ކޮލަމާފުށީގައި އެމްޑީޕީގެ ކަންމަތީ ބައްދަލުވުމެއް ރޭ ބާއްވައިފި

Kanmathy Bahdhaluvun 4 (1)

އިބްރާހީމް ރާމިޒް

ގއ. ކޮލަމާފުށީ ގައި ރޭ އެމްޑީޕީގެ ކަންމަތީ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެމްޑީޕީއަށް ބޮޑު ސަޕޯޓެއް އޮންނަ ކޮލަމާފުށީގައި ރޭ ބޭއްވި މި ކަންމަތީ ބައްދަލުވުމަކީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށާއި، އެމްޑީޕީގެ ސިޔާސަތުތަކާއި، ހަރަކާތްތައް ހިނގަމުންދާ ގޮތާއި ބެހޭ މައުލޫމާތު އެ ޕާޓީގެ މެންބަރުންނާއި، އެ ޕާޓީއަށް ހެޔޮއެދޭ އަދި ތާއީދުކުރާ ފަރާތްތަކަށް އަރުވައި، އެ ޕާޓީގެ މެންބަރުންގެ ރޫޙް ވަރުގަދަކުރުމަށް ބޭއްވި ކަންމަތީ ބައްދަލުވުމެއް ކަމަށް އެމްޑީޕީ ކޮލަމާފުށީ އޮފީހުން ބުނެއެވެ.

އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން ބައިވެރިވި ރޭގެ ބައްދަލުވުމުގައި ކޮލަމާފުށީ ކައުންސިލްގެ ރައީސް އަހުމަދު ޖަމީލް ވަނީ އެމްޑީޕީގެ ސިޔާސަތުތަކާއި ބެހޭ ގޮތުންނާއި، އެމްޑީޕީގެ ކެމްޕެއިން މިހާރުކުރިޔަށްދާ ގޮތާއި، މެންބަރުން މިދަނޑިވަޅުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކާ ބެހޭ ގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަދައްކަވާފައެވެ.

ކޮލަމާފުށީ ރަށްދެބައިމަގު އެމްޑީޕީ އޮފީސް ކަންމަތީގައި ބޭއްވި މި ކަންމަތީ ބައްދަލުވުމުގައި އަޙުމަދު ޖަމީލްގެ އިތުރުން ކޮލަމާފުށީ ސިއްހީ މަރުކަޒުގެ އެންމެ ސީނިއަރ އެއް ނަރުސް ކަމަށްވާ އާމިނަތު ނާސިރު ދެއްކެވި ވާހަކައިގައި އެމްޑީޕީގެ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމުގެ ސަބަބުން ރައްޔިތުންނަށް، ޚާއްސަކޮށް ނިކަމެތި ފަގީރު އާއިލާތަކަށް ކުރަމުންދާ ފައިދާތަކަށް ބައްލަވާލެއްވިއެވެ. މީގެ އިތުރުން ރައީސް ނަޝީދުގެ ހިކުމަތްތެރިކަމާއި، އެމަނިކުފާނުގެ ކުޅަދާނަ ލީޑަރޝިޕާއި، ހިއްވަރަށް ވަރަށް ބޮޑަށް ތައުރީފްކުރެއްވިއެވެ.
ކޮލަމާފުށީ އެމްޑީޕީ ކޮއަރ ގްރޫޕުން ޚާއްސަ ލަވައެއް ވެސް ހުށަހަޅައިދިން ރޭގެ ބައްދަލުވުމުގައި އެރަށުގައި ދިރިއުޅޭ ތ.ގުރައިދޫ ޕީޕީއެމްގެ ވަރަށް ވަރުގަދަ އާއިލާ އަކަށް ނިސްބަތްވާ ޒުވާނަކު ވެސް ވަނީ އެމްޑީޕީއާ އަލަށް ގުޅިފައެވެ.

ޚާއްސަ ދުއާއަކުން ނިންމި މި ޖަލްސާއަށް ފަހު އެމްޑީޕީ ކޮލަމާފުށީ އޮފީހުގައި ވަނީ ޖަލްސާގެ ބައިވެރިންނަށް ޚާއްސަކޮށްގެން ތަރާވީހެއް ބާއްވާފައެވެ.
ރޭ ބާއްވާފައި މިވަނީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް އެމްޑީޕީ ކޮލަމާފުށީ އޮފީހުން ފަށާފައިވާ ސިލްސިލާ ކަންމަތީ ބައްދަލުވުމުގެ 4 ވަނަ ބައްދަލުވުމެވެ. އަދި ވޭތުވެދިޔަ 3 ބައްދަލުވުމެކޭ އެއްފަދައިން ރޭގެ ބައްދަލުވުމަށް ވެސް ވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފައެވެ.