ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު އުމްރާގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށްޓަކައި ސައުދީ ޢަރަބިއްޔާއަށް ފުރައިވަޑައިގަތުމަށް ބޭނުންފުޅުވާ ވީސާ ލިބިވަޑައިގަތުން ލަސްވަމުންދާތީއާއި އަދި އެކަމަށް ހުރަސް އަޅަމުންގެންދަނީ މިރާއްޖޭގައި މިހާރު މިއޮތް ބަޣާވާތުގެ ސަރުކާރުންކަމަށް ޤަބޫލުކުރެވޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރާހިނދު، ސަރުކާރުގެ އެ އަމަލު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އިން ހަރުއަޑުން ކުށްވެރިކުރަމެވެ.
ރައީސް މުޙައްމަދު ނަޝީދުގެ މި ދަތުރުފުޅުގެ ވިސާ ފޯމަލިޓީސް ސައުދީ ރޮޔަލް ޕްރޮޓޮކޯލްގެ ތެރެއިން ހަމަޖެހުމަށް ދުވަސް ކޮޅެއް ނަގާނެ ކަމަށް ރާއްޖޭގެ ސަރުކާރުން ބުނުމަށްފަހު، މިދަތުރުފުޅަކީ ސިޔާސީ ދަތުރުފުޅަކަށް ނުވާއިރު އަދި މިދަތުރުފުޅަކީ މާތްވެގެންވާ އަޅުކަމެއް އަދާކުރެއްވުމުގެ ދަތުރުފުޅެއްކަމަށްވާއިރު ވެސް، އެކަމުގައި އެދެވޭ މިންވަރަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މަސައްކަތް ކުރަމުން ނުދާކަން ހިތާމައާއެކު ފާހަގަކުރަމެވެ.
ދައުލަތުގެ އެންމެ މަތީ ވެރިކަން ކުރައްވާފައިވާ ކޮންމެ ބޭފުޅަކަށްމެ ޢިއްޒަތާއި ޤަދަރާއި އެކަށީގެންވާ ރައްކާތެރިކަމާއި މާލީ ޢިނާޔަތާއި އެހެނިހެން އިނާޔަތްތައް ވަކި ޚާއްޞަ ޤާނޫނަކުން ކަށަވަރުކޮށްދީފައިވާއިރު، އެކަންކަމަށް ބެލުމެއްނެތި، ރައީސް ނަޝީދުގެ މީގެކުރީގެ ދަތުރުފުޅުތަކަކަށް ވެސް ޤާނޫނު އަސާސީއާއި ޤާނޫނާ ޚިލާފަށް މިހާރު މިއޮތް ސަރުކާރުން ހުރަސް އަޅާފައިވާކަން މިފުރުސަތުގައި ވެސް ފާހަގަކުރަމެވެ.
ރައީސް ނަޝީދުގެ އުމުރާގެ ދަތުރުފުޅަށް ހުރަސް އެޅުމުގައި މިހާރު މިއޮތް ސަރުކާރަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވާކަމަށް ޤަބޫލުކުރެވެނީ މިހާރު ވެރިކަމަށް އަރައިވަޑައިގެން ހުންނެވި ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަންމަނިކު ވެސް ސިފަކުރައްވާފައިވާ ފަދައިން “ދީނީ ހަރުކަށި” އަދާލަތު ޕާރޓީކަމަށް ދެކެމެވެ.
ރައިސް ނަޝީދުގެ އުމުރާގެ ދަތުރުފުޅު، ވިސާ ފޯމަލިޓީސް ހަމަޖެހުނުހާ އަވަހަކަށް، ކުރިޔަށް ގެންދަވާގޮތަށް ހަމަޖެހިފައިވާ ކަމާއި، އެމަނިކުފާނަށް މި ރަމަޟޯން މަހުގައި ވެސް މިހާރު މިއޮތް ސަރުކާރުން އެތައް ބުރައަކާއި ދަތިތަކެއް ކުރިމަތިކުރުވާފައިވާކަން ހިތާމައާއެކު ފާހަގަކޮށް، އެކަން މިޕާރޓީން އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
10 ޖުލައި 2013
ބަޔާން ނެރުނީ: އެމް.ޑީ.ޕީ. ސެކްރެޓޭރިއޭޓް