މިނިވަން މުޥައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއް ވީ އެންމެ އަވަސް ފުރުސަތެއްގައި ބާއްވައިދިނުމަށް އެދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ 3 މެންބަރަކު އެ ކޮމިޓީގެ މުޤައްރިރަށް ސިޓީއެއް ފޮނުވައިފި

30 ޖުލައި 2010

މިނިވަން މުޥައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއް ވީ އެންމެ އަވަސް ފުރުސަތެއްގައި ބާއްވައިދިނުމަށް އެދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ 3 މެންބަރަކު އެ ކޮމިޓީގެ މުޤައްރިރަށް ސިޓީ ފޮނުވައިފިއެވެ.
“ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޥައްސަސާތަކާބެހޭ ކޮމިޓީއަށް މައްސަލައެއް ހުށަހެޅި، އެމައްސަލަ ކޮމިޓީ އިން ބަލަމުންދަނިކޮށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުން ދާއިމީކޮށް، ނިންމަމުން ގެންދިއުމާއި އަދި ރައްޔިތުންގެ އެތައްބަޔަކު އިޙްތިޖާޖު ކުރުމާއި ގުޅިގެން މިމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބެއްލެވުމަށްޓަކާ މިކޮމިޓީގެ ބައްދަލުވުމެއް ވީ އެންމެ އަވަސް ފުރުސަތެއްގައި ބާއްވައިދިނުމަށް އެދި ދެންނެވީމެވެ.” އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 3 މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޥައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރު، ހަނިމާދޫ ދާއިރާގެ މެންބަރު މުހައްމަދު މުޖްތާޒަށް ފޮނުވި ސިޓީ ގައި ވެއެވެ.
މިސިޓީގައި ސޮއިކުރައްވާފައިވަނީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ އަމީންއާންމު، އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޤަފޫރާއި، ބިލެތްދޫ ދާއިރާގެ މެންބަރު އަލްއުސްތާޛް އަޙުމަދު ހަމްޒާގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް، އަދި ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ސޮއިކުރައްވައި އިއްޔެ މިސިޓީ ފޮނުއްވުމަށްފަހު އެންމެ ލަސްވެގެން ހޮނިހިރު ދުވަހު ކޮމިޓީ ބައްދަލުވުމެއް ބާއްވައިދެއްވުންއެދި މުޖްތާޒަށް ފޯނުން ދެންނެވިކަމަށާއި، އެހެން ނަމަވެސް މުޖްތާޒުގެ ފަރާތުން ވެސް އަދި މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ފަރާތުން ވެސް މާބޮޑު އެއްބާރުލުމެއް މިކަމަށް ލިބިފައިނުވާކަމަށް ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވިއެވެ. އެހެން ނަމަވެސް ވަރަށް ގިނަ މަސައްކަތްތައް ކުރައްވައިގެން މިއަންނަ އާދީއްތަ ދުވަހަށް މިކޮމިޓީގެ ބައްދަލުވުން ހަމަޖެހިފައިވާ ކަމުގައި އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޥައްސަސާތަކާބެހޭ ކޮމިޓީއަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުތަކާއި ބެހޭ ގޮތުން މައްސަލައެއް ހުށަހެޅިފައިވަނިކޮށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފަނޑިޔާރުން ދާއިމީކުރުމުގެ މަސައްކަތް ކުރަމުން ދިޔައިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޢަބްދުﷲ ޝާހިދުވެސް އެ ކޮމިޝަނުގައި އިންނަވައިގެން އެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ފުރުސަތު ދެއްވުމަކީ އެމްޑީޕީ އިން ވަރަށް ކަންބޮޑުވާ ކަމެއް ކަމުގައެވެ.