ލިޔުނީ:ޝަހީދާ
ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ )އެމްޑީޕީ(ގެ “އެއްބުރުން” ކެމްޕެއިން ޖަލްސާ މިރޭ ) 28 ޖޫން 2013 – ހުކުރު(މ. ދިއްގަރުގައި އޮންނާނެއެވެ.
އެމްޑީޕީއިން މިހާރު މ. އަތޮޅުގައި ކުރަމުންދާ ކެމްޕެއިން ދަތުރުގައި ޒިޔާރަތް ކުރި ރަށްތަކުން އެމްޑީޕީއަށް ލިބޭ ތާއީދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަކަން ފާހަގަ ކުރައްވާ މ. އަތޮޅުގެ ކޯޑިނޭޓަރ މުޙައްމަދު ޝިޙާބު ވިދާޅުވީ ޒިޔާރަތް ކުރި ކޮންމެ ރަށަކުންވެސް އެމްޑީޕީގެ ކެމްޕެއިން ޓީމަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔައިފައިވާކަމަށާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައިސް މުޙައްމަދު ނަޝީދު އެއްބުރުން ހޮވުމަށް މ. އަތޮޅުގެ ގިނަ ރައްޔިތުން ދަނީ ފޯރީގައި ކެމްޕެއިންގެ މަސައްކަތް ކުރަމުންކަމުގައެވެ. މުޙައްމަދު ޝިޙާބު އިތުރަށް ވިދާޅުވީ، މ. އަތޮޅުގެ މުލަކުން ނާއި، ދިއްގަރުން މހާރު އެމްޑީޕީއަށް ލިބޭ ތާއީދު އެތައް ގުނަޔަކަށް ވަނީ އިތުރުވެފައި ކަމުގައެވެ. އަދި އެމްޑީޕީގެ ކެމްޕެއިން ޓީމަށް ވަރަށް ޖޯޝައި ފޯރީގެ މަރުޙަބާ ވަނީ ކިޔާފައިކަމުގައެވެ.
މި ފަހަރުގެ މި ދަތުރުގައި މިހާތަނަށް މ. އަތޮޅުން ޒިޔާރަތް ކުރި ރަށްތަކުގައި އެއްބުރުން ކެމްޕެއިން ހަރަކާތް ވަރަށް ފޯރީގައި ކުރިޔަށް ގެންދެވުނުކަމުގައި ޝިޙާބު ވިދާޅުވިއެވެ. މީގެ ތެރޭގައި ރައްޔިތުންގެ ހާލު ބެލުމަށް ދޮރުން ދޮރަށް ހިނގުމާއި، ކަންމަތީ ބައްދަލުވުން ބޭއްވުމާއި އާއްމު ރައްޔިތުންނާ ބައްދަލު ކުރުމާއި، އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތެރިންނާއި އަަދި ރަށްރަށުގެ ކައުންސިލަރުންނާއި ބައްދަލުކުރުންތައް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
މ. އަތޮޅުގައި މި ކެމްޕެއިން ދަތުރުގައި، މިއަދާ ހިސާބަށް ޒިޔާރަތް ކުރެވުނު ރަށްތަކަކީ، ވޭވަށް، މުލަކު، ރަތްމަންދޫ، މަޑުއްވަރީ އަދި ދިއްގަރަށެވެ. މީގެ އިތުރުން މާދަމާ މި އަތޮޅުން ކޮޅުފުއްޓަށާއި، ނާލާފުއްޓަށާއި އަދި މުއްޔަށް ޒިޔާރަތްކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މާދަމާ ނިންމާ މި ދަތުރުގެ ބައިވެރިންގެ ތެރޭގައި މ. އަތޮޅަށް ކަނޑައަޅާފައިވާ ކޯޑިނޭޓަރ މުޙައްމަދު ޝިޙާބުގެ އިތުރުން، ނާއިބު ކޯޑިނޭޓަރ އަޙްމަދު އާދިލާއި، ތޮއްޑު ދާއިރާގެ މަޖިލިސް މެމްބަރު އަލީ ވަޙީދާއި، މިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ރިޒާއާއި، ކެލާ ދާއިރާގެ މަޖިލިސް މެމްބަރ މުޙައްމަދު ޝިފާޒާއި އަދި ދ. ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާތިރު އަބްދުލްރަޙްމާނު ހިމެނިވަޑައިގަންނަވައެވެ.