ކ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރާ “އެއްބުރުން” ކެމްޕެއިން ދަތުރުތަކެއް ފައްޓައިފި

7 ސެޕްޓެމްބަރ 2013 ގައި އޮންނަ ރިޔާސީ އިންތިޚާބަށް ކުރަމުން އަންނަ ކެމްޕެއިންގެ ދަށުން ކ އަތޮޅުގެ ބައެއް ރަށްރަށަށް ކުރާ “އެއްބުރުން” ކެމްޕެއިން ދަތުރެއް މިއަދު ފައްޓަވައިފިއެވެ. މިކުރާ ކެމްޕެއިން ދަތުރުގައި ފުރަތަމަ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ގާފަރަށެވެ. އެއަށްފަހު ތުލުސްދޫ އަދި ހިންމަފުށްޓަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ.

މިދަތުރުގައި އިސްކޮށް ބައިވެރިވެ ވަޑައިގަންނަވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސެއިން ޒަކީއެވެ. އެމަނިކުފާނާއެކު މިދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ)، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރެއްކަމުގައިވާ އިސްމާއިލް އަބްދުލް ހަމީދު އަދި ޕާޓީގެ އަންހެނުންގެ ރޫހްގެ ރައީސާ ޝިޔާމާވެސް ބައިވެރިވެވަޑައިގަންނަވައެވެ.

ކ އަތޮޅުގެ ބައެއް ރަށްރަށަށް ކުރާ މިދަތުރުގައި އެރަށްރަށުގައި ‘ޑޯ ޓު ޑޯ’ ހިންގަވައި ރައްޔިތުންގެ ހާލު ބެއްލެވުމާއި އަދި އިންތިހާބަށް އެމްޑީޕީއިން ކަނޑައަޅައިފައިވާ ސިޔާސަތުތައް ރައްޔިތުންނަށް އޮޅުންފިލުވައިދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ވަޑައިގަންނަވާ ރަށްތަކުގައި ކަންމަތީ ބައްދަލުވުން ބާއްވަވައި ރައީސް ނަޝީދަށް ތާއިދު އިތުރުކުރުމުގެ ހަރަކާތްތައް ކުރިއަށް ދާނެއެވެ. މީގެ އިތުރުން ގާފަރުގައި ހަދާފައިވާ އެމްޑީޕީ ހަރުގެ ހުޅުވައިދެއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.