މުޅި ދިވެހިރާއްޖޭގެ ރައްޔިތުން ރައީސް ނަޝީދަށް ތާއީދުކުރަނީ އަތޮޅުތަކާއި ރަށްތަކާއި ރައްޔިތުމީހާގެ ތަރައްގީއަށް އަވަދިނެތި ރެއާއި ދުވާލު މަސައްކަތްކުރައްވާތީ – ޢަލީ މުޙައްމަދު.

ރައީސް ނަޝީދު ރޭ (22 ޖުލައި 2013) ހުޅުއްވަވައިދެއްވި ވެލިދޫ ޖަގަހައިގައި ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޢަލީ މުޙައްމަދު ވާހަކަދައްކަވަމުން ވެލިދޫ ޒުވާނުންނަށާއި ވަކިން ޚާއްސަކޮށް ރައީސް ނަޝީދަށް ވަނީ ޝުކުރު އަރިސް ކުރައްވާފައެވެ.

ޢަލީ މުޙައްމަދުގެ ވާހަކަފުޅުގައި ޖަގަހައިގެ ފުރިހަމަކަމަކީ ވެލިދޫ ދާއިރާގެ ހީވާގި ކުޅަދާނަ ޒުވާނުންގެ މަސައްކަތްތެރިކަމުގެ މިލްކެއްކަމަށް ވިދާޅުވެ، ޖަގަހައިގެ ޗާލުކަމަށް ތަޢުރީފުކުރައްވާފައިވެއެވެ. އަދި ވެލިދޫ ދާއިރާގެ ރައްޔިތުންނާއި ހަމައެހެންމެ މުޅި ދިވެހިރާއްޖޭގެ ރައްޔިތުން ރައީސް ނަޝީދަށް ތާއީދުކުރަނީ އަތޮޅުތަކާއި ރަށްތަކާއި ރައްޔިތުމީހާގެ ތަރައްގީއަށް އަވަދިނެތި ރެއާއި ދުވާލު މަސައްކަތްކުރައްވާތީކަމަށް ވިދާޅުވިއެވެ.

ތަރައްޤީގެ ވާހަކައަށް އަލިއަޅުވާލަމުން މެންބަރު ޢަލީ މުޙައްމަދު ވަދާޅުވީ، އެމް.ޑީ.ޕީގެ ސަރުކާރުން ވެލިދޫ އާއި ހޮޅުދޫގައި ފަށައިފައިވާ ތަރައްޤީގެ މަޝްރޫޢުތައް ވަނީ ހުއްޓުމަކަށް އައިސްފައި ކަމަށެވެ. އަދި “މަހްރޫމް”ވެފައިވާ ތަރައްޤީ އަލުން ދިރުވޭނީ 7 ސެޕްޓެމްބަރ 2013 ވަނަ ދުވަހު އެއްބުރުން ރައީސް ނަޝީދު ހޮވައިގެންކަމަށްވެސް ވިދާޅުވިއެވެ. އެއްވެސް ހާލެއްގައި ރައްޔިތުން އެދޭފަދަ ތަރައްޤީއެއް ކޯލިޝަން ސަރުކާރެއް ތެރެއިން ނުގެނެވޭނޭކަމަށް އަލިއަޅުވާލަމުން، މިއަދުވެސް ކޯލިޝަން ސަރުކާރު ހެދުމުގެ ހިތި ނަތީޖާ ފެންނަމުން ދާކަމަށް ވިދާޅުވިއެވެ. ފުޅާ ކޯލިޝަން ބައިބައިވެ އެކަނި އެންމެ ބަޔަކަށް ވެފައި އޮތް ތަނުގެ މިސާލު ޢަލީ މުޙައްމަދު ދެއްކެވިއެވެ. ވާހަކަފުޅު ނިންމަވާލަމުން މެންބަރު ޢަލީ މުޙައްމަދު ވަނީ 18 އަހަރު ފުރިފައިވާ ވޯޓް ލެވޭ ހުރިހާ ފަރާތްތަކަށްވެސް ރަށްވެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓު ލާނަމަ އަލުން ރެޖިސްޓްރީ ކުރުމަށް އިލްތިމާސް ކޮށްފައެވެ.

ޖަގަލަ ހުޅުއްވާދެއްވުމުގެ ކުރިން ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތް 40 އެއްހާ ދުވަހަކީ ރާއްޖޭގެ ސިޔާސީ ހަޔާތާއި ތަރައްޤީއާ މެދު ނިންމަންޖެހޭ މުހިންމު ނިންމުންތަކެއް ނިންމަންއޮތް ދުވަސްކޮޅެއްކަމަށް ނަސޭހަތްތެރިވިއެވެ. މިދުވަސްކޮޅަކީ ވެލިދޫ، ހޮޅުދޫ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަޤާވާތުގެ ސަބަބުން ހުއްޓިފައިވާ ތަރައްޤީގެ މަޝްރޫޢުތައް ދިރުވުމާމެދު ނިންމާ ނިންމުން ކަނޑައަޅަން އޮތް ދުވަސްކޮޅެއްކަންވަނީ ރައީސް ނަޝީދު ހަނދުމަފުޅުކޮށްދެއްވާފައެވެ.

ވާހަކަފުޅުގައި ރައީސް ނަސީދު ވަކިން ޚާއްސަގޮތެއްގައި ވަނީ އެމް.ޑީ.ޕީ ވެރިކަމާ ޙަވާލުވިއިރު އިޤްތިޞާދު އޮތް ޙާލަތު އޮޅުންވިލުވާދެއްވައި، އެމް.ޑީ.ޕީގެ ސަރުކާރުގެ 3 އަހަރު ދުވަހުގެ ތެރޭގައި އިޤްތިޞާދަށް ލިބުނު ކުރިއެރުން ފާހަގަކުރައްވާފައެވެ. ވެރިކަމާއި ޙަވާލުވެލެއްވިއިރު ޤައުމުގެ ޑެފިސިޓް އަކީ 30 އިންސައްތަކަމަށްވިދާޅުވެ، ލިބޭ ކޮންމެ 100 ރުފިޔާއަކުން 130 ރުފިޔާ ދިޔައީ ސަރުކާރުން އޭރު ޚަރަދު ކުރަމުންކަމަށް ފާހަގަކޮށްދެއްވިއެވެ. އަދި 6 ބިލިއަން ރުފިޔާގެ އާމްދަނީއެއްގައި ސަރުކާރުން ދިޔައީ 12 ބިލިއަން ރުފިޔާ ޚަރަދުކުރަމުންކަމަށް ވިދާޅުވިއެވެ. އެމް.ޑީ.ޕީ އައުމަށްފަހު 2009 ވަނަ އަހަރު ޑެފިސިޓް %21 އަށް ތިރިވެ، 2010 ވަނަ އަހަރު %16 އަށް އިތުރަށް ތިރިވެ، 2011 ވަނަ އަހަރު ވަނީ ކާމިޔާބުކަމާއިއެކު %10 އަށް ތިރިކޮށްފައެވެ. ރައީސް ނަޝީދު ވިދާޅުވެފައިވަނީ 2012 ވަނަ އަހަރުގެ ތެރޭގައި ޑެފިސިޓް %7 އަށް ތިރިކުރެއްވޭނެކަމަށް އަންދާޒާކޮށްފައިވާނެކަމަށެވެ. އަދި ހަމައެހެންމެ 2008 ވަނަ އަހަރު ރައީސް މައުމޫނުގެ ސަރުކާރަށް ނުނިންމިފައިހުރި 60 އެއްހާ ބަނދަރުގެ މަސައްކަތް، އެމް.ޑީ.ޕީ ސަރުކާރާއި ހަވާލުވުމަށްފަހު، އެބަނދަރުތައް ފުރިހަމަކޮށްފައިވާކަމުގެ ޔަގީންކަން ރައީސް ނަޝީދު އެރުވިއެވެ.. އިޤްތިޟާދީ ގޮންޖެހުންތަކުގެ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ ބަގާވާތަށްފަހު އިންފްލޭޝަން 2012 ވަނަ އަހަރު %12 އަށް އެރި ކަންވެސް ފާހަގަކުރައްވާފައެވެ.

މާރޗް މަހު ބެޖެޓް ނިމިގެންދިޔައިރު، “ތެލަސީމިއާ ސެންޓަރުގައި އައިސްއަލަމާރިއެއް ހިންގައިލެވޭވަރު”ވެސް ނެތްކަމަށް ވިދާޅުވެ ރައްކާތެރިކަމާއެކު ލޭރައްކާކޮށްލެވޭނެ އިންތިޒާމް ތެލެސީމިއާ ސެންޓަރުގައި ނެތިގޮސްފައިވާކަމީ ބޮޑު ހިތާމައެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ބަލިކުދިންގެ ގަޔަށްއެޅުމަށް ރައްޔިތުން ހިލޭ ސާބަހަށް ދޭ ލެއަށްވުރެ ވަކިބޮޑުއަމާނާތެއް ނޯންނާނެ ކަމަށް ވިދާޅުވެ، އެމް.ޑީ.ޕީގެ ސަރުކާރެއްގައި ލޭކުނިވެގެން އުކާލަންޖެހުންފަދަ ކަމެއް އެއްގޮތަކަށްވެސް ހިނގައި ދިޔަ ނުދޭނެކަމަށް ވައުދުވެ ވަޑައިގެންނެވިއެވެ.

އިޤްތިޟާދު ކުރިއަރަމުން އަންނަ ދުވެލި ބަޤާވަތަށްފަހު ލަސްވެފައިވާކަމަށް އަލިއަޅުވައިލައްވަމުން އެމްޑީޕީ ސަރުކާރުގައި ފޮރިން އިންވެސްޓްމަންޓްގޮތުގައި 3 އަހަރު ތެރޭގައި 1 ބިލިއަން ޑޮލަރގެ އިންވެސްޓްމަންޓް ވައްދާފައިވާނޭކަމަށް ހާމަކުރެއްވިއެވެ. މީގެ ކުރިން 1980 އާއި 2008 ވަނަ އަހަރު ރާއްޖެއަށް ވެއްދިފައިވަނީ 1.5 ބިލިއަން ޑޮލަރެވެ. އަދި ޓެކްސްގެ ނިޒާމު ހަމަޖައްސަވާ 6 ބިލިއަން ރުފިޔާގެ އާމްދަނީ 11 ބިލިއަން ރުފިޔާ މަތިކުރައްވާފައިކަން ރައްޔިތުން ދެކޭނެކަން ޔަޤީންކޮށްދެއްވިއެވެ.

ރައްޔިތުންގެ ނިންމުން މިހާރުވެސް އެބަފެންނަމުންދާކަމަށާއި، އިއްތިހާދެއް މެދުވެރިކޮށް ވެރިކަން ހިންގީމައި އޭގެ ހިތިނަތީޖާވެސް ރައްޔިތުން ތަހައްމަލްކުރަމުންދާކަމުގެ ވާހަކަ ރައީސް ނަޝީދު ފާހަގަކޮށްލެއްވިއެވެ. ބަޤާވާތުގެ ސަބަބުން ހަމައެކަނި ބޮއްސުންލައިގެން ގޮސްފައިވަނީ ސިއްހީކަންތައްތައް ނޫންކަމަށާއި، އަމަންއަމާންކަމާއި، ބޭރުގައުމުތަކާއި އޮންނަ ގުޅުންވެސް ވަނީ ހީނަރުވެފައިކަން އެންގެވިއެވެ. ފުޅާ ކޯލިޝަން މިއަދު ބިކަވެ އެންމެ 1500 މީހުންނާއެކު ރައީސްކަމަށް ވަހީދު ކުރިމަތިލެއްވިކަމީ ހިތާމައެއްކަމަށް ވިދާޅުވިއެވެ. އަދި 65000 މީހުންގެ ވަރުގަދަ އެމްޑީޕީ އާއި ވާދަކުރެވޭނެ ވާދަވެރި އެހެން ސިޔާސީ ޕާޓީއެއް މިއަދު ދިވެހިރާއްޖޭގައި ނެތްކަމަށް ރައީސް ނަޝީދު ސާބިތުކަމާއިއެކު ފާހަނގަކުރެއްވިއެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ޖަގަހަ ބޭނުންކުރައްވައިގެން ވޯޓް ރަޖިސްޓްރޭޝަން ކަންކަން ކުރިއަށް ގެންދިއުމަށް ވެލިދޫ ދާއިރާގެ ރައްޔިތުންނަށް ބާރުއެޅުއްވިއެވެ. އަދި ނައިފަރު އެއަރޕޯޓް އެޅުމުން ވެލިދޫގައިވެސް ގެސްޓްހައުސް ސިޔާސަތުން އިޤްތިސާދީ ފައިދާ ނަގާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ. ނުހަމަ ގޮތުގައި ވެރިކަމަށް ސަވާރުވުމަށްވުރެ ވަކި ބޮޑު ފާފައެއް މިދުނިޔެމަތީ ނޯންނާނެ ކަމަށާއި، މިހާރު މިހިނގާ ހަރާމްވެރިކަން ބަދަލުކޮށް ރައްޔިތުންގެ ހަލާލް ވެރިކަމެއް އިއާދަކުރަން ޖެހޭނެކަމަށް ވިދާޅުވިއެވެ.

ވާހަކަފުޅަށްފަހު ރައީސް ނަޝީދު ރަސްމީކޮށް ވެލިދޫ ދާއިރާގެ އެމް.ޑީ.ޕީގެ ޖަގަހަ ހުޅުއްވާދެއްވިއެވެ. ހަފްލާ ނިމިގެން ދިޔައީ ބޮނޑިބަތުގެ ތަރާވީހަކުންނެވެ.