7 ޖުލައި 2009
މިދިޔަ ޖޫން މަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަންގައި އޮންނަ ސިޔާސީ ޕާޓީތަކުގެ ރަޖިސްޓްރީގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގައި 22458 މީހުން ހިމެނިފައިވާ ކަމަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އައިޝަތު އާނިޔާ ވިދާޅުވެއްޖެއެވެ.
އާނިޔާ ވިދާޅުވީ 5 ޖުލައި 2009 ވަނަ ދުވަހު ޕާޓީއަށް ވަންނަން އެދި އަލަށް ހުށަހަޅާފައިވާ 970 މީހުންގެ ތަފްސީލު އިލެކްޝަންސް ކޮމިޝަނަށް 5 ޖުލައި 2009 ގައި ފޮނުވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ ހަފުތާއެއްގެ ތެރޭގައި އެ މީހުން އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި އިލެކްޝަން އޮފީހުގައި ރަޖިސްޓްރީ ވާނެކަމަށް އުންމީދުކުރާކަމަށް އޭނާ ވިދާޅުވިއެވެ.
“އަލަށް އެމްޑީޕީއާ ގުޅޭ މީހުންގެ މައުލޫމާތު ޕާޓީން އިލެކްޝަންސް އަށް ފޮނުވުމަށްފަހު އެކަން އަވަސް ކުރުމަށް އަޅުގަނޑުމެން ގެންދަނީ އެ ކޮމިޝަނާ ގުޅަމުން.” އާނިޔާ ވިދާޅުވިއެވެ. “އެކަމަށް ބައެއް ފަހަރު އިލެކްޝަންސް ކޮމިޝަނުން 3 ހަފުތާއަށްވުރެވެސް ދިގު މުއްދަތު ނަގާ.”
އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ މީހުންގެ ތެރޭގައި ބައެއް ރަށްރަށުން ވަރަށް ގިނަ އަދަދެއް ހިމެނޭކަމަށްވެސް އާނިޔާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ލ އިސްދޫ އާއި ލ ހިތަދޫ އާއި އއ ތޮއްޑޫ އާއި ގއ ދާންދޫ އާއި ރ އިންނަމާދޫ އަދި ގދ ގެމަނަފުށި ހިމެނޭކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އާނިޔާ ވިދާޅުވީ އަލަށް އެމްޑީޕީއާ ގުޅޭ މެމްބަރުން އިލެކްޝަންސް އޮފީހުގެ ރަޖިސްޓްރީގައި ހިމެނުން ލަސްވަމުންދާ މިންވަރަކަށް އެކަމުގެ ޝަކުވާ ޕާޓީއަށް ވަރަށް ބޮޑަށް ލިބެމުންދާ ކަމަށެވެ.
“އަޅުގަނޑުމެން ބަލަން ޕާޓީއަށް ވަނުމަށް އެދި މީހަކު ފުރާފައިވާ ފޯމެއް ސެކްރެޓޭރިއަޓްއަށް ލިބޭއިރަށް އޭގައިވާ މައުލޫމާތު ވީހާވެސް އަވަހަކަށް އިލެކްޝަންސް އަށް ފޮނުވޭތޯ. ބައެއް ފަހަރު ޕާޓީގެ ސެކްރެޓޭރިއަޓުން އެކަން ކުރުން ލަސްވެފައި އެބަހުރި ބައެއް ސަބަބުތަކާހުރެ.” އާނިޔާ ވިދާޅުވިއެވެ. “މިހާރު އަމާޒުކޮށްފައި އޮންނާނީ ކޮންމެ ބުދަ ދުވަހެއްގެ 12.00 ގެ ކުރިން ވަންނަ ފޯމުތަކުގެ ތަފްސީލު ޖެހިގެން އަންނަ ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމަށް.”
ސެކްރެޓަރީ ޖެނެރަލް އާނިޔާ ވިދާޅުވީ އެމްޑީޕީގެ މެމްބަރަކަށް ވުމަށް އެދި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަރަށް ގިނަ އަދަދެއްގެ މީހުން ފޯމު ފުރާފައި ހުށަހަޅަމުންދާ ކަމުގައެވެ.
“ވަރަށް ގިނަ އަދަދެއްގެ މީހުން އެމްޑީޕީއާ ގުޅެމުން މިހާރު މި އަންނަނީ. މިއީ މި ޕާޓީއަކީ ރައްޔިތުން އެދޭފަދަ، ތަސައްރަފު ފުދިފައިވާ، ޑިމޮކްރެޓިކް އުސޫލުތައް ހިމެނޭ، ރައްޔިތުން ގަބޫލުކުރާ ފެންވަރުގެ ޕާޓީއެއްކަން ދޭހަކޮށްދޭ ވަރަށް ބޮޑު ހެއްކެތް.”