އެމްޑީޕީން ފަންޑްރައިޒިންގ ކޮމިޓީއެއް ކަނޑައަޅައިފި

3 ސެޕްޓެމްބަރު 2009

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އެޕާޓީގެ ފަންޑްރައިޒިންގ ކޮމިޓީ ކަނޑައަޅައިފިއެވެ. މިކޮމިޓީ ކަނޑައެޅީ ހޯމަ ދުވަހުގެރޭ އެމްޑީޕީ ސެކްރެޓޭރިއަޓްގައި ބޭއްވި ގައުމީ މަޖިލީހުގެ 73 ވަނަ ބައްދަލުވުމުގައި ގައުމީ މަޖިލީހުގެ އަޣްލަބިއްޔަތު ލިބިގެން ފާސްކުރި ޤަރާރެއްގެ ދަށުންނެވެ.
ގައުމީ މަޖިލިހުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު މުހަންމަދު ތޯރިގް ހުށަހަޅުއްވައި އެ މަޖިލިހުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު މުހަންމަދު ޝިފާޒް ތާޢީދު ކުރެއްވި މި ޤަރާރުގައި ވަނީ އެމްޑީޕީގެ ފަންޑްރެއިޒިން ކޮމިޓީގެ މެމްބަރުން ކަމުގައި އާދަމް މަނިކު (ސަރަނގު) އާއި ޖާދުﷲ ޖަމީލް އާއި އިސްމާއި ޝަފީގް (ސްޓެޓިކް) އާއި ހަސަން ޒާހިރު (ރާޑޯ) އާއި އާދަމް އަބްދުލްޣަފޫރު އާއި ތޯހާ މުހަންމަދު އާއި ސޯފީނާޒް އިބްރާހީމް އާއި ހުސްނާ މޫސާ އާއި އާރިފާ އާދަމް އާއި އަހްމަދު މައުސޫމް ހަމަޖައްސައި އެކޮމިޓީން އެ ކޮމިޓީގެ މެންޑޭޓް ގައުމީ މަޖިލިހަށް ހުށަހަޅައި ފާސްކުރުމަށެވެ.
މީގެ އިތުރުންވެސް މުހިއްމު 2 ޤަރާރެއް އެރޭގެ ބައްދަލުވުމުގައި ފާސްކޮށްފައި ވެއެވެ. އެއީ ގައުމީ މަޖިލިހުގެ މެމްބަރ އިބްރާހީމް ވަހީދު ހުށަހަޅުއްވައި އެ މަޖިލީހުގެ މެމްބަރ ޝުއައިބު އަލީ ތާޢީދު ކުރެއްވި، ޕާޓީގެ ޕާލިމެންޓަރީ ގްރޫޕަށް ބޭންކް އެކައުންޓެއް ހުޅުވައި އެ އެކައުންޓުގެ ޗެކްތަކުގައި ސޮއިކުރާނީ ޕާލިމެންޓަރީ ގްރޫޕްގެ ސެކްރެޓަރީޖެނެރަލް ފުތިހާ ޝާކިރުއާއި، ޕާލިމެންޓަރީ ގްރޫޕްގެ ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު (ރީކޯ) މޫސާ މަނިކާއި ޕާލިމެންޓަރީ ގްރޫޕްގެ ވިޕުން ކަމުގައިވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲއާއި، މަޑަވެލި ދާއިރާގެ މެންބަރު މުހަންމަދު ނާޒިމް އާއި ދިއްދޫ ދާއިރާގެ މެންބަރު އަހްމަދު ސަމީރުކަމުގައި ހަމަޖެއްސުމަށް ހުށަހެޅި ޤަރާރާއި، ގައުމީ މަޖިލިހުގެ މެމްބަރު އިބްރާހީމް ވަހީދު ހުށަހަޅުއްވައި އެ މަޖިލިހުގެ މެމްބަރު ޝުއައިބު އަލީ ތާޢީދުކުރެއްވި، އެމްޑީޕީގެ އައްޑޫ ދާއިރާއިން ބޭންކް އޮފް މޯލްޑިވްސް ސ ގަން ބްރާންޗުގައި ސީނު ދާއިރާގެ ނަމުގައި ހުޅުވާފައިވާ 001-152908-7708 ނަންބަރު އެކައުންޓުގެ ޗެކްތަކުގައި ސޮއިކުރާ މީހުން ކަމުގައި ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހަންމަދު އަސްލަމާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހަންމަދު ރަޝީދު ހަމަޖެއްސުމަށް ހުށަހެޅި ޤަރާރެވެ.
ޖުމްލަ 27 މެންބަރުން ހާޒިރުވި މިޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އެވެ.