12 ޖުލައި 2009
ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ އިންތިޚާބުގައި ލިބުނު ކާމިޔާބީގެ އަސްލަކީ މައުމޫނާއި އޭނާގެ އާއިލާ ސިޔާސީ މައިދާނުން ބޭރުކޮށްލުމަށް ކަނޑައެޅި އަޒުމް ކަމުގައި މުސްތަފާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީ މީޑިއާ ޔުނިޓަށް މިއަދު ހެނދުނު ދެއްވި ބަސްދީގަތުމެއްގައި މުސްތަފާ ވިދާޅުވީ މިދާއިރާގެ އިންތިޚާބަށް އޭނާ ކުރިމަތިލެއްވި އެންމެ ބޮޑު އެއްސަބަބަކީ “30 އަހަރު ދުވަހުގެ ޚުދުމުޚުތާރު ވެރިކަމަކަށް ނިސްބަތްވާ ބޭފުޅަކު މިދާއިރާއަށް ކުރިމަތިލައްވާފައިވާތީ، ތިމަރަފުށީ ދާއިރާގެ ގޮނޑި ތިމަރަފުއްޓަށް ނިސްބަތްވާ ރައްޔިތަކަށް ލިބުމުގެ އެންމެ ބޮޑު ފުރުޞަތެއް އޮތީ” އޭނާއަށް ކަމަށް ދެކެވަޑައިގަންނަވާތީ ކަމުގައެވެ.
“ސިޔާސީ މައިދާނުން މައުމޫނާއި އޭނާގެ އާއިލާ ބޭރުކޮށްލުމަކީ އަޅުގަނޑުގެ އެންމެ ބޮޑު އަޒުމް. އަޅުގަނޑަށް މި ގޮނޑި ކާމިޔާބު ކުރެވުނީ މިއަޒުމުގެ ސަބަބުން” މުސްތަފާ ވިދާޅުވިއެވެ. “30 އަހަރުގެ އަނިޔާވެރި ޚުދުމުޚުތާރު ވެރިކަމެއް ކޮށްފައިވާ އާއިލާއެއްގެ ބޭފުޅަކު މިދާއިރާއަށް ކުރިމަތިލާފައިވާތީ އަޅުގަނޑު ނޫން އެހެން މީހަކަށް މިކަން ކާމިޔާބު ނުކުރެވޭނެ ކަމަށް އަޅުގަނޑަށް ޔަޤީން ކުރެވޭތީ އަޅުގަނޑު މިދާއިރާއަށް ކުރިމަތިލީ”.
ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކުރުމުގައި ދިމާވި ގޮންޖެހުންތަކަށް އިޝާރާތްކުރައްވަމުން މުސްތަފާ ވިދާޅުވީ އޭނާއަށް ތަފާތު އެކި ގޮތްގޮތުން ޖެއްސުން ކުރުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދިޔަ ކަމަށާއި، ތިމަރަފުށީ ދާއިރާއަށް ޖުމްހޫރީ ޕާޓީން ކުރިމަތިލާފައިވާ ކެންޑިޑޭޓަކީވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގަސްދުގައި އޭނާއަށް ޖެއްސުންކޮށް ވޯޓު ބައިބައި ކޮށްލުމަށް ކޮށްފައިވާ ކަމެއް ކަމުގައެވެ.
“ޖުމްހޫރީ ޕާޓީން ޚާއްސަކޮށް ގާސިމް ގެންދިޔައީ އަޅުގަނޑާ ވަރަށް ބޮޑަށް ދިމާކުރަމުން. ގާސިމް އަޅުގަނޑަށް ޖެއްސުންކުރުމުގެ ގޮތުން އަޅުގަނޑުގެ ތިމާގެ ކުއްޖަކު ލައްވާ އޭނާގެ ޕާޓީން މިދާއިރާއަށް ކުރިމަތި ލެއްވީ.” މުސްތަފާ ވިދާޅުވިއެވެ. “އަޅުގަނޑަށް ދެރަ ދޭން ހަދައިގެން ގާސިމްގެ ސަބަބުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް، އަމްޖަދުގެ ޕޮލިޓިކަލް ކެރިއާ އެދުއްވާލީ.”
މުސްތަފާ ވިދާޅުވީ ކުރީގެ ރައީސް މަރުހޫމް ނާސިރުގެ ދުވަސްވަރުން ފެށިގެން އަމްޖަދުގެ ބައްޕައަކީ ތިމަރަފުށީގެ ގާޒީކަން ކޮށް، ރައްޔިތުންގެ އިހުތިރާމާއި ގަދަރު ހޯދާފައިވާ މީހެއް ކަމަށާއި، ނަމަވެސް ގާސިމްގެ ބޭނުމަކަށް އަމްޖަދުގެ ބޭނުންކޮށް އަމްޖަދުގެ ސިޔާސީ ކެރިއާ ދުއްވާލައި އެއާއިލާ ރައްޔިތުންގެ ކުރިމަތީގައި ލަދުގަންނަވާ ލާފައިވާތީ އެކަމާ ހިތާމަކުރާ ކަމުގައެވެ.
ތިމަރަފުށީ ދާއިރާއަށް ކުރިމަތިލާފައިވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަމްޖަދު އަބްދުލް ވައްހާބަށް ތިމަރަފުށިން އެންމެ ވޯޓެއްވެސް ލިބިފައި ނުވާތީ އެކަމާ ހިތާމަކުރައްވާ ކަމުގައި މެދު ދެކުނުގެ ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުޖުތަބާވެސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ބުރާސްފަތި ދުވަހުގެ ރޭ ދެ ހާޖީ މާލަމުގައި މުސްތަފާގެ ކެމްޕެއިން ޖަލްސާއެއް ހިނގަމުން ދަނިކޮށް އެމްޑީޕީއާ އިދިކޮޅު ބަޔަކު މީހުން ބޭރު ރަށެއްގެ މާރާމާރީ ހިންގާ ގްރޫޕެއް ގޮވައިގެން އައިސް ސްޓޭޖް ފުރަގަހުގައި ތިބެ ލައުޑް ސްޕީކަރު ބޭނުންކޮށް އަޑުގަދަކޮށް ޖެއްސުންކޮށްފައިވާ ކަމަށް ވިދާޅުވެ، މިފަދަ ކަންތަކަކީ އިދިކޮޅު ސިޔާސީ ބޭފުޅުން ކޮށްގެން ވާނޭ ކަމެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި މިއިންތިޚާބުގެ ސަބަބުން އެފަދަ މީހުންގެ އަސްލު ސޫރަ ފެނިގެން ގޮސްފައިވާ ކަމުގައި މުސްތަފާ ވިދާޅުވިއެވެ.
މުސްތަފާ ވިދާޅުވީ ގޮންޖެހުމާއި ކުރިމަތިލުމަކީ އޭނާއަށް އާ ކަމެއް ނޫން ކަމަށާއި، މި އިންތިޚާބު ކާމިޔާބުކުރީ ވޭތުވެދިޔަ 30 އަހަރުގެ ގޮންޖެހުންތަކުގެ ތަޖުރިބާގެ އަލީގައި ކަމުގައި ވިދާޅުވިއެވެ.
“މިކަމުގަ އެމްޑީޕީއާ އިދިކޮޅު ފަރާތްތަކުން އަދިވެސް އެތައް ގޮންޖެހުމެއް ކުރިމަތިވާނެ. ނަމަވެސް އަޅުގަނޑު ދަންނަވާނީ ސާބިތުކަމާ އެކީ އެގޮންޖެހުންތަކާ ކުރިމަތިލުމަށް އަޅުގަނޑު މިހިރީ ތައްޔާރަށޭ. އަޅުގަނޑު މިހިރީ އެކަމަށް ހޭލައޭ. ކޮންމެ ގޮންޖެހުމަކާ ކުރިމަތިލައި އެގޮންޖެހުމަކަށް އަޅުގަނޑު ރައްދުދޭނަމޭ.”