ރިޔާސީ އިންތިޚާބުގައި އިދިކޮޅުން ވާދަކުރައްވާ ކެނޑިޑޭޓުންނަށް މިފަހަރު އިންތިޚާބުގައި ރައީސް މުހައްމަދު ނަޝީދާއި ގާތްވެސް ނުކުރެވޭނެކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެވެ.
ގއ. ކޮލަމާފުށީގައި 9 އޮގަސްޓް ވަނަ ދުވަހުގެ ރޭ ބޭއްވުނު ކެމްޕެއިން ޖަލްސާގައި ރައީސް ނަޝީދު ހުއްޓުމެއްނެތި ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުތަކަށް އިޝާރާތްކުރައްވަމުން އަސްލަމް ވިދާޅުވެފައިވަނީ އެފަދަ ހިތްވަރެއް އެހެން ކެނޑިޑޭޓުންނަށް ނުދެއްކޭނެ ކަމަށެވެ. އަދި ރައީސް ނަޝީދުގެ އެހިތްވަރުގަދަކަމުގެ ސަބަބުން މި އިންތިޚާބު އެއްބުރުން އެމަނިކުފާނަށް ކާމިޔާބު ކުރެވޭނެކަން ޔަގީންކުރައްވާކަމަށެވެ.
އަސްލަމްގެ ވާހަކަފުޅުގައި ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ފުރަތަމަ ވެރިކަމަށް އެރިއިރުވެފައިވާ ވައުދުތައް ނުފުއްދާނެކަމަށް ބުނަމުން ދިޔައިރު ދިޔައިރު ސަރުކާރުން ވީ ވައުދުތައް ރައްޔިތުންނަށް ފުއްދައިދީފައިވާކަމަށެވެ. މިގޮތުން ދަތުރު ފަތުރުގެ ނިޒާމަށް އަލިއަޅުއްވައިލައްވަމުން އެނިޒާމުގެ ސަބަބުން އިގްތިސާދީ ފުދުންތެރިކަން އިތުރުވެ ރަށު ބަންދުން ރައްޔިތުން ވީއްލިގެން ދިޔަކަން އަސްލަމް ފާހަގަކުރެއްވިއެވެ.
ބަޣާވާތްކޮށްގެން ސަރުކާރު ވައްޓާލުމަށްފަހު ދިޔަ ރަށްރަށުން ފެނުނީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ސަރުކާރުން ފެށި މަޝްރޫއުތައް ހުއްޓައިލައިފައިވާތަން ކަމަށް އަސްލަމް ވިދާޅުވިއެވެ. އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް އިންކަމް ޓެކްސްގެ ވައުދު ވެވަޑައިގެންފައިވާތީ އެކަމަށް ފާޑުވިދާޅުވެ އަސްލަމް ވިދާޅުވެފައިވަނީ އެކަން ހުއްޓިފައިވަނީ މިހާރުވެސް އެކަންތައް އަވަސްކުރަން ގާސިމް އިންނަވާ ކޮމެޓީއިން މަސައްކަތްނުކުރައްވާތީ ކަމަށެވެ. އަދި ވިޔަފާރީގެ ފައިދާ އިން ޓެކްސް ނެގުމުގެ ބިލަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ގެނައި ބަދަލާއި ގުޅިގެން ރައްޔިތުންނަށް ލިބެންޖެހޭ އެތަކެއް ފައިސާއެއް ނުލިބި ވާކަމަށް ވިދާޅުވިއެވެ. އެފައިސާއަކީ ރަށްރަށުގެ ނަރުދަމާއަށާއި، ބަނދަރު ހެދުން ފަދަ އުމްރާނީ މަސައްކަތްތަކަށް ހަރަދުކުރަން ހުރި ފައިސާ ކަމަށް އަސްލަމް ވިދާޅުވިއެވެ.
ސެޕްޓެމްބަރ 7 ވަނަ ދުވަހު ރައްޔިތުން ނިކުމެ ބަޣާވާތުން ލިބުނު ގެއްލުން ފޫބައްދާ އަލުން ރާއްޖެ ތަރައްގީކުރަން ރައީސް ނަޝީދަށް ވޯޓުދެއްވާނެކަން ޔަގީންކުރައްވައިކަމުގައި އަސްލަމް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ވެރިކަމެއްކޮށްދިނުމަށް މަސައްކަތްކުރާ ހަމައެކަނި ކެނޑިޑޭޓަކީ ރައީސް ނަޝީދުކަމުގައި އަސްލަމް ވިދާޅުވިއެވެ.