8 ޖުލައި 2009
ވޭތުވެދިޔަ ތިރީސް އަހަރު ދިވެހި ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ މައުމޫން އަބްދުލް ޤައްޔޫމް ރައީސްކަން ކުރެއްވީ ދިވެހި ރާއްޖޭގެ ޤާނޫނާއި އެއްގޮތަށްތޯ ބެލުމަށް ކޮމިޝަނެއް އުފެއްދެވުމަށް މޯލްޑިވިއަން ނެޝަނަލް ކޮންގްރެސްގެ ލީޑަރު މުޙައްމަދު ނައީމް، ރައީސް ނަޝީދަށް ގޮވާލައްވައިފިއެވެ.
ރޭ ހެދިގޮނޑުދޮށުގައި އެމްޑީޕީ އިއްތިހާދުން ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ނައީމް ވިދާޅުވީ ” މިދިޔަ ސަރުކާރުގައި ރައީސް ކަން ކުރެއްވި ބޭފުޅާ، ރައީސްކަން ކުރެއްވީ ގާނޫނާ އެއްގޮތަށްތޯ ބެލުމަށް ކޮމިޝަނެއް އުފެއްދުމަށް ” ރައީސް ނަޝީދަށް ގޮވާލައްވާ ކަމުގައެވެ.
” މި ޤާނޫނު އަސާސީގައި އެބަބުނޭ ރައީސުލްޖުމްހޫރިއްޔާއަށް ރައީސްކަން ކުރެއްވޭނީ ޤާނޫނު އަސާސީއާ އިސްލާމީ ޝަރީއަތާ އެއްގޮތަށޭ. އެގޮތަށް ކުރައްވާފައި އޮތް ވެރިކަމެއްގެ ތެރެއިންތޯ ތިރީސް ހާސް މީހުން މަސްތުވާތަކެތީގައި ޖެއްސީ. މިކަން ބެލުމަކީ މުހިއްމު ކަމެއް. ” ނައީމް ވިދާޅުވިއެވެ. ” އަޅުގަނޑު ލޮބުވެތި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދަންނަވާލަން މިހާރު ބަހުސް ކުރެވެމުން މިދާ ބިލާމެދު، ކުރީގެ ރައީސްގެ އިނާޔަތްތައް ކަނޑައެޅުމާބެހޭ ބިލާއިމެދު ގޮތެއް ނިންމުމުގެ ކުރިން މިދަންނަވާ ކޮމިޝަނުން އޭނާ ވެރިކަން ކުރެއްވީ ރަގަޅަށްތޯ ބެލުމަކީ މުހިއްމު ކަމެކޭ. ”
ނަޢީމް އިތުރަށް ވިދާޅުވީ މިފަދަ ކޮމިޝަނަކުން މައްސަލަ ބެލުމަށް ފަހު މެނުވީ ދިވެހިރާއްޖޭގެ މާލިއްޔާއިން އެންމެ ލޯ ލާރިއެއްވެސް މީހަކަށް ދީގެން ނުވާނޭ ކަމަށާއި މިނޫން ގޮތަކަށް މިކަން ކޮށްފިނަމަ މޯލްޑިވިއަން ނެޝަނަލް ކޮންގްރެސް އިން މިކަމާ ދެކޮޅަށް އިހުތިޖާޖުކުރާނޭ ކަމުގައެވެ.
މީގެ އިތުރުން މި އެއްވުމުގައި ވާހަކަ ދައްކަވަމުން ނައީމް ވިދާޅުވީ އިދިކޮޅު ފަރާތްތަކަށް ހޯމްމިނިސްޓަރު ކަމުނުގޮސްގެން އުޅެނީ ޑްރަގްގެ ވިޔަފާރީގެ އިތުރުން ރަލުގެ ވިޔަފާރިއާއި، ގައުމު ފަސާދަ ކުރުމަށް މަގުފަހިވާފަދަ ކަންތައް ހުއްޓުވުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާތީ ކަމުގައެވެ. އަދި މިހާރު ފުލުހުން އަތުލައިގަތުމަށް މަސައްކަތްކުރަމުންދާ ޑްރަގް ޑީލަރުންނަށް އަމިއްލަޔަށް ގޮސް ދިވެހި ސަރުކާރަށް އަމާން ދިނުމަށްވެސް ނައީމް ގޮވާލެއްވިއެވެ.
އަންގާރަ ދުވަހުގެރޭ އެމްޑީޕީ އިއްތިހާދުން ބޭއްވި މި އެއްވުމުގައި އެމްޑީޕީއާއި، ގައުމީ އިއްތިހާދުގެ އިތުރުން އެމްއެންސީ އާއި އަދާލަތު ޕާޓީ އާއި މަސްތުވާތަކެއްޗާދެކޮޅަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޯރ ވިމެން އަގައިންސްޓް ޑްރަގްސް (ސްވަޑް) ގެ ފަރާތުން ބޭފުޅުން ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.