12 އޮގަސްޓް 2009
ބަޔަކަށް އަނިޔާ ކުރާ ކަމުގައި ވަންޏާ އެއަނިޔާކުރާ ބަޔަކަށް ހައްގު އަދަބު ދޭން ޖެހޭ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ އޮގަސްޓް 12، 13 ފާހަގަކުރުމުގެ ގޮތުން ބުދަ ދުވަހުގެރޭ އަލިމަސް ކާނިވާ ސަރަހައްދުގައި ބޭއްވި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސް ނަޝީދު ވިދާޅުވީ “އަޅުގަނޑު ދަންނަވަންޖެހެނީ މީހަކަށް ކުޑަވެސް އަނިޔާއެއް ކުރާކަށް އަޅުގަނޑު ބޭނުމެއްނެތޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ވެރިކަމުގައި އެބާވަތުގެ ކަމެއް ހިނގިޔަކަ އަޅުގަނޑު ނުދޭނަމޭ. ބަޔަކަށް އަނިޔާކުރާ ކަމަށް ވަންޏާ ހައްގު އަދަބު އެބަޔަކަށް ދޭންޖެހޭނޭ.” ކަމުގައެވެ.
ރައީސް ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވީ 2004 އޮގަސްޓް 12، 13 ގައި ޖުމްހޫރީ މައިދާނަށް އެއްވި ބައެއް މީހުންނަށް ވަރަށް ބޮޑެތި އަނިޔާތަކެއް ލިބި އޭގެތެރެއިން ބައެއް ފަރާތްތަކަށާއި އެ އާއިލާތަކަށް ވަރަށް ބޮޑެތި ހިތާމަތަކެއް ކުރިމަތި ވެފައިވާތީ އެކަމަށް އިޝާރާތް ކުރައްވަމުންނެވެ.
ގިނަ އަދަދެއްގެ ބަޔަކު ހާޒިރުވި މި ރަސްމިއްޔާތުގައި ރައީސް ނަޝީދުވަނީ އިސްލާހީ ހަރަކާތްތަކުގައި އެބޭފުޅާއަށް ލިބިވަޑައިގެންނެވި އަނިޔާތަކުގެ ވާހަކަވެސް ހިއްސާކޮށްލައްވާފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ 1990 ވަނަ އަހަރުގެ ފަހުން 14 ފަހަރުމަތިން އެމަނިކުފާނު ޖަލަށް ލައްވައި 6 އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއް ޖަލުގެ ކުޑަގޮޅި ތަކުގެ ތެރޭގައި ހޭދަކުރައްވަން ޖެހިވަޑައިގެންނެވި ކަމުގައެވެ.
” ފުރަތަމަ 1990 ވަނަ އަހަރު ޖަލަށް ލެއްވި. އޭގެ ފަހުން 14 ފަހަރުމަތިން 6 އަހަރު ދުވަހަށް ވުރެ ގިނަ މުއްދަތެއް ޖަލުގައި ހޭދަކުރާން ޖެހުނު.” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ކަންކަން ކުރުމުގައި އެންމެ މުހިއްމު ވާނީ ރަގަޅު ވިސްނުމާއި ޚިޔާލު ކަމުގައި ވިދާޅުވަމުން ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުގައި އެންމެ ބޮޑަށް ހައްޔަރު ކުރެވިފައި އޮތް އެކައްޗަކީ ދިވެހި ބަސް ކަމުގައެވެ.
” ރާއްޖޭގެ ތާރީޚް ގައި މިދިޔަ ދުވަސް ތަކުގައި އެންމެ ބޮޑަށް ހައްޔަރު ކުރެވިފައި އޮތް އެއްޗަކީ ދިވެހި ބަސް. މިބަސް ހައްޔަރުން ނެއްޓުނީމާ، ދިވެހި ބަސް މިނިވަން ވީމާ، ދިވެހި ފިކުރު މިނިވަން ވާނެ. ފިކުރު ކުރަނީ ބަހުން. ފިކުރުގެ މިނިވަންކަން، ޚިޔާލުގެ މިނިވަންކަން ހޯދަނީ ބަހުން.” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީ އާއި އެޕާޓީގެ ވަގުތީ އަދި ނައިބު ރައީސް އިބްރާހީމް ހުސައިން ޒަކީގެ އިތުރުން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، އެޕާޓީގެ ބައެއް އާންމު މެންބަރުންވެސް ވަރަށް ޖޯޝާއި އެކު ވާހަކަ ދެއްކެވިއެވެ.