ރާއްޖެޓީވީން އިންތިޒާމުކުރި އާރޓިސްޓުންގެ ކުރެހުމުގެ މައުރަޒު ހުޅުވިޔަނުދީ ހިސޯރުކުރި މައްސަލަ ކުށްވެރިކުރުން

noosbayan

“ދެފިޔަވަޅު ފަހަތަށް” މިނަމުގައި ރާއްޖެ ޓީވީގެ ފަރާތުން އިންތިޒާމުކުރި އާންމުކޮށް ހުޅުވާލެވިގެންވާ ޒުވާން އާރޓިސްޓުންގެ ކުރެހުމުގެ މުބާރާތުގެ މައުރަޒު ހުޅުވިޔަނުދީ މި ސަރުކާރުން ކުއްލިގޮތަކަށް މިނިވަންދުވަހުގެ ރޭ އެތަނުގައި ތަޅުއަޅުވައި، ފުލުހުން ފޮނުވައި، މުޅި އެސަރަހައްދު އެއްކޮށް ހިސޯރުކޮށް ބަންދުކުރި މައްސަލަ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން އެންމެ ހަރު އަޑުން ކުށްވެރިކުރަމެވެ.

މި ކުރެހުމުގެ މުބާރާތުގެ މައުރަޒު ނޭޝަނަލް އާރޓް ގެލަރީގައި މިނިވަންދުވަހުގެ ރޭ ހުޅުވުމަށްޓަކައި ރާއްޖެޓީވީއާއި ނޭޝަނަލް ސެންޓަރ ފޯރ ދި އާރޓްސް (އެން.ސީ.އޭ) އާދެމެދު ވާންޖެހޭ ހުރިހާ ރަސްމީ ކަންތައްތަކެއް ފުރިހަމަކޮށް، ލިޔުމުން އެގްރީމެންޓްކުރެވި، މީގެ އެތައް ދުވަސްތަކެއްގެ ކުރިން ފެށިގެން އާރޓިސްޓުން ކުރެހުންތައް ކުރަހައި، ރާއްޖެޓީވީން ވަރަށް ބޮޑު ހޭދައެއްކޮށް އެންމެހާ އިންތިޒާމުތަކާއި ތައްޔާރީތަކެއްވެ، މި ޕާރޓީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އެ މައުރަޒު ހުޅުއްވައިދެއްވުމަށް ހަމަޖެހިފައިވަނިކޮށް، މި ސަރުކާރުން މިނިވަންދުވަހުގެ ރޭ އެއްވެސް އެންގުމަކާ ނުލައި އެމައުރަޒު ހުޅުވިޔަނުދީ، ހުރިހައި ކުރެހުންތަކާއި ސާމާނާއެކުގައި ކުއްލިގޮތަކަށް އެތަނުގައި ތަޅުއަޅުވައި، ފުލުހުން ފޮނުވައި، މުޅި އެސަރަހައްދު އެއްކޮށް ހިސޯރުކޮށް ބަންދުކުރި ކުރުމަކީ ރާއްޖޭގެ މިނިވަން ދުވަހުގައި މިނިވަންކަމަށް ގޮންޖަހައި މި ސަރުކާރުން ހިންގާފައިވާ ޣައިރު ޤާނޫނީ އަދި ވަރަށް ނާތަހުޒީބީ ދަށުދަރަޖައިގެ އަމަލެއްގެގޮތުގައި މި ޕާރޓީން ސިފަކުރަމެވެ. އަދި މިއީ ޒުވާނުންނާއި ފަންނާނުންގެ ފަންނީ މަސައްކަތް “ބިރަކާނުލައި” ކުރެވެންޖެހޭނޭކަމަށް މި ޕާރޓީން ޤަބޫލުކޮށް މި ޕާރޓީގެ ޒުވާނުންގެ މެނިފެސްޓޯ ގައި ހިމަނަންޖެހުނު ސަބަބުވެސް މެއެވެ.

މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރެވޭ ދުވަހުގައި ސަރުކާރުގެ އެ އަމަލުން އަންގައިދެނީ ރާއްޖޭގައި މިނިވަންކަން ގެއްލިފައިވާކަމާއި، އަދި ފަރުދީ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އެއްވެސް ގެރެންޓީއެއް ނެތްކަމާއި ޒުވާން އާރޓިސްޓުންގެ އުފެއްދުންތެރި ސިކުނޑިތައް ތަޅުލައި އޮބިއަޅަމުން 2008 ވަނަ އަހަރުގެ ކުރިން ދިއަގޮތަށް މިރާއްޖެ ރުޖޫއަކުރުމަށް މިހާރު މިއޮތް ސަރުކާރުގައި ހިމެނޭ ރިޔާސީ އިންތިޚާބަށް ވާދަކުރާ ހުރިހާ ކެންޑިޑޭޓުންގެ ހީލަތްތެރި ވިސްނުން ހުރިކަމެވެ. އަދި މިކަމަކީ އެންމެހައި ޒުވާން ފަންނާނުންނާއި ރައްޔިތުން ކަންބޮޑުވާންޖެހޭކަމެއްކަމާއި ކުރިއަށް އޮތް އިންތިޚާބުގައި އެ ކެންޑިޑޭޓުންނަށް ވޯޓުދިނުމުގައި ވިސްނަންޖެހޭކަމެއްކަމެވެ.

ރާއްޖޭގެ އިންސާނީ ޙައްޤުތަކާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެތައް ދަރަޖައެއް ދަށަށް ވެއްޓިފައިވާކަން ބައިނަލް އަޤުވާމީ އެންމެހައި ބޮޑެތި ޖަމާޢަތްތަކުންވަނީ ފާހަގަކޮށް ރިޕޯރޓުތައް ނެރެފައެވެ. އޭގެ ތެރޭގައި ރިޕޯރޓާސް ވިތައުޓް ބޯރޑަސް އާއި ފްރީޑަމް ހައުސްއާއި އަމްނެސްޓީ އިންޓަރނޭޝަނަލް ހިމެނެއެވެ.

“ދެފިޔަވަޅު ފަހަތަށް” މިނަމުގައި ރާއްޖެ ޓީވީގެ ފަރާތުން އިންތިޒާމުކުރި އާންމުކޮށް ހުޅުވާލެވިގެންވާ ޒުވާން އާރޓިސްޓުންގެ ކުރެހުމުގެ މުބާރާތުގެ މައުރަޒު ހުޅުވިޔަނުދީ މި ސަރުކާރުން ކުއްލިގޮތަކަށް މިނިވަންދުވަހުގެ ރޭ އެތަނުގައި ތަޅުއަޅުވައި، ފުލުހުން ފޮނުވައި، މުޅި އެސަރަހައްދު އެއްކޮށް ހިސޯރުކޮށް ބަންދުކުރި މައްސަލަ ބައްލަވައިދެއްވުމަށް ހިޔުމަން ރައިޓްސް ކޮމިޝަނަށާއި ޕްރޮސިކިޔުޓަރ ޖެނެރަލަށް މި ޕާރޓީން ގޮވާލަމެވެ.

27 ޖުލައި 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް