‘ރައީސް ނަޝީދާއެކު އެއްބުރުން’ މި ނަމުގައި ކެމްޕެއިން ދަތުރުތައް ފަށައިފި.

ރިޔާސީ އިންތިޚާބަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ކުރަމުން އަންނަ ކެމްޕެއިންގެ ތެރެއިން ‘ރައީސް ނަޝީދާއެކު އެއްބުރުން’ މިނަމުގައި ކެމްޕެއިން ދަތުރެއް މިއަދު( 14 އޯގަސްޓް 2013) ފަށައިފިއެވެ. ޕާޓީގެ ޕާރލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު އިސްވެހުންނަވައި މުޅިރާއްޖޭގެ ރަށްތަކަށް ކުރުމަށް ފަށައިފައި މިވާ ދަތުރުގައި މި ފަހަރު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށެވެ.

މިދަތުރުގައި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއެކު ދެން ބައިވެރިވަޑައިގަންނަވަނީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ، މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ރަޝީދު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުހަންމަދު ރަޝީދު، ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު ހަސަން ޝުޖާއުއެވެ. މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން ކަމުގައިވާ އިބްރާހިމް ފަޒީލް (އޮއްޕޮ)، އަސްއަދު އަލީ (އަޑުބަރޭ) އަދި ސައްޕެ މިދަތުރުގައި ބައިވެރިވެއެވެ.

އުތުރުގެ އަތޮޅުތަކަށް މިކުރާ ދަތުރުގައި 20 ދުވަހުގެ ތެރޭގައި 40 ރަށަކަށް ދިއުމަށް ހަމަޖެހިފައިވެވެ. ޖުމްލަ 110000 ވޯޓުލައި މީހުންނާއި ބައްދަލުވެގެންދާނެ މިދަތުރަކީ ރައީސް ނަޝީދު އެއްބުރުން އިންތިހާބު ކުރުމަށް ކުރާ މުހިންމު ދަތުރުކެވެ. ފުރަތަމަ ވަޑައިގަތުމަށް ހަމެޖެހިފައިވަނީ ހދ. ކުޅުދުއްފުއްޓަށެވެ.

މިދަތުރުގައި ވަޑައިގަންނަވާ ރަށްތަކުގައި ހަރުގެ ޖަލްސާތަކާއި، ކަންމަތީ ޖަލްސާތައް އަދި ގަސްދޮށު ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ވީހާވެސް ގިނަ ރައްޔިތުންނަށް ރައީސް ނަޝީދުގެ ސިޔާސަތުތައް އޮޅުންފިލުވައިދިނުމަށްޓަކައި “ޑޯ ޓު ޑޯ” ހިންގަވައި ރައްޔިތުންނާއި ބައްދަލުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ޒުވާނުންގެ ބައިވެރިވުން ކެމްޕެއިންގައި އިތުރުކުރުމަށްޓަކައި މަޝްވަރާ ބައްދަލުވުންތައް ބާއްވާ އަދި ބައެއް ރަށްރަށުގައި ހާއްސަ ފުޓުބޯޅަ މެޗުތައް ކުޅުމަށް ރާއްވަވައިފައިވެއެވެ. ހަމައެހެންމެ އެ ރަށްރަށުގައި ޒުވާނުންނާއި ކުޅިވަރާއި ބެހޭ ބިލްބޯޑުތައް ހަރުކޮށްދެއްވާނެއެވެ.