ބްރިޓިޝް ކޮންޒަރވޭޓިވްސްގެ އެނުއަލް ކޮންވެންޝަންގައި ބައިވެރިވެވަޑައިގަތުމަށް އެމްޑީޕީގެ އިސް ވަފްދެއް އިނގިރޭސި ވިލާތަށް ވަޑައިގެންފި

4 އޮކްޓޫބަރ 2009

މި އޮކްޓޫބަރ މަހުގެ 4 ން 8 އަށް ބާއްވާ ބްރިޓިޝް ކޮންޒަރވޭޓިވްސްގެ އެނުއަލް ކޮންވެންޝަންގައި ބައިވެރިވެވަޑައިގަތުމަން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ އިސް ވަފްދެއް އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފިއެވެ.
ބްރިޓިޝް ކޮންޒަރވޭޓިވް ޕާޓީގެ ލީޑަރ ޑޭވިޑް ކެމެރޫންގެ ދަޢުވަތަކަށް ހޮނިހިރު ދުވަހުގެރޭ އިނގިރޭސި ވިލާތަށް ފުރާވަޑައިގެންނެވި މިވަފްދުގައި ހިމެނި ވަޑައިގަންނަވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ކަމުގައިވާ އެޕާޓީގެ ވަގުތީ ރައީސް އިބްރާހީމް ހުސައިން ޒަކީ އާއި، ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ޞޯލިޙްގެ އިތުރުން އަލީ ޝިޔާމް އެވެ.
މިކޮންވެންޝަންގައި އެމްޑީޕީ ތަމްސީލު ކުރެއްވުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ސިޔާސީ މުފައްކިރުން ވިދާޅުވާ ގޮތުގައި މިއީ ކޮންޒަރވޭޓިވް ޕާޓީން އިނގިރޭސި ސަރުކާރާ ހަވާލުވެވަޑައިގަތުމުގެ ކުރިން ބާއްވާނެ އެޕާޓީގެ އެންމެ ފަހު އެނުއަލް ކޮންވެންޝަނެވެ. ދުނިޔޭގެ އެކި ގައުމުތަކުން މި ކޮންވެންޝަންގައި 12500 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ކޮންޒަރވޭޓިވްސް ޕާޓީން މައުލޫމާތު ދެއެވެ.