ސިޔާސީ ކަންކަމުގައި ނުހިމެނޭ މައިންބަފައިންނަށް ހަސަދައާއި ހަތުރުވެރިކަމުގެ ދުއްތުރާ ކުރެއްވުން ހުއްޓާލެއްވުމަށް ކުރާ އިލްތިމާސް

noosbayan

ސިޔާސީ ކަންކަމުގައި ނުހިމެނޭ މައިންބަފައިންނަށް ހަސަދައާއި ހަތުރުވެރިކަމުގެ ދުއްތުރާ ކުރެއްވުން ހުއްޓާލެއްވުމަށް ވާދަވެރި ސިޔާސީ ފަރާތްތަކަށް އެމްޑީޕީއިން އިލްތިމާސް ކުރަމެވެ.

އެމްޑީޕީގެ ޕާލިއަމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ ތޮއްޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އޮނަރަބްލް ޢަލީ ވަހީދުގެ މައްޗަށް ތުހުމަތުކުރެވޭ  މައްސަލައެއްގެ ތަހުގީގަށް ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ބައްޕަ މުހަންމަދު ވަހީދު މިރޭ (15 ޖުލައި 2013 ދުވަހުގެރޭ) 9 ޖަހާއިރަށް ފުލުސް އޮފީހަށް ހާޒިރުކުރާނެ ކަމަށް ފުލުހުން ވަނީ އާންމުކޮށް ބުނެފައެވެ.

މާތްރަސްކަލާނގެ ހަރާމް ކުރައްވާފައިވާ ބޮޑެތި ޖަރީމާ ތަކާއި ބަޣާވާތެއް ހިންގެވުމުގައި ފާޅުގައި ހަރަކާތްތެރިވެވަޑައިގެންނެވި ދިވެއްސަކު ޕޮލިސްކަމިޝަނަރުގެ މަގާމަށް އިސްވެވަޑައިގެން އެހުންނެވީ ގާނޫނާ އެއްގޮތްވާގޮތުގެ މަތިންތޯ ބައްލަވާ މައްސަލާއެއްގައި، ފުލުހުންގެ މުއައްސަސާއަށް އަމުރު ހިންގަވާ ޢަބްދުﷲ ރިޔާޒު ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރައްވާ މިންވަރު ބައްލަވާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރެއްވުމަށް އަންގަވާފައޮތް ގަޑިއާ ދިމާކޮށް އެކޮމިޓީގެ މުގައްރަރުގެ ބައްޕަ ފުލުސް އޮފީހަށް ގެންދަވާ ކަމީ، އެކަމުގައި ހިމެނޭ ހަސަދައިގެ ޖަދަލު ހާމަވާ ކަމެކެވެ.

މިރާއްޖޭގެ ވެރިކަން ބަދަލުކޮށްލާފައިވަނީ ފުލުހުންނާއި ސިފައިންގެ ބަޔަކާއި އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ބޭވަފާތެރިވެ ވަޑައިގެން އަމުރަށް ނުކިޔަމަންތެރިކަން އިސްކުރައްވައިގެން ހިންގެވި ބަގާވާތަކުންކަން  އިތުބާރުގޮތެއްގައި ހާމަވެގެން ދިޔައީ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާކުރައްވާ މިންވަރު ބައްލަވާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ގެ ތަހުގީގުތަކުންނެވެ.
ރައީސް މުހަންމަދު ނަޝީދުއާއި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ އިސް އެކިބޭފުޅުންނަށް ހާނީއްކައާއި އަނިޔާކުރައްވައި އެކިބާވަތުގެ ނުސިޔާނު ޖެއްސުމާއި ޖަދަލުތައް ކުރެއްވުމުންވެސް ބޭޒާރުވުން އިތުރުވާތީ މާޔޫސްވެ ގޮތްހުސްވެގެން ކަންކަމާ ބެހުމެއްނެތް މައިންބަފައިންނަށް ހަސަދައާއި ހަތުރުވެރިކަމުގެ ދުއްތުރާ ކުރެއްވުން އެއީ އަގަލުކުޑަ ގޮތްކުޑަ އަދި ފިނޑި ޢަމަލުތަކެއްކަމުގައި އެމްޑީޕީ އިން ފާހަގަކުރަމެވެ.

މިހާރުގެ ނަހަލާލު ވެރިކަން ދެމެހެއްޓެވުމަށްޓަކާ ލާއިންސާނީ އަދި އަގަލުކުޑަ އަނިޔާކުރެއްވުމުގެ ޢަމަލުތައް އެތައް ރައްޔިތުންނަކާ ދެކޮޅަށް ހިންގަވަމުން، ފުލުސް އޮފީހަށް ގެންދިއުން އެއީ އިންޒާރުތައްކަމުގައި ހައްދަވައިގެން، ދައުލަތުގެ އެކި  މުއައްސަސާގެ ނިވަލުގައި ތިއްބެވި ބާޣީން ސިޔާސީގޮތުން ހަތުރުވެރި އަދި ގާނޫނާ ޚިލާފް ޢަމަލުތައް ހިންގެވުން ހުއްޓަވާލެއްވުމަށް އެމްޑީޕީ އިން އިލްތިމާސްކުރަމެވެ. އިތުރުވަމުންމިދާ ތާއީދާއި އެކު ރިޔާސީ އިންތިޚާބު އިރާދަފުޅާއެކު އެމްޑީޕީ އެއްބުރުން ކާމިޔާބުކުރުމަށްފަހު ބާޣީންނާއިމެދު އިންސާފުގާއިމުކުރުމަށް ފާހަގަކުރެވޭނެ ތުހުމަތުތަކާއި ޖަރީމާތައް އިތުރު ނުކުރުމަށް އެމްޑީޕީއިން ނަޞޭހަތްތެރިވަމެވެ.

15 ޖުލައި 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއޭޓް