ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލާން ރެޖިސްޓްރީ ކުރި މީހުންގެ %50 އަށް ވުރެ މަތިން ރެޖިސްޓްރީ ކުރީ އެމްޑީޕީއިން.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލާން ބޭނުންފުޅުވާ ބޭފުޅުންގެ ތެރެއިން ރެޖިސްޓްރީ ކުރި މީހުންގެ ތެރެއިން %50 އަށް ވުރެ މަތިން މީހުން ރެޖިސްޓްރީ ކޮަށްފައިވަނީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިންނެވެ.

ގަލޮޅު އުތުރުގެ ގުލްޒާރު ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު މިކަން ފާހަގަކުރައްވަމުން ވިދާޅުވެފައިވަނީ 35000 މީހުން އެމްޑިޕީއިން ރެޖިސްޓްރީ ކުރުމުން އިންތިޚާބު އެމްޑީޕީ ކޮޅަށް ނިމިގެން ދާނޭކަން ޔަގީންކުރައްވާކަމަށެވެ. އިލެކްޝަން ކޮމިޝަނުން ރެޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު 7 އޮގަސްޓް 2013 ގެ ނިޔަލަށް ހަމަވެފައިވާއިރު އެކޮމިޝަންއިން ހާމަކޮށްފައިވާ ގޮތުން 61000ށް ވުރެ ގިނަ އަދަދަށް މީހުން ރެޖިސްޓްރީކޮށްފައިވެއެވެ.

އެމްޑީޕީއިން މިމަސައްކަތް ކާމިޔާބު ކަމާއެކު ހާސިލްކުރަން ބޭނުންވި ލަނޑުދަނޑިއާއި ހިސާބަށް ދިޔުމަށްޓަކައި ކެމްޕެއިން ޓީމު ވަރަށް ބުރަ މަސައްކަތެއް ކޮށްފައިވާކަން ފާހަގަކުރަންޖެހެއެވެ. މިގޮތުން ޕެޗް އޭޖެންޓުންނާއި، ބްލޮކް އޭޖެންޓުން ފެށިގެން ރަށު ކޯޑިނޭޓަރުންނާއި، އަތޮޅު ކޯޑިނޭޓަރުންނާއި، ދާއިރާތަކުގެ ކޯޑިނޭޓަރުން އަދި ވޮލްންޓިއަރުންނާއި ދާއިރާ ޖަގަހަތަކުން ރައީސް ނަޝީދުގެ ކެމްޕެއިން ޓީމާއި ގުޅިގެން ކުރިއަށް ގެންދިޔަ މިމަސައްކަތް ދިމާވި ހުރިހާ ގޮންޖެހުންތަކެއް ކަޑައްތުކުރުމަަށްފަހު ނިންމާލަފައިވަނީ ކެނޑިނޭޅި ހިތްވަރާއެކު މަސައްކަތްކޮށްގެންނެވެ. ވާދަވެރި ސިޔާސީ ޕާޓިތަކަށް އެމްޑީޕީއާއި ވާދަނުުކުރެވޭ މިންވަރަށް ވޯޓަރސް ރެޖިސްޓްރޭޝަންގެ މަސައްކަތް ކުރިއަށް ގެންދިޔަގޮތުން އަންގައިދެނީ ކުރިއަށް އޮތް އިންތިހާބު ކާމިޔާބުކޮށް ގައުމުގެ ތަރައްގީވުމަށް އެމްޑީޕީގެ މެންބަރުން ބޭނުންވެފައިވާ މިންވަރެވެ. މިކަމަށްޓަކައި މިމަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ނިހާޔަތަށް ޝުކުރު އަދާކޮށް މަރުޙަބާ ކިޔަމެވެ.

ހަމައެހެންމެ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށްރަށުގައި ވޯޓުލައި މީހުންގެ ރެޖިސްޓްރީ ކުރުމުގެ މަސައްކަތް ފަސޭހަކަަމާއެކު ކުރިއަށް ގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ކުރެއްވި މަސައްކަތަށް ޝުކުރު ދަންނަވަން ޖެހެއެވެ. މިފަދަ މަސައްކަތެއް ބޮޑެތި މައްސަލަތަކެއް ނުޖެހި އޮމާންކަމާއެކު ނިންމާލެވިފައިވަނީ އެކޮމިޝަންގެ ހަރުދަނާ ރޭވުންތަކުގެ ސަބަބުންކަން ގަބޫލުުކުރަންޖެހެއެވެ.

އެމްޑީޕީގެ ޕާޓީގެ އޮފިޝަލުންނާއި، ކެމްޕެއިންގެ މަސައްކަތުގައި އުޅުއްވާ އެންމެހާ ބޭފުޅުން ރެއާއި ދުވާލު ވަރުބަލިކަމެއްނެތި މިކުރާ މަސައްކަތުގެ ސަބަބުން ރައީސް މުހައްމަދު ނަޝީދުވެސް ފާހަގަ ކުރައްވައިފައިވާ ފަދައިން އެމްޑީޕީއަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ވެގެންދާނޭަކަން އަންގައިދެއެވެ.