ފިޠުރު ޢީދުގެ ހެޔޮދުޢާ އާއި ތަޙުނިޔާ- ޗެއަރޕާސަން މޫސާ މަނިކު
ބަރަކާތްތެރި ފިޠުރު ޢީދު ދުވަހުގެ މުނާޞަބަތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙަންމަދު ނަޝީދަށާއި، އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށާއި، އެންމެހާ މުސްލިމް އަޚުންނާއި އުޚުތުންނަށް ހިތުގެ އެންމެ ފުންމިނުން ހެޔޮދުޢާއާއި ތަހުނިޔާއާއި އަރިސްކުރަމެވެ.
އަޅުގަނޑުގެ އުއްމީދަކީ މާތްކަމާއި، ބަރަކާތްތެރިކަމުން ފުރިގެންވާ ރަމަޟާން މަހަށް ފަހު މި އައި ޢީދަކީ އެންމެހާ މުސްލިމުންނަށް އުފާފާގަތިކަން ގެނެސްދޭނޭ ޢީދަކަށް ވުމެވެ. އަދި މި ބަރަކާތްތެރި ޢީދަކީ ޢާއިލާތަކާއި، ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، އަޅުގަނޑުމެންގެ މެދުގައި އިހުއޮތް އަޚުވަންތަކަމުގެ ގުޅުން އާވެ އާލާވެގެން ދިއުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމުގައި ވުމެވެ.
މާތް ﷲ ރާއްޖެ ތިޔާގިކުރައްވައި، ދިވެހި ލޮބުވެތި ރައްޔިތުންނަށް މާ އުފާވެރި މާފާގަތި ދުވަސްތަކެއް މިންވަރުކޮށްދެއްވުމަކީ އަޅުގަނޑުމެންގެ އަބަދުގެވެސް ދުޢާއެވެ.
މާތް ﷲ މި ޢީދު ދުވަހަކީ ހިތްހަމަޖެހުމާއި އުފާފާގަތިކަމުގެ ދުވަހެއްކަމުގައި މިންވަރު ކުރައްވާށިއެވެ!
އާމީން
މޫސާ މަނިކު
ޗެއަރޕާސަން