މެންބަރުންގެ ޚިޔާލު: މިއީތިބާގެވެސް ޤައުމެވެ.

21 ޖުލައި 2010

ލިޔުނީ: ފުނަމާ

މިޤައުމަކީ އަޅުގަނޑުމެންގެ ކާބަފައިން އެތަކެއް ޤުރުބާނީއެއްވެގެން އަޅުގަނޑުމެންނާ ހަމަޔަށް ގެނެސްދިން އަޅުގަނޑުމެންގެ މުޤައްދަސް ޤައުމެވެ. މިއީ ޤައުމުދެކެ ލޯބިވާ އެތަކެއް ބަތޮލުންގެ ސާފުލެއިން ފެވިފައިވާ ފަސްގަނޑެކެވެ. އިއްޔެ އެކާބަފައިންނެވެ. މިއަދު އަޅުގަނޑުމެންނެވެ. މާދަމާ ކުރިމަގުގެ ޖީލަށެވެ.
މައިމީހާގެ ބަނޑުން އުފަންވެ ފިރުކެމުން ލޫދެމުން ތެދުވެ ހިނގައިގަނެވި ދުވެވޭން ފެށުމުން އަޅުގަނޑުމެންނަށް މިފެންނަނީ ޤައުމުގައި މިހުރި ވަސީލަތްތަކެވެ. ބޭނުންކުރަމުން މިގެންދަނީ މީގެކުރީން ބަޔަކު އަޅުގަޑުމެންނަށްޓަކައި އިންތިޒާމުކުޅަ ޚިދުމަތްތަކެއްކަމާ އެޚިދުމަތްތައް އެފޯރުކޮށްދިން ބަޔެއްގެ ހެޔޮނިޔަތާ އެކަމަށްކުޅަ ހޭދަޔާ މިންނެތް މަސައްކަތާމެދު އެންމެފަހަރަކުވެސް ވިސްނާލީމުހެއްޔެވެ؟ އަދި މިޚިދުމަތްލިބިގެން މިފަސްގަނޑުގައި މިދިރިއުޅެވެނީ ކިހާވަރެއްގެ މިނިވަންކަމެއް ލިބިފައިއޮތީމަކަމާމެދު ވިސްނާލީމުހެއްޔެވެ؟ އަދިމިކަންކަމަކީ ކިތައްހާސްއަހަރުގެ ތާރީޚަކުން ހާސިލް ކުރެވުނު މިންވަރުކަމާމެދު ފިކުރުކޮށްލީމުހެއްޔެވެ؟
އާދެ ޤައުމެއް ޤައުމަކަށް މިވަނީ ހާދަހާ ގިނަކަންކަމެއް ފުރިހަމަވެގެންނެވެ. ހާދަގިނަގުނަ ވަސީލަތްތަކެއް އެތަނެއްގައި ޤާއިމްކުރެވިގެންނެވެ. ތަރައްޤީއާއި ތަމައްދުންގެ މަގުގައި ހާދަހާ ލެޔަކާއި ދަލެއް އޮހޮރައިގެންނެވެ. މިނިވަންކަމަށްޓަކައި ހާދަފުރާނައެއް ޤުރުބާން ކޮށްގެންނެވެ. ނަމަވެސް ހިތާމަޔަކީ މިކަންކަމާމެދު ފުރިހަމަޔަށް ވިސްނާން ބޭނުންނުވާކަމެވެ.
ވިސްނަވާށެވެ. ދިވެހިރާއްޖެ މިއަދާ ހަމަޔަށް މިގޮތުގައި މިއޮތީ ހާދަގިނަ ސަބަބުތަކަކާ އެކުވެގެންނެވެ. ރަނގަޅާއި ނުބައި ކަންކަންވެސް ހިމެނިގެންނެވެ. ދުނިޔޭގައި އިސްތިއުމާރުންގެ ވެރިކަން ފުޅާވަމުން ދިޔަދުވަސްތަކުގައި މިޤައުމުވެސް ސަލާމަތެއް ނުވިއެވެ. ކޮންމެވެސް ހިސާބަކުން އެބައިމީހުންގެ އަތްދަށުގައިވެސް ވިއެވެ. ނަމަވެސް އެތާރީޚަށް ބަލާލާއިރު މިޤައުމު ބަޔަކު އަޅުވެތިކުރީއަކީ މިޤައުމުގައި އެބަޔަކުއެދޭ މިންވަރާ ގާތަށްވެސް ތަނަވަސްކަމެއް އޮވެގެންނޫންކަމުގައި ދެންނެވިދާނެއެވެ. ބޮލިރޯނާއި ކުފުރާކޮޅެއްގެ ބޭނުމުގައި ކަމާކަންފަށާ ބަޔަކު މިޤައުމު އަޅުވެތިކޮށްގެން އަމިއްލަ ނަފްސު ބިރުވެރިކަމުގެ ތެރެއަށް އެއްލާލަފާނެކަމާމެދު ސުވާލުއުފެދެއެވެ.
ތާރީޚަށް ފުންކޮށް ވިސްނާލާއިރު ދިވެހީންގެ ފުރިހަމަ ހަޟާރަތެއް ޤާއިމްކުރެވި ތާރީޚް އެނގޭންފެށިފަހުން ދިވެހީންގެ މިނިވަންކަން ގެއްލި އަޅުވެތިކަމުގެ ނާމާންކަން ދިވެހީން ތަޙައްމަލުކޮށްފައިވަނީ މަދުފަހަރެއްގައި ނަމަވެސް އެއީ ތާރީޚު ފިސާރި ހިތިކޮށް ބަޔާންކޮށްދީފައިވާ ދުވަސްތަކެކެވެ. މިއިން ކޮންމެ ހާދިސާއެއްގެ ފަހަތުގައި ތިބީއަކީ މުޅިޔަކުން ބޭރުގެ ބާރުތަކެއްނޫނެވެ. ދިވެހީންގެ މިނިވަންކަން ނަގާލައި ދިވެހީން އަޅުވެތިކުރުމުގެ ފަހަތުގައި މިއިން ކޮންމެ ފަހަރަކުވެސް މޫބާލައިގެން ތިބީ ދިވެހި ބިމަށްއުފަން ހަމާމަހާކަށިން އުފެދިފައިތިބި ދިވެހީންނެވެ. މިއީ ކިތަންމެ ހިތިނަމަވެސް ޙަޤީޤަތެވެ. ކަމުގެ އަޑީގައި ފޮރުވިފައިވާ ސިއްރަކީ ހަސަދައާއި ފިތުނައެވެ. ބަދަލުހިފުމާއި ޒާތީ ތަޢައްސަބެވެ. އަދިމީގެތެރޭގައި އެންމެ ފާޅުކަން ބޮޑުގޮތެއްގައި އެނގޭންއޮތީ ވެރިކަމުގެ އާރާއިބާރު ކޮންމެވެސް ގޮތަކަށް ގެއްލުމުން އަނބުރާ އެބާރުހޯދުމަށް ކުޅަ މަސައްކަތްތަކެވެ. ޤައުމުގައި އޮތް ތިމާގެ ބާރެއް ގެއްލުމުން ކޮންމެގޮތަކުންނަމަވެސް އެބާރުއަނބުރާ ހޯދުމަށް ނުވަތަ ތިމާއަތުން ބާރު ގެއްލުނީތީވެ އަނެކުން އަޅުވެތިކޮށް ބަދަލު ހިފާލުމުގެ ނުބައިނިޔަތުގެ ނަތީޖާއަކަށްވެފައިވަނީ މިޤައުމުގެ މިނިވަންކަން ގެއްލި ބޭރުބައެއްގެ އަޅުވެތިކަމުގެ ދަށުގައި ކަސްތޮޅުއެޅިގެން ދިއުމެވެ. އެތަކެއްފުރާނައެއް ގެއްލިދިއުމެވެ. އަނބިދަރީންނާއި އާއިލާތައް ބިކަވެދިއުމެވެ. ޤައުމުގެ އިޤްތިސާދު އެތައްފުންމިނަކަށް ސޮއްސާލައިގެން ވެއްޓުމެވެ.
މިއަދު މިޤައުމުން މިފެންނަނީ އެފަދަ މަންޒަރެކެވެ. އިއްޔެ ބާރުގައިތިބި ފަރާތްތަކުން އެބާރު ގެއްލިދިއުމުން ފިސާރި ފޫގަޅައި ނުކުމެއެތިބީ ގެއްލިގެންދިޔަ ޢިއްޒަތާ ވެރިކަން ހޯދުމަށެވެ. މިޤައުމުގެ ވެރިކަމުގައި މިވަޤުތު މިތިބީއަކީ ބޭރުން އަރައި ޤައުމު ހިސޯރުކޮށްގެން ތިބި ބައެއްނޫނެވެ. އެމީހުންނަށް ވެރިކަން ދީފައިވަނީ ދިވެހީންގެ ފުރިހަމަ އަޣްލަބިއްޔަތުންނެވެ. ނަމަވެސް ވެރިކަމުން އަތްދޫވި މީހުންގެ ތިރީސްއަހަރުން ނުފުރުނު ހިތް މިއަދު މިވަނީ ޚަލާސްކޮށް ދިވެހި ވެރިކަމުގައި ތިމާމެންނޫން އެހެން ބަޔަކު ތިބިޔަނުދޭނޭކަމަށް ވައުދުވެ ފިސާރިއަކަށް ރުކުރުވާލާފައެވެ. އަދި އެންމެ ބިރުވެރިމަންޒަރުމިދަނީ ފެންނަމުންނެވެ. ފާޅުގައި އިދިކޮޅުމީހުން އެބުނަނީ މިކަން ހުއްޓޭނީ ރައީސް އިސްތިއުފާ ދިނުމުންކަމުގައެވެ. އެހެން އެއްވެސް ގޮތެއް އެމީހުން ބޭނުމެއްނޫނެވެ.
ޤައުމުގައި މިއުފެއްދި ހައިޖާނުގަނޑުން ބޭނުންވި މިންވަރު މުޅީން ޙާސިލް ނުވުމުން މިހާރު މިފެންނަނީ ތާރީޚް އަނބުރާ އިއާދަކުރާން އުޅޭތަނެވެ. ބޭރު ޤައުމުތަކަށްގޮސް ބޭރުގެ ނުފޫޒާ ބާރު މިހައިޖާނުގެ ތެރެއަށް ވެއްދުމައް އެދަނީ މަސައްކަތްކުރަމުންނެވެ. އާޚިރު ނަތީޖާ ނިމިގެންދާނީ ކިހާވަރެއްގެ ހިތިރަހައެއް ދިވެހީންގެ އަރުތެރޭގައި ލައްވާފައި ކަމާމެދު އޮތީހީކޮށްލުމެވެ. ޔަޤީނުންވެސް މިޤައުމުގެ މަސްލަޙަތާ ސަލާމަތަށް އެދި ދިވެހީންނަށްވުރެ އިޚްލާސްތެރި ބަޔަކު ބޭރުން އަތުވެދާނެބާއޭ މިއީއުފެދޭ ސުވާލެކެވެ. ޖަވާބުއޮތީ ތިބާގެ ފުށުގައެވެ. އެހެނީ މިއީ ތިބާގެވެސް ޤައިމެވެ. ހުރިހާ ގެއްލުމަކާ ހަލާކެއްވިޔަސް ފައިދާއެއްވިޔަސް ތިބާދެކޭނެއެވެ.