16 އޮގަސްޓް 2009
މަސްތުވާތަކެތީގެ ނުރައްކަލުން ޤައުމު ސަލާމަތް ކުރުމުގައި ޙަރަކާތްތެރިވާ ހުރިހާ ދާއިރާތަކެއްގެ މެދުގައި އެއްބާރުލުން އިތުރުކުރައްވައި، މިކަމުގައި ކުރިއަށް ދެވޭނެ ގޮތުގެ ޢަމަލީ މަޝްރޫޢެއް އެކުލަވާލެއްވުމަށް ހޮނިހިރު ދުވަހު އާރަށުގައި ތިން ދުވަހުގެ ކޮންފަރެންސެއް ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ފައްޓަވައި ދެއްވައިފިއެވެ.
މި ކޮންފަރެންސް އިފްތިތާޙުކޮށްދެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި މިއަދު ދިމާވެފައިވާ އިޖްތިމާޢީ ގިނަ މައްސަލަތައް ދިމާވެފައި ހުރީ، މަސްތުވާތަކެތި ބޭނުންކުރުން އޭގެ އަޞްލަކަށް ވެގެން ކަމަށާއި މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތައް ޙައްލު ކުރަން ނުފެށިއްޖެނަމަ، އެހެނިހެން އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތައް ޙައްލުކުރަންވެސް ވަރަށް އުނދަގޫވާނެ ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޑްރަގްގެ މައްސަލައާ ގުޅޭގޮތުން ޚުދު އެމަނިކުފާނުވެސް ވަރަށް ވިސްނާވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނުގެ ގާތް ކިތަންމެ ބަޔަކުވެސް މި ވަބާގައި މަރުވެފައިވާ ކަމަށާއި އަދި ޢާއިލާތަކާ ވަކިވެ ބިކަ ހާލުގައި ޖެހިގެން ގޮސްފައިވާ ކަމުގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ “ރާއްޖޭގައި ދިމާވެފައިހުރި އިޖުތިމާއީ ގިނަ މައްސަލަތައް ދިމާވެފައި ހުރީ ޑްރަގު ބޭނުން ކުރުން އެއީ އޭގެ އަސްލަކަށް ވެގެން. ޑްރަގާއި ގުޅޭ މައްސަލަތައް ހައްލުކުރަން އަޅުގަނޑުމެންނަށް ނުފެށިއްޖެ ނަމަ ދެންހުރި އެހެން އިޖުތިމާއީ މައްސަލަތައް އަދި އިގުތިސާދީ މައްސަލަތައްވެސް ހައްލު ކުރަން ވަރަށް އުނދަގޫ ވާނެ” ކަމަށެވެ.
ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ފުހެލުމުގެ ގޮތުން ވޭތުވެދިޔަ ސަރުކާރުގައި ކުރި މަސައްކަތުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރާ ކުދިންނާ ދޭތެރޭ ވަރަށް ހަރުކަށި ގޮތަކަށް ޢަމަލުކުރެވިފައިވާ ކަމަށާއި، އެއިން ނުކުތީ ވަރަށް ނުރަނގަޅު ނަތީޖާއެއް ނަމަވެސް ހަރުކަށިވުމުން ރަނގަޅު ނަތީޖާ ނެރެވިފައި ހުރި ކަމަށްވެސް ބަޔަކު ދެކޭ ކަމުގައި ވިދާޅުވެ، މި ކޮންފަރެންސްގައި މިދެކަންތަކާ ދޭތެރޭގައިވެސް ވިސްނާވަޑައިގެން މަޝްވަރާ ކުރެއްވުމަށް މިކޮންފަރެންސްގެ ބައިވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޑްރަގްގެ ވަބާއިން ސަލާމަތްވުމަށް ބޭނުންވަނީ ޤާނޫނީ ދައުލަތެއްގެ ކެރޭކަން ކަމަށާއި މިއަދު މިކުރެވޭ މަސައްކަތަކީ މުސްތަޤްބަލަށް ދުރުމީ އަޅަމުން، މަސްތުވާތަކެއްޗާ ގުޅޭގޮތުން މަސައްކަތް ގެންދާނެ ގޮތުގެ ރޭވުމެއް އެކުލަވާލެއްވުމުގެ މަސައްކަތް ކަމަށް ވިދާޅުވެ، މިމަސައްކަތް ކާމިޔާބު މަސައްކަތަކަށް ހެދުމުގައި ކޮންފަރެންސްގެ ބައިވެރިންގެ ފުރިހަމަ އެއްބާރުލެއްވުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.
މި ޖަލްސާގައި މަރުޙަބާ ވިދާޅުވުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، މި ކޮންފަރެންސްގައި މަޝްވަރާ ކުރެވޭނެ މައިގަނޑު ކަންތައްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި މި ކޮންފަރެންސް ކާމިޔާބު ކޮންފަރެންސަކަށް ހައްދަވައިދެއްވުމަށް ހުރިހާ ބައިވެރިންވެސް މަސައްކަތްކޮށްދެއްވުމަށްއެދިވަޑައިގެންނެވިއެވެ.
މި ކޮންފަރެންސްގައި ޒުވާނުންނާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުންނަށް ފަރުވާ ދިނުމަށް މަސައްކަތްކުރާ ފަރާތްތަކާއި، މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް މުޖްތަމަޢުގައި މަސައްކަތްކުރާ ފަރުދުންނާއި، ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކާއި، ޝަރުޢީ ދާއިރާގެ ފަރާތްތަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، އެހީދޭ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ބައިވެރިވެއެވެ. ނަމަވެސް މިކޮންފަރެންސް ފެށުމުގެ ޖަލްސާގައި ޖިނާޢީ ކޯޓުގެ ފަރާތުން ބައިވެރިވެފައިނުވާކަން އެމްޑީޕީގެ ޗެއަރ ޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ހިތާމަޔާއެކު ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމަކީ ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯދައި ހެޔޮވެރިކަމެއް ގާއިމްކުރުމަށް މަސައްކަތް ކުރުމަށް ސަރުކާރާއި ހަވާލުވި، އެމްޑީޕީގެ ފަސް ވައުދުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ވައުދެވެ. މިގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑު ޑީލަރުންގެ ތެރެއިން ދެ މީހަކު މިހާތަނަށް މިސަރުކާރުން ހައްޔަރުކޮށްފައިވެއެވެ. މީގެ އިތުރުން ރާއްޖޭގައި މުޅިން އަލަށް ޑިޓޮކްސް ސެންޓަރެއް ހުޅުވައި އެމަރުކަޒުގެ ޚިދުމަތް ދޭންވަނީ ފަށާފައެވެ.