެ 7 ފެބްރުއަރީ 2012 ގައި ހިނގައިދިޔަ ބަޣާވަތަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުުން ގިނަ ކަންތައްތަކެއް ކުރެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހއ.އަތޮޅާއި ހދ.އަތޮޅަށް މިދަތުރުފުޅުގައި އެމަނިކުފާން ވަޑައިގަންނަވާއިރު، ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މިމަހު 19ވަނަ ދުވަހު ހދ.ހަނިމާދޫއިންނެވެ.